ރާއްޖެއިން މިއަހަރު ހައްޖަށް ދާ މީހުންގެ ވައިގެ ދަތުރުތައް ހަމަޖެއްސުމަށް ހައްޖު ކޯޕަރޭޝަނުން ގައުމީ އެއާލައިން -- މޯލްޑިވިއަންއާ އެކު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.
އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި މިއަދު އޮތް ރަސްމިއްޔާތެއްގައި ހައްޖު ކޯޕަރޭޝަންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް އެވެ. މޯލްޑިވިއަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް އެވެ.
މި ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ އަހަރުތަކެއް ފަހުން ދިވެހި ހާޖީން، ދިވެހިންގެ އަމިއްލަ އެއާލައިނެއްގައި ހައްޖަށް ދިއުމުގެ ފުރުސަތު ލިބިފައި މިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހިކްމަތްތެރި ސިޔާސަތުތަކުގެ ސަބަބުން ގައުމީ އެއާލައިނަށް އައިސްފައިވާ ބޮޑު ކުރިއެރުމުގެ ސަބަބުން ކަމަށެވެ.
"މިކަން ހަގީގަތަކަށް ހެއްދެވުމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުހައްމަދު އަމީންގެ ފަރާތުން ލިބިލެއްވި އެހީތެރިކަމަށް އެމަނިކުފާނަށް ޝުކުރު ދަންނަވަން،" ޝަހީމް ވިދާޅުވި އެވެ.
މި އެއްބަސްވުމުގެ ދަށުން މިއަހަރު ރާއްޖެއިން ހައްޖަށް ދަތުރުކުރާ ހާޖީންގެ 50 އިންސައްތަ މީހުން އުފުލާނީ މޯލްޑިވިއަން ގައެެވެ.