ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިންތިހާބުވި ޕާޓީ ބަދަލުކޮށްފިނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހުތައް ބާތިލްކުރަން ހުށަހަޅާފައިވާ މައްސަލައިގައި ދައުލަތުން ނެގި އިޖުރާއީ މައްސަލައަށް ފަހުން ގޮތެއް ނިންމަން ކަނޑައެޅުމަށްފަހު ހުށަހަޅާފައިވާ މައްސަލަ ކުރިއަށް ގެންދަން ސުޕްރީމް ކޯޓުން ނިންމައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިންތިހާބުވި ޕާޓީ ބަދަލުކޮށްފިނަމަ ނުވަތަ މެންބަރު ނިސްބަތްވާ ޕާޓީން ވަކިކޮށްފިނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހުތައް ބާތިލްކުރަން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވީ ކެންދޫ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އަލީ ހުސައިން އެވެ.
މިމައްސަލައިގައި އިއްޔެ ސުޕްރީމް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ދައުލަތުގެ ވަކީލުން ވިދާޅުވީ ގާނޫނުއަސާސީއަށް ރައްޔިތުންގެ މަޖިލީހުން އިސްލާހު ގެނެސްފައިވަނީ އެކަން ކުރަން އޮންނަ އިޖުރާއަތުގެ ތެރެއިން އުސޫލާ އެއްގޮތަށް ކަމަށެވެ. އެހެންކަމުން އެއީ ގާނޫނުއަސާސީގެ ބައެއް ކަމަށް ކަމަށްވާތީ އެ ގޮތަށް ގެންނަ އިސްލާހުތަކުގެ މައްސަލަ އެއްވެސް ކޯޓަކަށް ބެލޭނެ ކަމަށް ދައުލަތުން ގަބޫލު ނުކުރާ ކަމަށެވެ.
މަޖިލީހުން ގާނޫނުއަސާސީ އިސްލާހު ކުރީވެސް އިޖުރާއަތާ އެއްގޮތަށް ކަމަށްވާތީ އެ މައްސަލަ ސުޕްރީމް ކޯޓަށް ނުބެލޭނެ ކަމަށް ބުނެ ދައުލަތުން އިޖުރާއީ މައްސަލައެއް އިއްޔެ ނެގި އެވެ. ސުޕްރީމް ކޯޓުން މިއަދު ބޭއްވި އަޑުއެހުމުގައި ވަނީ އަލީ ހުސައިން ހުށަހެޅުއްވި މައްސަލައިގައި ހުކުމް ކުރާއިރު ދައުލަތުގެ އިޖުރާއީ މައްސަލައާ މެދު ގޮތްތަކެއް ނިންމާނެ ކަމަށް ކަނޑައަޅައި ހުށަހަޅާފައިވާ މައްސަލައިގައި ކުރިއަށް ދާން ނިންމާފަ އެވެ.
ދައުލަތުން ދެކޭ ގޮތުގައި ސުޕްރީމް ކޯޓަށް ބެލޭނެ ގާނޫނުއަސާސީ މާނަ ކުރުމާ ގުޅޭ ގޮތުން ހުށަހަޅާ ދުސްތޫރީ މައްސަލަތަކާއި ގާނޫނު އަސާސީއާ ހިލާފުވާ ކަމަށް ބުނެ ހުށަހަޅާ މައްސަލަތަކެވެ. އިޖުރާއަތާ އެއްގޮތަށް ގާނޫނުއަސާސީއަށް ހުށަހަޅާ މައްސަަލަ ސުޕްރީމް ކޯޓަށް ނުބެލޭނެ ކަމަށް ދައުލަތުގެ ދިފާއުގައި ތަކުރާރުކޮށް އިއްޔެ ދައުލަތުން ވާހަކަ ދެއްކި އެވެ.
ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުން ތިއްބަވައިގެން ބައްލަވަމުން ގެންދަވާ މިމައްސަލައިގައި މިއަދު ވަނީ އަލީ ހުސައިން ހުށަހަޅުއްވާފައިވާ މައްސަލައަށް ޖަވާބުދާރީވުމަށް ދައުލަތަށް 10 ދުވަހުގެ މުއްދަތެއް ދީފަ އެވެ. ދައުލަތުން ވަނީ މިއަދުގެ އަޑުއެހުމުގައި ދައުލަތުގެ އިޖުރާއީ މައްސަލައާއި މެދު ފަނޑިޔާރުން ނިންމެވި ގޮތެއް ދުރާލާ އަންގައިދިނުމަށް އެދިފަ އެވެ. އެކަމަކު ފަނޑިޔާރުން އެ މައްސަލައިގައި މިއަދު ކަނޑައެޅުއްވި ގޮތަށް އެއްވެސް ބަދަލެއް ނުގެންނަވަ އެވެ.
މައްސަލައިގެ ހުލާސާއެއް
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިންތިހާބުވި ޕާޓީ ބަދަލުކޮށްފިނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ހުށަހެޅި އިސްލާހާއި އަދިވެސް އިތުރު ބައެއް އިސްލާހުތައް ހިމެނޭ ބިލް މަޖިލީހުން ފާސްކުރީ މިދިޔަ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު އެވެ.
މަޖިލީހުން އެ ބިލް ފާސްކުރުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެ އިސްލާހުތައް ހަމަ އެރޭ ވަނީ ތަސްދީގު ކުރައްވާފަ އެވެ.
ސަރުކާރުގެ ފަރާތުން ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ގާނޫނުއަސާސީއަށް އިސްލާހުތަކެއް ހުށަހެޅީ މިދިޔަ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު އެވެ. އެ އިސްލާހުތައް މުޅި މަޖިލީހުގެ ކޮމިޓީއަކަށް ފޮނުވައިގެން ދިރާސާކުރުމަށްފަހު އެ އިސްލާހުތައް ފާސްކުރީވެސް ހަމަ އެ ދުވަހު އެވެ.
ގާނޫނުއަސާސީ އިސްލާހު ކުރުމުގެ މިހުރިހާ މަރުހަލާއެއް މަޖިލީހުން ނިންމާލީ ހަތް ގަޑިއިރަށް ވުރެ މަދު ވަގުތުކޮޅެއްގެ ތެރޭގައެވެ. މިހާރު އަމަލުކުރަމުންދާ ފެހި ގާނޫނުއަސާސީއަށް 2007 ވަނަ އަހަރު އަމަލުކުރަން ފެށި ފަހުން މިއީ ގާނޫނުއަސާސީއަށް ގެނައީ ހަވަނަ އިސްލާހެވެ.
ޝާހިދު ހުށަހެޅުއްވީ ގާނޫނުއަސާސީއަށް މައިގަނޑު ފަސް އިސްލާހެއް ގެނައުމަށެވެ.
އެންމެ މުހިއްމު އަދި އެންމެ ފާހަގަކޮށްލެވޭ އިސްލާހަކީ ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ރ) އަށް އިތުރުކުރެވުނު ބަދަލުތަކެވެ. މި ބަދަލުތަކާއެކު، ރައްޔިތުންގެ މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭނެ އާ ތިން ހާލަތެއް އިތުރުކޮށްފައިވެ އެވެ. އެގޮތުން ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި އިންތިހާބުވެފައިވާ މެންބަރަކު އެހެން ޕާޓީއަކަށް ބަދަލުވުމުން ނުވަތަ އަމިއްލަ ގޮތުން ކުރިމަތިލައިގެން އިންތިހާބުވި މެންބަރަކު ޕާޓީއަކަށް ބަދަލުވުމުން ނުވަތަ ރައްޔިތުން މަޖިލީހުގެ މެންބަރަކު، އެ މެންބަރަކު ރައްޔިތުންގެ މަޖިލީހުގެ އުމުރުގެ ތެރޭގައި ތަމްސީލުކުރާ ޕާޓީއިން އަމިއްލައަށް ވަކިވުމުން ނުވަތަ ޕާޓީ އިން ވަކިކުރުމުން އެ މެންބަރެއްގެ ގޮނޑި ގެއްލޭނެ އެވެ.
ދެވަނައަށް ގެނައި އިސްލާހަކީ ގާނޫނުއަސާސީގެ ތިންވަނަ މާއްދާގެ (ހ) އަދި (ށ) އަށް ގެނެވުނު ބަދަލެވެ. މި ބަދަލާއެކު، ރާއްޖޭގެ ސަރަޙައްދަށް އެއްވެސް ބަދަލެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ހަތަރުބައިކުޅަ ތިންބައިގެ އަޣުލަބިއްޔަތުން ފާސްކުރާ ގާނޫނަކުން ކަމަަށް ވަނީ ކަނޑައަޅާފަ އެވެ. މި އިސްލާހުގައި ރާއްޖޭގެ ސަރަހައްދުގެ ގޮތުގައި ކަނޑައަޅާފައިވަނީ، ދިވެހިރާއްޖޭގެ އާކިޕެލަޖިކް ބޭސްލައިންތަކުގެ ތެރޭގައިވާ ބިމާއި، ޖައްވާއި، ކަނޑާއި، ކަނޑުގެ އަޑީގައިވާ ބިމާއި އެ ބޭސްލައިންތަކުން ފެށިގެން ބޭރުގައިވާ ރާއްޖޭގެ ސަރަހައްދީ ކަނޑާއި އެ ކަނޑުގެ އަޑީގައިވާ ބިމާއި، އެ ކަނޑާ ގުޅިފައިވާ ޖައްވެ.
ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ބ) އަށް ގެނެވުނު އިސްލާހާ އެކު ރައީސުލްޖުމްހޫރިއްޔާގެ ބާރުތައްވެސް ވަނީ ފުޅާކޮށްފަ އެވެ. އެގޮތުން ދައުލަތުގެ މައިގަނޑު ސިޔާސަތުތައް ކަނޑައެޅުމާއި، ސަރުކާރުގެ އިދާރާތަކަށް އިރުޝާދު ދިނުމާއި، ގައުމީ ތަރައްގީގެ ޕްލޭންތަކާއި ތަސައްވުރުތައް އެކަށައެޅުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ދީފައިވެ އެވެ.
މީގެ އިތުރުން ގާނޫނުއަސާސީގެ 251 ވަނަ މާއްދާގެ (ނ) އަށް މިމަހުގެ 20 ވަނަ ދުވަހު ގެނެވުނު އިސްލާހާ ގުޅިގެން އެއްބަސްވުމެއްގެ ދަށުން ނުވަތަ އެނޫންވެސް ގޮތަކުން ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ސަރަހައްދުގެ އެއްވެސް ބައެއް އަސްކަރީ ބޭނުމަކަށް ބޭނުންކުރުމުގެ ހުއްދަ ދެވޭނީ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްގެންނެވެ. ނަމަވެސް އެއްބަސްވުމެއްގެ ދަށުން ހިންގޭ އަސްކަރީ ތަމްރީނުތަކުގައި ބައިވެރިވުން މީގެން އިސްތިސްނާވެ އެވެ.
މަޖިލީހުން ގެނައި އިސްލާހުތަކުގެ ތެރޭގައި ގާނުނުއަސާސީގެ 262 ވަނަ މާއްދާގެ (3) ވަނަ ނަންބަރުގެ ފަހަތަށް ދެ އަކުރެއް އިތުރުކުރުންވެސް ހިމެނެ އެވެ. މިގޮތުން ރާއްޖޭގެ ސަރަހައްދަށް ބަދަލު ގެނައުމާ ގުޅޭ ބިލެއް ނުވަތަ ގާނޫނުއަސާސީއަށް ގެނެވޭ އިސްލާހަކާ ގުޅޭ ބިލެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުން ރައްޔިތުންގެ އަޣުލަބިއްޔަތު އޮތްތޯ ބެލުމަށް އާންމު ވޯޓެއް ނަގަން ވާނެ ކަމަށް އެ އިސްލާހުގައި ބަޔާންކޮށްފައިވެ އެވެ.