އިނގިރޭސި ޕްރިމިއާ ލީގުގައި ތާވަލުގެ ކުރީގައި އޮތް ލިވަޕޫލް، އެސްޓަން ވިލާއާ ދެކޮޅަށް ރޭ ކުޅުނު މެޗު 2-2ގެ ނަތީޖާއަކުން އެއްވަރުވެއްޖެ އެވެ.
މި ނަތީޖާއާ އެކު ލިވަޕޫލްގެ ޕޮއިންޓް 61 އަށް އަރައި، ދެވަނައިގައިވާ އާސެނަލްއަށް ވުރެ 8 ޕޮއިންޓް އިތުރު ލީޑެއް ލިބިފައިވެ އެވެ. އާސެނަލްއަށް 25 މެޗުން ލިބިފައިވަނީ 53 ޕޮއިންޓެވެ.
ވިލާ ޕާކުގައި 41,000 އަށް ވުރެ ގިނަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ 29 ވަނަ މިނެޓުގައި މުހައްމަދު ސަލާހު ވަނީ ލިވަޕޫލަށް ލަނޑެއް ޖަހައިދީފަ އެވެ. މިއީ މި ސީޒަނުގައި ސަލާހު ޕްރިމިއާ ލީގުގައި ޖެހި 24 ވަނަ ލަނޑެވެ. އޭނާ ވަނީ މި ސީޒަނުގައި 15 އެސިސްޓްވެސް ދީފަ އެވެ.
ލިވަޕޫލް ކުރިއަށް ދިޔަތާ ގިނަ އިރުތަކެއް ނުވަނީސް، 38 ވަނަ މިނެޓުގައި ޔޫރީ ޓިއެލެމަންސް ވަނީ އެސްޓަން ވިލާއަށް ލަނޑެއް ޖަހާ މެޗު އެއްވަރުކޮށްފަ އެވެ. އަދި ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އޮލީ ވޮޓްކިންސް ވަނީ ދެވަނަ ލަނޑު ޖަހާ ވިލާއަށް މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ހޯދައިދީފަ އެވެ.
މެންޗެސްޓަ ޔުނައިޓެޑުން ލޯނުގައި އެސްޓަން ވިލާއާ ގުޅުނު މާކަސް ރަޝްފޯޑް، ވިލާގެ ޖާޒީގައި ފުރަތަމަ މެޗުގައި ރަނގަޅު ކުޅުމެއް ރޭ ދައްކާފައިވެ އެވެ. މެޗުގެ ފުރަތަމަ ހާފުގައި ރަޝްފޯޑް ފޮނުވާލި ބޯޅައެއް ވެންޑައިކްގެ ގައިގައި ޖެހި ލިވަޕޫލްގެ ގޯލަށް ވަދެފައިވާއިރު، ރެފްރީ ވަނީ އެއީ އޮފްސައިޑް ލަނޑެއް ކަމަށް ނިންމާފަ އެވެ.
ލިވަޕޫލުން މެޗުގެ ނަތީޖާ އެއްވަރުކުރީ 61 ވަނަ މިނެޓުގައި އެލެކްޒެންޑަރ-އާނޯލްޑް ޖެހި ލަނޑުންނެވެ.
ލިވަޕޫލްގެ ދެން އޮތް މެޗަކީ އަންނަ އާދިއްތަ ދުވަހު މެންޗެސްޓަ ސިޓީއާ ދެކޮޅަށް ކުޅޭ މެޗެވެ. އެ މެޗަކީ ލިވަޕޫލަށް ފަސޭހަ މެޗަކަށް ނުވާނެ އެވެ.
މި ވަގުތު 26 މެޗު ކުޅެ ލިވަޕޫލަށް 61 ޕޮއިންޓް ލިބިފައިވާއިރު، އެސްޓަން ވިލާއަށް 26 މެޗުން 39 ޕޮއިންޓް ލިބި އެޓީމު އޮތީ ތާވަލުގެ 9 ވަނައިގަ އެވެ.