އުރީދޫ

އުރީދޫ މަސްރޭސް މި އަހަރު ތިން ރަށެއްގައި

ކޮންމެ އަހަރަކު ބާއްވަމުން އަންނަ މަސްވެރިކަމުގެ މުބާރާތް އުރީދޫ "މަސްރޭސް" 2024 އިއުލާނުކޮށްފި އެވެ.

އުރީދޫ މޯލްޑިވްސްގެ 19 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަހަރުގެ މަސްރޭސް ބޭއްވުމަށް ނިންމާފައިވަނީ މި އަހަރުގެ އޮގަސްޓް މަހު އެވެ.

އެ ކުންފުނިން ބުނި ގޮތުގައި މި މުބާރާތް ވެގެން ދާނީ ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު އަދި އެންމެ ކުލަ ގަދަ މަސްވެރިކަމުގެ މުބާރަތަށެވެ. އެހެން އަހަރުތަކާ ހިލާފަށް މި އަހަރުގެ މުބާރާތް ތިން ރަށެއްގައި ކުރިއަށް ގެންދަން އުރީދޫ އިން ވަނީ ނިންމާފަ އެވެ.

އެ ގޮތުން މި މުބާރާތް ބޭއްވުމަށް ހަަމަޖެހިފައިވަނީ ކ. ހިންމަފުށި، ޅ. ނައިފަރު އަދި ގދ. ތިނަދޫ ސިޓީގަ އެވެ.

މުބާރާތުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ކ. ހިންމަފުށީގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ. މި ބައްދަލުވުމުގައި އުރީދޫން ވަނީ މި އަހަރުގެ މަސްރޭސް ފިޝަރީޒް މިނިސްޓްރީއާ ގުޅިގެން ކުރިއަށް ގެންދާކަން އިއުލާނުކޮށްފަ އެވެ.

އުރީދޫ އިން ބުނި ގޮތުގައި އުރީދޫ މަސް ރޭހަށް ހާއްސަކޮށްފައިވާ ޕޯޓަލް މެދުވެރިކޮށް އެ މުބާރާތައް ރަޖިސްޓްރީވެވޭނެ އެވެ.

އުރީދޫ މޯލްޑިވްސްގެ މަސްރޭހުގައި ބައިވެރިވުމަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލުމުގެ ރަސްމިއްޔާތުގައި ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހާލިދު އަލް ހަމާދީ ވިދާޅުވީ މުބާރާތް އިންތިޒާމް ކުރުމުގައި ފިޝަރީޒް މިނިސްޓްރީއާ ގުޅިގެން މަސައްކަތް ކުރުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"އަޅުގަނޑުމެން ރާއްޖޭގައި ހިދުމަތް ފޯރުކޮށްދިނުމުގައި 19 ވަނަ އަހަރީ ދުވަސް ފާހަގަކުރަން ތައްޔާރުވަމުން އަންނައިރު، އުރީދޫ މަސްރޭހުގެ ފޯރިއާއި އުފާވެރިކަމުގައި ގިނަ ބަޔަކަށް ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން، ރާއްޖޭގެ ތިން ސަރަހައްދެއްގައި މިއަހަރުވެސް މަސް ރޭސް ބޭއްވިގެންދާނެ،" ހާލިދު ވިދާޅުވި އެވެ.

މަސްރޭހުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލުމުގެ ރަސްމިއްޔާތުގައި ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު މުއްތަލިބު ވިދާޅުވީ އުރީދޫ މަސްރޭހުގެ ޕާޓްނަރަކަށްވުމަކީ ލިބޭ އުފަލެއް ކަމަށާއި އަމާޒަކީ އާދަކާދަތައް ދަމަހައްޓަން މުޖުތަމައުތައް ބާރުވެރިކުރުވައި، އަންނަން އޮތް ޖީލުތަކަށް ކަނޑުގެ ވަސީލަތްތައް ރައްކާތެރިކުރުމަށް ހޭލުންތެރިކަން އިތުރުކުރުން ކަމަށެވެ.

"މަސްރޭހަކީ މުބާރާތެއްގެ އިތުރުން، އަޅުގަނޑުމެންގެ މުޖުތަމައުތަކުގެ އެއްބައިވަންތަކަމާއި އެކުވެރިކަން ދައްކުވައިދޭ، މަސްވެރިކަމުގެ ސަގާފަތް ދައްކުވައިދޭ ހަރަކާތެއް،" މުއްތަލިބު ވިދާޅުވި އެވެ.

މުބާރާތުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ވަނީ އިއްޔެ އިން ފެށިގެން މިމަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފަ އެވެ.

އުރީދޫ އިން ބުނި ގޮތުގައި މިމަހުގެ 17 ވަނަ ދުވަހުން ފެށިގެން 24 ވަނަ ދުވަހުގެ ނިޔަލަށް އުރީދޫ އިން ބުނި ގޮތުގައި ކޮންމެ ޓީމެއްގައި ކެޕްޓަނާއި އޮފިޝަލުން ހިމެނޭ ގޮތަށް އަށަކާއި 12 އާ ދެމެދުގެ އަދަދަކަށް މެންބަރުން ތިބެންޖެހޭނެ އެވެ.

މުބާރާތް ފެށުމަށް ހަމަޖެހިފައިވާ ދުވަސްތައް

  • ހިންމަފުށި - އޮގަސްޓް 9
  • ތިނަދޫ ސިޓީ - އޮގަސްޓް 16
  • ނައިފަރު - އޮގަސްޓް 23

އުރީދޫ މަސްރޭހުގައި ކޮންމެ ހިސާބަކުން ވެސް އެންމެ ގިނަވެގެން 16 ޓީމު ވާދަކުރާނެ އެވެ. 16 ޓީމަށް ވުރެ ގިނައިން ރެޖިސްޓާވެފައިވާ ނަމަ ބައިވެރިވާ ޓީމުތައް ހޮވާނީ ގުރުއަތުން ކަމަށް އުރީދޫން ބުނެ އެވެ. އަދި ނުހޮވޭ ޓީމުތަކަށް ފުލް ރިފަންޑް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

މުބާރާތައް ވަނީ ޖުމްލަ 126،000 ރުފިޔާޣެ އިނާމު ހުށަހަޅާފަ އެވެ.

އިނާމު ދިނުމަށް ހަމަޖެހިފައިވާ ގޮތް

  • އެއްވަނަ ޓީމް: 25،000 ރުފިޔާ
  • ދެ ވަނަ ޓީމް: 10،000 ރުފިޔާ
  • ތިން ވަނަ ޓީމް: 5،000 ރުފިޔާ
  • އެންމެ މޮޅު މަސްވެރިޔާ: 1،000 ރުފިޔާ
  • އެންމެ މޮޅު އަންހެން މަސްވެރިޔާ: 1،000 ރުފިޔާ

އުރީދޫ މަސްރޭހުގައި ސަރުކާރުގެ މުއައްސަސާތަކާއި ކޯޕަރޭޓްތަކާއި އާންމުން ބައިވެރިވުމަށް އުރީދޫ މޯލްޑިވްސް އިން ވަނީ މަރުހަބާ ކިޔާފަ އެވެ.