ރާއްޖެއިން ފަސް ގައުމަކަށް ކަނޑައެޅި ނޮން-ރެސިޑެންޓް ސަފީރުންނަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުންދީފި އެވެ.
ނޮން-ރެސިޑެންޓް ސަފީރުން ކަނޑައަޅާފައިވަނީ ކެނެޑާ އާއި މިސްރާއި ބޫޓާނުގެ އިތުރުން ކުވެއިތާއި ސްވިސް ކޮންފެޑަރޭޝަނަށެވެ.
ނޮން-ރެސިޑެންޓް ސަފީރުކަމަށް އައްޔަންކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ހުށަހެޅުއްވި ބޭފުޅުންނަށް ރުހުންދޭން މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ.
ކެނެޑާގެ ނޮން-ރެސިޑެންޓް ސަފީރު ކަމަށް އައްޔަންކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހުށަހެޅުއްވީ މިހާރު އެމެރިކާއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމުގައި ހުންނެވި އަބްދުލްގަފޫރު މުހައްމަދު، މއ. އަތަމާވިލާ އެވެ.
ރާއްޖެއިން ކެނެޑާއަށް ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރު ކަމަށް އަބްދުލްގަފޫރު މުހައްމަދު އައްޔަންކުރަން ފާސްވީ ވޯޓު ދެއްވި 71 މެންބަރުންގެ އިއްތިފާގުންނެވެ.
މިސްރާއި ކުވެއިތަށް ރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރު ކަމަށް އައްޔަންކުރަން ރައީސް މުއިއްޒު ހުށަހެޅުއްވީ މިހާރު ސައުދީ އަރަބިއްޔާއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމުގައި ހުންނެވި އަހުމަދު ސަރީރު، މ. ވެސްޓްސައިޑް އެވެ.
މިސްރުގެ ނޮން-ރެސިޑެންޓް ސަފީރު ކަމަށް ސަރީރު އައްޔަންކުރަން ފާސްވީ ވޯޓު ދެއްވި 71 މެންބަރުންގެ އިއްތިފާގުންނެވެ. އަދި ކުވެއިތުގެ ނޮން-ރެސިޑެންޓް ސަފީރު ކަމަށް އޭނާ އައްޔަންކުރަން ފާސްވީ ވޯޓު ދެއްވި 73 މެންބަރުންގެ އިއްތިފާގުންނެވެ.
ބޫޓާނަށް ރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރު ކަމަށް އައްޔަންކުރަން ރައީސް މުއިއްޒު ހުށަހެޅުއްވީ މިހާރު ރާއްޖެއިން ބަންގްލަދޭޝަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސ. ހުޅުދޫ، އަސަރީގެ، ޝިއުނީން ރަޝީދު އެވެ.
ޝިއުނީން، ރާއްޖެއިން ބޫޓާނަށް ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރު ކަމަށް އައްޔަންކުރަން ފާސްވީ ވޯޓު ދެއްވި 72 މެންބަރުންގެ އިއްތިފާގުންނެވެ.
މީގެ އިތުރުން ސްވިސް ކޮންފެޑަރޭޝަނަށް ރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރު ކަމަށް އައްޔަންކުރަން ރައީސް ހުށަހެޅުއްވީ މިހާރު ޖެނީވާގައި ހުންނަ އެކުވެރި ދައުލަތްތަކުގެ މަރުކަޒުތަކަށް، ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދުގެ ނަމެވެ.
ސްވިސް ކޮންފެޑަރޭޝަންގެ ނޮން-ރެސިޑެންޑް ސަފީރުކަމަށް ސަލްމާ އައްޔަންކުރަން ފާސްވީ ވޯޓު ދެއްވި 74 މެންބަރުންގެ އިއްތިފާގުންނެވެ.