އަދުލު އިންސާފު ގާއިމުކުރުމުގެ ބާރަށް ސަރުކާރުން ނުފޫޒު ފޯރުވާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ކުއްލި މައްސަލަ ހުށަހެޅުއްވީ ހުޅުމާލޭ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޑރ. އަހުމަދު ޝަމްހީދު އެވެ.
މި ކުއްލި މައްސަލައަށް ބަހުސްކުރަން ފެންނަ ކަމަށް 11 މެންބަރުން ވޯޓު ދެއްވިއިރު ނުފެންނަ ކަމަށް 46 މެންބަރުން އަދި ވަކިކޮޅަކަށް ވޯޓު ދޭން ބޭނުން ނުވާ ކަމަށް އެއް މެންބަރު ވޯޓު ދެއްވި އެވެ.
ޝަމްހީދު ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވިދާޅުވީ ސުޕްރީމް ކޯޓު އެކުލެވިގެންވާ ގޮތް ބަދަލުކުރީ ގާނޫނުއަސާސީއަށް ހަވަނަ އިސްލާހު ގެނައުމުގެ ގާނޫނާއި ގުޅޭ ހައްސާސް މައްސަލައެއް އެ ކޯޓުން ބަލަމުން ދަނިކޮށް ކަމަށެވެ.
"ގާނޫނުއަސާސީގެ ހަވަނަ އިސްލާހު ގެނައުމުގެ ގާނޫނާއި ގުޅޭ ހައްސާސް މައްސަލައެއް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބަލަމުންދާ ދަނޑިވަޅެއްގައި އެ ކޯޓު އެކުލެވިގެންވާ ގޮތުގެ ބަދަލު ގެނައުމުގެ މަސައްކަތްކޮށް ވުޖޫދުގައި ނެތް ސުލޫކީ މައްސަލަތަކެއް އުފައްދާ އެ ކޯޓުގެ ފަނޑިޔާރުން މަގާމުގެ މަސައްކަތުން އެކަހެރިކުރުމަކީ ސުޕްރީމް ކޯޓުން ބަލަމުންދިޔަ މައްސަލައަކަށް ނުފޫޒު ފޯރުވުމުގެ ނިޔަތުގައި ކުރި އަމަލެއްކަން ހާމަވާން އޮތް ހިނދު،" ކުއްލި މައްސަލައިގައި ޝަމްހީދު ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ތެރެއިން ތިން ފަނޑިޔާރުން ސަސްޕެންޑް ކުރުމުން ފަސް ފަނޑިޔާރުންގެ ބެންޗުން ކުރިއަށް ގެންދެވޭ މައްސަލަތައް މިހާރު ނުގެންދެވޭ ކަމަށްވެސް ޝަމްހީދު ވިދާޅުވި އެވެ.