އޮފްބީޓް

"ބިރުވެރި ވަގުތެއް، މިއީ ހައްގު ސަޒާއެއް ނޫން،"

މިދިޔަ އަންގާރަ ދުވަހަކީ އަނެއްކާ ވެސް ދުނިޔެ ސިއްސުވާލި ދުވަހެކެވެ. މިދިޔަ އަހަރުގެ ފްރާންސްގެ ވެރިރަށް ޕެރިހަށް ދިން ޓެރަރިސްޓް ހަމަލާތަކާއި މި އަހަރުގެ ކުރީ ކޮޅު ތުރުކީއަށް ދިން ހަމަލާތަކަށްފަހު ދެން ފެނިގެން ދިޔައީ ހަމަނުޖެހުން މަދު ބެލްޖިއަމަށް ޓެރަރިސްޓް ހަމަލާތަކެއް ދީ ބެލްޖިއަމް ގުޑުވައިލި ތަނެވެ. ބެލްޖިއަމްގެ ހިތް ކަމަށްވާ ބްރަސެލްސްގެ ޒަވެންޓެމް އެއާޕޯޓާއި، ޝޫމަން އަދި މަލްބީކް މެޓްރޯ ސްޓޭޝަނަށް ދިން ބޮމުގެ ހަމަލާތަކުގައި 30 އަށްވުރެ ގިނަ މީހުން މަރުވެ، 230 އެއްހާ މީހުން ވަނީ ޒަހަމްވެފަ އެވެ.

ބްރަސެލްސްއަށް ދިން މި ހަމަލާގެ ޒިންމާ ހައްދުފަހަނަ އަޅާފައިވާ އައިއެސް ޖަމާއަތުން ވަނީ އުފުލާފަ އެވެ. ބެލްޖިއަމްއަކީ އައިއެސްއާ ދެކޮޅަށް ހަދާފައިވާ ކޯލިޝަނުގައި ހިމެނޭ ގައުމެކެވެ. މިއީ އައިއެސްއިން ދިން ވަރުގަދަ އިންޒާރެކެވެ.

މި ބިރުވެރި ހަމާލާތައް އަމާޒުވެފައިވަނީ މީހުން އެންމެ ގިނަވާ ދެ މަންޒިލަށެވެ. އެގޮތުން އެއާޕޯޓްގައި ހަމަލާތައް ދިން ވަގުތު އެތަނުގައި އެ މަންޒަރުތައް ކައިރިން ދުށް މީހަކު މިވަނީ އޭނާގެ އިހުސާސްތައް ސީއެންއެންއަށް ކިޔައިދީފަ އެވެ. އަލްފޯންސޭއަކީ އެއާޕޯޓްގައި ވަޒީފާ އަދާކުރާ މީހެކެވެ.

"އަހަންނަށް އިވުނީ ޝޫޓް ކުރި އަޑު، އެ އަޑަށްފަހު އަރަބި ބަހުން މީހަކު ވާހަކަ ދައްކާ އަޑު އިވުނު، އޭނާ ވާހަކަ ދައްކާ ނިމުމާއެކު ބާރު ގޮވުމެއްގެ އަޑު އިވުނު، ވަރަށް ބާރު އަޑެއް އެއީ،" އަލްފޯންސޭ ކިޔައިދިނެވެ. "އަހަންނަށް ދެން ފެނުނީ ހިތާމަހުރި މަންޒަރުތަކެއް، އަންހެނެއް ވާހަކަ ނުދެއްކިގެން އުޅޭތަން، ފިރިހެނެއްގެ ދެ ފައި ބުރިވެގެން އުޅޭ މަންޒަރު ދުށިން، ޕޮލިސް އޮފިސަރެއް ފައި ޗިސްވެގެން އުޅޭ މަންޒަރު ވެސް ފެނުނު، ވަރަށް ބިރުވެރި މަންޒަރެއް، މިއީ ބެލްޖިއަމްގެ ރައްޔިތުންނަށް ހައްގު ކަމެއް ނޫން،"

ހާސްވި، ދުން އަރާ ސީލިންގުތައް ވެއްޓެނީ!

މިއީ އެ މަންޒަރު ދުށް އެހެން މީހަކު ސިފަކުރި ގޮތެވެ. މޭރީ އޮޑިލް އެ ވަގުތު އެއާޕޯޓްގައި ހުރީ އަބޫ ދާބީއަށް ފުރާން ގޮހެވެ. ގޮވުމުގެ އަޑު އިވުނީ އޭނާ ޗެކިން ވެސްވީ ފަހުންނެވެ. އެ ގޮވުން ގޮވާފައިވަނީ އޭނާއާ ވިއްސަކަށް މީޓަރު ދުރުގަ އެވެ.

"ކުއްލިއަކަށް ގޮވައި ދުންތައް އަރަން ފެށި، ހާސްވި، މީހުން ކޮޅު ކޮޅަށް ދުވަން ފެށި، އެންމެން ވެސް ބެލީ އެއާޕޯޓުން ނިކުމެވޭތޯ،" މެރީ ބުންޏެވެ.

އެ ގޮވުން ގޮވިތާ މަދު ސިކުންތުކޮޅެއް ފަހުން އިތުރު ގޮވުމެއްގެ އަޑު އޭނާއަށް އިވުނެވެ.

"އަހަރެމެންގެ ބޯމަތީ އޮތް ސީލިންގް ވެއްޓެން ފެށި، ބައެއް މީހުންނަށް އަނިޔާ ވެސްވި، އެވަގުތު ވަރަށް ހާސްވި އެ ވަގުތު، އެންމެން ވެސް ދުއްވައިގަތީ،"

ސަލާމަތްވުމަކީ ނަސީބެއް

އެއާޕޯޓްގައި ޖާނުން ފިދާވެ އައިއެސްއިން ދިން ހަމަލާގެ ވަގުތު އެއާޕޯޓްގައި ރޯމްއަށް ފުރަން ގޮސް ހުރި ޖެފް ވާސެލް ބުނީ މިހެންނެވެ: "އަހަރެން ކައިރީގައި ތިބި ވަރަށް ގިނަ މީހުންނަށް އަނިޔާވި، 50 ނުވަތަ 60 އަކަށް މީހުން ތަޅުންގަނޑު މައްޗަށް ވެއްޓިފައި ތިބި، އަހަރެން ސަލާވުމަކީ ނަސީބެކޭ ބުނެވޭނީ،"

ބޮން ގޮއްވާލިތާ ދިހަ މިނެޓު ފަހުން އެތަަނަށް އެމަޖެންސީ ސާވިސް އަދި ސެކިއުރިޓީ ފޯސްތައް އައި ކަމަށް އޭނާ ބުންޏެވެ. އަދި އެއާޕޯޓުން މީހުން ނެރުމުގެ މަސައްކަތް ފެށި އެވެ. އެއާޕޯޓުން މީހުން ނެރެ، ޕާކިން ޒޯނަށް މީހުން ވައްދަމުން ދިޔަ ކަމަށާއި އޭނާއަށް ކާރާ ހަމައަށް ދެވުނީ އެމީހުންގެ އެހީއާއެކު ކަމަށް ވެސް ބުންޏެވެ. ކާރަށް އަރައިގެން އޭނާ އެ ސަރަހައްދުން އަވަހަށް ދިޔައީ އެވެ.

"ގަބޫލުކުރަން ވަރަށް ދަތި، ލޮލަށް ފެނުނު މަންޒަރެއް އެހެން ނަމަވެސް ގަބޫލެއް ނުކުރެވޭ،"

އިމާރާތް ވެސް ހެލުން

މިއީ މެޓްރޯ ސްޓޭޝަން ކައިރީ ހުރި ޔޫރަޕިއަން ކޮމިޝަންގެ އިމާރާތުގައި ހުރި މީހެއްގެ ވާހަކަ އެކެވެ. ސާޖް މަސާޓް ބުނީ ބޮން ގޮއްވާލި އަޑާއެކު އިމާރާތް ވެސް ގުޑައިގެން ދިޔަ ކަމަށެވެ.

"އަހަރެމެންނަށް އިމާރާތް ހެލުނު ކަމުގެ އިހުސާސްވި، ވައިބްރޭޝަނެއް ހުރި، ދެން ފެނުނީ މީހުންތައް ސްޓޭޝަނުން ނިކުމެގެން ދުވަން ފެށި ތަން،"

މިއީ ކުރިން ވެސް ކުރެވުނު ހީއެއް

މެޓްރޯ ސްޓޭޝަންގައި ހުރި ރިޗާޑް މެޑިކް ބުނީ މިހެނެވެ؛ އޭނާ ބުނީ ޕެރިސް އެޓޭކަށްފަހު މިފަދަ ހަމަލާއެއް އަތުވެދާނެ ކަމަށް ހީކުރެވުނު ކަމަށެވެ. މިއީ އެއްގޮތަކަށް އެކަމާ ވިސްނާ ނުލައި ހުއްޓާ ހިނގި ހާދިސާއެއް ނޫން ކަމަށް އޭނާ ބުންޏެވެ.

"ޕެރިސް އެޓޭކަށްފަހު މިކަހަލަ ކަމެއް ހިނގާފާނެ ކަމަށް ހީވެފައި އޮންނަނީ އަން އެކްސްޕެކްޓެޑޭ ނުބުނެވޭނެ،"

އޭނާ ބުނީ މިފަދަ ހަމަލާއެއްގެ ދެކެ ބިރުން ގޭގައި ތިބެގެން ނުވާނެ ކަމަށާއި އެއްވެސް މީހެއްގެ ދިރިއުޅުމަށް ބަދަލެއް ގެެނެސްގެން ނުވާނެ ކަމަށެވެ.

"މިފަދަ ހަމަލާދޭ މީހުންނަށް ދައްކަން ޖެހޭނެ އަހަރެމެން ވެސް ބިރު ނުގަންނަކަން، ނަމަވެސް އޮތޯރިޓީތަކުން ވިސްނަން ވެއްޖެ، މިތަނަށް ހުއްދަ ދީގެންނުވާ ބަޔަކަށް ހުއްދަ ދެވިފައިވާކަމާމެދު ވިސްނަން ޖެހޭ،"