- އެޕާޓްމެންޓްގައި ދިރިއުޅުނީ ހަ މީހުންގެ އާއިލާއެއް
- ޑިޒާސްޓާއިން ދަނީ އާއިލާއަށް އެހީ ފޯރުކޮށްދެމުން
- ވަގުތީ ހިޔާ ފޯރުކޮށްދޭން ޖެހޭ ނަމަ ފޯރުކޮށްދޭނެ
މާލޭގެ ސިނާމާލެ 1 ގެ ފްލެޓް އިމާރާތުގެ އެޕާޓްމެންޓެއްގައި ރޯވެ ވަރަށް ބޮޑަށް އަނދައިފި އެވެ. މިއަދު މެންދުރު ފަހު އަލިފާން ރޯވި އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވެއެވެ. އަލިފާން ރޯވީ ތިން ކޮޓަރީގެ އެޕާޓްމަންޓެއްގަ އެވެ. އެ އެޕާޓްމެންޓައިރޯވެފައި ވަނީ ބޭނުން ނުކޮށް، ބައެއް ތަކެތި ބަހައްޓާފައި ހުންނަ ގުދަނެއްގެ ގޮތުގައި ބޭނުން ކުރާ ކޮޓަރިއެއްގަ އެވެ. އެ ހާދިސާގައި އެޕާޓްމަންޓްގައި ހުރިހާ ތަކެއްޗެއް އަނދައިގެން ގޮސްފައިވާއިރު ބޮޑެތި ގެއްލުންތައް ވަނީ ލިބިފައެވެ.
އަލިފާނުގެ މި ހާދިސާ އައީ މިއަދު މެންދުރު ފަހު 2:30 ހާއިރު އެވެ.
ފަސް ބުރީގެ ފްލެޓް އިމާރާތުގެ އެންމެ މަތީ ބުރީގައި ހުންނަ އެޕާޓްމަންޓްގައި ރޯވި އިރު އެ އެޕާޓްމެންޓްގައި ދިރިއުޅޭ މީހުން ގޭގައ ނޫޅެ އެވެ. އެމީހުން އޭރުވީ ހުޅުމާލޭގަ އެވެ. އަދި ފަހުން އެމީހުންނަށް އެ ހަބަރު ލިބިގެން މާލެ އައިސް އެ ސަރަހައްދަށް ދެވުމާއެކު އޭގެ ތެރެއިން ގިނަ ބަޔަކަށް އަސަރުކޮށް ރޮވެން ފެށުމުން ސިފައިން ވަނީ އެ އާއިލާ އެ ސަރަހައްދުން ގެންގޮސްފައެވެ. މަންޒަރު ދުށް ބައެއް މީހުން ބުނީ ސިފައިން އެމީހުން ގެންދިޔައީ ކައުންސިލިން ދިނުމަށާއި ވަގުތީ އެހީ ފޯރުކޮށް ދިނުމަށް ކަމަށެވެ.
ރޯވިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި މުޅި ސަރަހައްދަށް ބޯ ދުންގަނޑު ފެތުރި ހުޅު ފަޅައިގެން ދިޔަ ނަމަވެސް ސިފައިންގެ ފަޔާ އެންޑް ރެސްކިއު ޓީމްތައް ވަދެ ވަނީ ފެންޖަހައި ވިއްސަކަށް މިނެޓްގެ ތެރޭގައި އަލިފާން ކޮންޓްރޯލްކޮށްފަ އެވެ. އަލިފާން ކޮންޓްރޯލްކޮށްފައި ވަނިކޮށް ދެވަނަ ފަހަރަކަށް ވެސް ރޯވި އެވެ. ނަމަވެސް އަލުން ފެންޖަހައި ވަނީ ނިއްވާލާފައެވެ.
މިއަދު އަލިފާންގަނޑު ރޯވި ވަގުތު ސިނަމާލެ 1 ގެ އެހެން އެޕާޓަމެންޓްތަކުގައި ދިރިއުޅެމުންދިޔަ މީހުން ވެސް އިމާރާތް ދުކޮށް ބޭރަށް ނުކުތެވެ. އަދި ރޯވި ވަގުތު އިމާރާތުގެ ތެރެއިންނާއި އިމާރާތުން ފޭބި މީހުން މަގުމަތީގައި ތިބެ ރޮމުންދިޔަ ކަމަށް މަންޒަރު ދުށް މީހުން ބުންޏެވެ.
އަލިފާން ނިއްވާލުމުން ފުލުހުން ގެންދަނީ އެ ހާދިސާ ބަލައި ތަހުގީގު ކުރަމުންނެވެ. މި ހާދިސާގައި އެހެން އެޕާޓްމެންޓްތަކަށް ވެސް އަސަރު ކުރި އެވެ.
ނޭޝެނަލް ޑިޒާސްޓާ މެނޭޖެމެންޓް ސެންޓަރުން ބުނީ އަލިފާނުގެ ހާސިދާ ހިނގުމާއެކު އެ އާއިލާއާ ބައްދަލުކޮށްފައިވާ ކަމަށައި ނަމަވެސް ތަހުގީގު ކުރިޔަށްދާތީ އެޕާޓްމަންޓަށް ވަދެވޭ ގޮތް ނުވާތީ ލިބިފައިވާ ގެއްލުމުގެ ތަފުސީލު އަދި ސާފު ނުވާ ކަމަށެވެ.
އެ ސެންޓަރުން ބުނީ ހަތް މީހަކު ދިރިއުޅޭ އެ އާއިލާގެ އެޕާޓްމެންޓްގައި ރޯވި އިރު ބައެއް މީހުން ތިބީ ހުޅުމާލޭގައި ކަމަށާއި މިވަގުތު އެ އާއިލާއަށް ދޭންޖެހޭ ހުރިހާ އެހީތެރި ކަމެއް ފޯރުކޮށް ދެމުން އަންނަ ކަމަށެވެ. އަދި ވަގުތީ ބޯހިޔަވާހިކަން ދޭންޖެހޭނަމަ އެކަން ކޮށްދޭނެ ކަމަށާއި އެ އާއިލާ މިވަގުތު ހުޅުމާލޭގައި ތިބުމުން އެގޮތަށް ތިބެން ބޭނުންވެއްޖެ ނަމަ އެކަމަށް ވެސް ހުރަސް ނާޅާނެ ކަމަށެވެ.