ބިދޭސީން

އެޕްރީލް 20ގެ ނިޔަލަށް ބައޯމެޓްރިކްސް އަޕްޑޭޓް ނުކުރާ ބިދޭސީން ޑިޕޯޓްކުރަނީ

ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ބައޯމެޓްރިކްސް -- ފިންގަޕްރިންޓް އަދި ފޮޓޯ އަޕްޑޭޓްކުރުމުގެ އެންމެފަހު ތާރީހަކީ އެޕްރީލް 20 ވަނަ ދުވަސްކަމުގައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ހާމަކޮށްފި އެވެ.

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން މިއަދު ބުނީ މި މުއްދަތުގެ ތެރޭގައި ބައޯމެޓްރިކްސް އަޕްޑޭޓް ނުކުރާ ބިދޭސީން ރާއްޖެއިން ޑީޕޯޓްކޮށްލެވޭނެ ކަމަށެވެ.

އެ މިނިސްޓްރީން ވަނީ މާލެ ސަރައްހައްދު ފިޔަވައި މީހުން ދިރިއުޅޭ ރަށްރަށުގައި ވަޒީފާއަދާ ކުރާ ބިދޭސީ މަސައްކަތްތެރިންގެ ބައޯމެޓްރިކްސް އަޕްޑޭޓްކުރުމުގެ މަސައްކަތް މާޗް ފުރަތަމަ ދުވަހުގެ ކުރިން ވަޒީފާދޭ ފަރާތުން ކައުންސިލްތަކާއި ގުޅިގެން ކުރިއަށް ގެންދިއުމަށް އަންގާފަ އެވެ.

ރިޒޯޓްތަކާއި ސަފާރީތަކާއި ދަނޑުވެރިކަން ކުރުމަށް ހާއްސަކޮށް ދޫކޮށްފައިވާ ރަށްރަށް އަދި އެހެނިހެން ސިނާއީ މަސައްކަތްކުރާ ރަށްތަކުގައި ވަޒީފާއަދާ ކުރާ ބިދޭސީންގެ ބައޯމެޓްރިކްސް އަޕްޑޭޓްކުރުމުގެ މަސައްކަތް އެޕްރީލް 15 ވަނަ ދުވަހުގެ ކުރިން އެންސީއައިޓީގައި ގާއިމްކޮށްފައިވާ ޖޮއިންޓް އޮޕަރޭޝަން ސެންޓަރު ނުވަތަ އެ ބިދޭސީ މުވައްޒަފަކު ވަޒީފާއަދާކުރާ ސައިޓަކާއި އެންމެ ކައިރީގައިވާ ކައުންސިލް އިދާރާއަކާއި ގުޅިގެންކުރުމަށްވެސް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން އަންގާފައިވެ އެވެ.

މި މުއްދަތުގެ ތެރޭގައި ބައޯމެޓްރިކްސް އަޕްޑޭޓް ނުކުރާ ފަރާތްތައް އެކްސްޕެޓް ސިސްޓަމްއިން ސަސްޕެންޑްކޮށް ހިދުމަތް މެދުކަނޑާލާނެ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.