ހަބަރު

ތިނަދޫ ހޮސްޕިޓަލް ބޮޑު ކުުރުމުގެ މަސައްކަތް ފަށައިފި

ގދ. ތިނަދޫ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ޖާގަ އިތުރު ކުރަން މަސައްކަތް ފަށައިފި އެވެ.

ހެލްތު މިނިސްޓްރީން އެމްޓީސީސީ އާ ހަވާލު ކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ މަސައްކަތް މިއަދު ވަނީ ފަށާފަ އެވެ. އެމްޓީސީސީން މިއަދު ބުނީ މަސައްކަތް ކުރާ ސަރަހައްދު ހުސްކޮށް، ސާފު ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.

އެ ހޮސްޕިޓަލްގެ ޖާގަ އިތުރު ކުރަން އެމްޓީސީސީ އާ ހަވާލު ކޮށްފައި ވަނީ މިދިޔަ އަހަރު އޮކްޓޫބަރު މަހު އެވެ. މަސައްކަތުގައި އެމަޖެންސީ ރޫމާއި ލޭބާ ރޫމަކާއި އޯޕީޑީ ސަރަހައްދު އަދި ޕްރައިވެޓް ރޫމްތައް ބޮޑު ކުރާނެ އެވެ. އަދު މި ޕްރޮޖެކްޓަށް 33.5 މިލިއަން ރުފިޔާ ހަަރަދު ކުރާނެ އެވެ.

ތިނަދޫ ހޮސްޕިޓަލަކީ ހުވަދޫގައި ހުންނަ ހޮސްޕިޓާ ތަކުގެ ތެރެއިން ރީޖަނަލް ހޮސްޕިޓަލެއްގެ ގޮތުގައި ސިއްހީ ހިދުމަތްދޭ އެންމެ ބޮޑު އެއް ހޮސްޕިޓަލެވެ. އަދި އެ ސަރަހައްދުގެ ގިނަ ބަޔަކު ބޭސްފަރުވާ އަށް މި ހޮސްޕިޓަލަށް ދާއިރު ހޮސްޕިޓަލުގެ ޖާގައިގެ ދަތިކަން ކުރިން ވެސް ވަނީ ދިމާވެފަ އެވެ.

ސަރުކާރުން މި ހޮސްޕިޓަލް ވަނީ ރާއްޖޭގެ ފަސް ސަރަހައްދުގައި ޓާޝަރީ ފެންވަރަށް ތަރައްގީ ކުރާ ހޮސްޕިޓާ ތަކުގެ ލިސްޓުގައި ވެސް ހިމަނާފަ އެވެ. ފަސް ހޮސްޕިޓަލެއް ޓާޝަރީ ފެންވަރަށް ބަދަލު ކުރާއިރު އެކަމަށް 90 މިލިއަން ރުފިޔާ މިއަހަރުގެ ބަޖެޓުގައި ހިމެނި އެވެ.