ރައްޔިތުންގެ މަޖިލިސް

ސުޕްރީމް ކޯޓުގެ ބެންޗު ކުޑަކުރާ ބިލް އިތުރަށް އިސްލާހުކުރަން ކޮމިޓީއަށް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެންބަރުން -- ފޮޓޯ: މަޖިލިސް
0%
0%
0%

ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނަށް ފަސް ވަނަ އިސްލާހު ގެނައުމުގެ ބިލު އަލުން ވިސްނެވުމަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް އަނބުރާ ފޮނުވުމުން އެ ބިލް އިތުރަށް އިސްލާހު ކުރުމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް މިއަދު ފޮނުވައިފި އެވެ.

ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް މަޖިލީހުން ފާސްކުރީ މިދިޔަ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހު އެވެ. ނަމަވެސް އަލުން ވިސްނެވުމަށް އެދިވަޑައިގެން ރައީސް މުއިއްޒު އެ ބިލް އަނބުރާ މަޖިލީހަށް ފޮނުއްވެވީ މިމަހުގެ 11 ވަނަ ދުވަހު އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު އަދަދު 7 އިން 5 އަށް މަދުކުރަން މި އިސްލާހު މަޖިލީހުން އޭރު ފާސްކުރީ ރޯލްކޯލް ވޯޓަކުންނެވެ.

މި ބިލު އަނބުރާ މަޖިލީހަށް ފޮނުވުމުން ބިލް އިތުރަށް އިސްލާހު ކުރުމަށް ކޮމިޓީއަށް ފޮނުވަން ހުށަހެޅުއްވީ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހް އެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީދު އަބްދުލްގާދިރު އެވެ.

ބިލް އިތުރަށް އިސްލާހު ކުރުމަށް ކޮމިޓީއަށް ފޮނުވަން ފެންނަ ކަމަށް 50 މެންބަރުން ވޯޓު ދެއްވިއިރު ނުފެންނަ ކަމަށް ހަތް މެންބަރުން ވޯޓު ދެއްވި އެވެ.

ބިލް އަނބުރާ މަޖިލީހަށް ފޮނުއްވަވާ ރައްޔިތުުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ރައީސް މުއިއްޒު ފޮނުއްވެވި ސިޓީގައި ވަނީ ބައެއް ކަންކަން ފާހަގަކުރައްވާފަ އެވެ.

އެ ގޮތުން ބިލްގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ފަނޑިޔާރުންގެ ނަންތައް އެ ގާނޫނަށް އަމަލުކުރަން ފަށާތާ ގިނަވެގެން ފަސް ދުވަހުގެ ތެރޭގައި ޖޭއެސްސީ އިން މަޖިލީހަށް ހުށަހަޅަންވާނެ ކަމަށް ބަޔާންކޮށްފައިވާކަން ފާހަގަކުރައްވާ ރައީސްގެ ސިޓީގައި ވިދާޅުވީ ގާނޫނުއަސާސީއަށް ރިއާޔާތްކުރާއިރު މަގާމުގައި ހުރި ފަނޑިޔަރަކު ތަބާވާންޖެހޭ ސުލޫކީ މިންގަނޑުތަކާއި އުސޫލުތަކުން ބޭރުނުވެ މަސައްކަތްކުރާހާ ހިނދަކު އެ ފަނޑިޔާރަކު މަގާމުން ވަކިކުރުމަށްޓަކައި ޖޭއެސްސީ އިން މަޖިލީހަށް އެ ފަނޑިޔާރެއްގެ ނަން ހުށަހެޅިދާނެ ކަމަށް ނުފެންނަ ކަމަށެވެ.

މީގެ އިތުރުން ސުޕްރީމް ކޯތުގެ ބައެއް ފަނޑިޔާރުންގެ ސުލޫކީ މައްސަލަތަކެއް ޖޭއެސްސީ އިން މިހާރު ބަލަމުން ގެންދާއިރު އެ މައްސަލަތައް ބަލައި އެ މައްސަލަތަކާމެދު ވަކި ގޮތެއް ނިމުމުގެ ކުރިން ބިލުގައި ކަނޑައަޅާފައިވާ ގޮތަށް އަދި އެ މުއްދަތުގެ ތެރޭގައި ފަނޑިޔާރުކަމުގެ މަގާމަށް ގާބިލުނޫން ފަނޑިޔާރުން ކަނޑައެޅުމުގެ އިޖުރާއަތު ހިންގުމަކީ ފަނޑިޔާރުން ތަބާވާންޖެހޭ ސުލޫކީ މިންގަނޑުތަކާއި އުސޫލުތަކުން ބޭރުނުވެ މަސައްކަތްކުރާހާ ހިނދަކު ފަނޑިޔާރަކު މަގާމުން ވަކިކޮށްގެން ނުވާނެ ކަމަށް ބަޔާންކޮށްފައިވާ އުސޫލާ ފުށުއަރާ އަދި އިންސާފުވެރިކަމާ ދުރު އަދި ހަމަހަމަ ކަމާއެކު ހުރިހާ ފަނޑިޔާރުން ޝާމިލު ކުރެވޭ ގޮތަށް ސުޕްރީމް ކޯޓުގެ ފަނޑީޔާރުންގެ ގާބިލުކަން ވަޒަންކޮށް ގޮތެއް ކަނޑައެޅުމަށް ފުރުސަތު ގެއްލިގެންދާނެ ކަމެއްކަން ފާހަގަކޮށް ރައީސްގެ ސިޓީގައި ވަނީ މި ބިލު ތަސްދީގުކުރުމަކީ ރަނގަޅު ކަމެއް ކަމަށް ނުފެންނަ ކަމަށް ވިދާޅުވެފަ އެވެ.

Send us your opinion
Sign in or register to be part of avas community
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345