ތިނަދޫ ސިޓީގައި ތަރައްގީ ކުރަމުންދާ އިންޑަސްޓްރިއަލް ޒޯނުގެ 88 ޕަސަންޓް މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީ އިން ބުނެފި އެވެ.
ދެކުނުގެ ސަރަހައްދީ ވިޔަފާރި ބަނދަރެއް ހިމެނޭ މި މަޝްރޫއުގެ މައިގަނޑު ބައިތަކުގެ ގިނަ މަސައްކަތްތައް މިހާރު ވަނީ ފުރިހަމަކޮށްފަ އެވެ.
މި މަޝްރޫއުގެ ދަށުން ތިނަދޫ ސިޓީގައި 10 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތްވެސް ވަނީ ނިމިފަ އެވެ. މި މަޝްރޫއުގައި ކުރަންޖެހޭ މަސައްކަތްތަކުގެ ތެރެއިން ރިވެޓްމަންޓް ޖެހުމުގެ މަސައްކަތުގެ 77 ޕަސަންޓް މަސައްކަތާއި، އެއްގަމު ތޮށި ޖެހުމުގެ މަސައްކަތުގެ 96 ޕަސަންޓް މަސައްކަތާއި ތިނަދޫއާއި އިންޑަސްޓްރިއަލް ޒޯން ގުޅުވައިދޭ ކޮންކްރީޓް ބްރިޖްގެ 65 ޕަސަންޓް މަސައްކަތްވެސް މިހާރު ވަނީ ނިންމާފަ އެވެ.
ތިނަދޫ އިންޑަސްޓްރިއަލް ޒޯންގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި 2022 ވަނަ އަހަރު އެވެ.
މިމަޝްރޫއުގެ ދަށުން އިންޑަސްޓްރިއަލް ޒޯނުގައި ސަރަޙައްދީ ބަނދަރެއްގެ އިތުރުން، ސަރަޙައްދުގެ މަސްވެރިންނަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދިނުމަށް 1,000 ޓަނުގެ މަސް ފިނިކުރާ ކޯލްޑް ސްޓޯރޭޖެއް ގާއިމުކުރުމުގެ މަސައްކަތްވެސް ކުރަމުން އެބަދެ އެވެ. އެ މަސައްކަތް ކުރަނީ މިފްކޯ އިންނެވެ.
ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީ ވިދާޅުވީ އިންޑަސްޓްރިއަލް ޒޯންގައި ކުރިއަށް ގެންދެވެނީ ސްކޯޕް ބޮޑެތި އަދި ދިގު މުއްދަތުގެ ޕްލޭންތަކަށް ކުރިއަށްގެންދާ މަޝްރޫއުތަކެއް ކަމަށެވެ.
"އިންޑަސްޓްރިއަލް ޒޯން ތަރައްގީކުރަނީ ރަށުގެ މަލަމައްޗަށް ވުމުން، ރަށަށް ފައިދާވާ ބޮޑެތި އިންވެސްޓްމަންޓްތަކަށް ޖާގަ ދިނުމަކީ ކައުންސިލްގެ ވިސްނުމެއް. ކޯލްޑް ސްޓޯރޭޖް ކުރިން ތަރައްގީކުރުމަށް ނިންމާފައިވަނީ ރަށުގެ ހިއްކި ސަރަހައްދުގައި ނަމަވެސް، އެ މަސައްކަތް ފަހުން އިންޑަސްޓްރިއަލް ޒޯނަށް ބަދަލުކުރީ މި ސަބަބަށްޓަކަައި،" މޭޔަރު ވިދާޅުވި އެވެ.
ޕޯޓުގެ ތަރައްގީއަށް ބަލާއިރު 90 މީޓަރުގެ ތޮށި ވަނީ ބަނދަރުގައި ލާފަ އެވެ. ޕޯޓު ތަރައްގީކުރަނީ ބޭރު ތޮށްޓަށް އުޅަނދުތައް ކައިރިކޮށް މުދާ އަރުވާ ބޭލޭ ފެންވަރަށެވެ. މި މަސައްކަތަށް ބޭނުންވާ ކްރޭނުތައް ހަރުކުރުމުގެ މަސައްކަތްވެސް ކުރިއަށް އެބަދެ އެވެ.