- އަމިއްލަ ކުންފުނިތަކުން 2،000ރ. ދައްކަން ޖެހޭ
- ސަރުކާރު ކުންފުނިތަކުން 10،000ރ.
- މިމަހުގެ ނިޔަލަށް ނުދައްކައިފިނަމަ 1،000ރ. އިން ޖޫރިމަނާ
މި މަހުގެ ނިޔަލަށް ކުންފުނިތަކުގެ އަހަރީ ފީ ދައްކަން ޖެހޭނެ ކަމަށާއި، ނޫނީ ޖޫރިމަނާ ވާނެ ކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފި އެވެ.
ކުންފުނީގެ އަހަރީ ފީ ދެއްކުމަށް ހަނދާން ކޮށްދިނުމުގެ ގޮތުން މީރާއިން ބުނީ 2016 ވަނަ އަހަރުގެ ކުންފުނީގެ އަހަރީ ފީ ދެއްކުމުގެ ސުންގަޑިއަކީ މިމަހުގެ 31 ވަނަ ދުވަސް ކަމަށެވެ.
"ގަނޫނު ނަންބަރު 96/10 [ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނު] ގެ ދަށުން ކުންފުނިތަކުގެ އަހަރީ ފީ ދައްކަންޖެހޭ ސުންގަޑި ކައިރިވަމުން އަންނާތީ ހުރިހާ ކުންފުނިތަކުން އެ ކަމަށް ސަމާލުވުމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ [މީރާ] އިން އިލްތިމާސްކޮށްފި އެވެ،" މީރާއިން ބުނެފައިވެ އެވެ.
ކުންފުންޏާ ބެހޭ ގާނޫނުގެ ދަށުން އަމިއްލަ ކުންފުނިތަކުގެ އަހަރީ ފީގެ ގޮތުގައި ދައްކަން ޖެހެނީ 2،000ރ. އެވެ. އަދި ސަރުކާރު ކުންފުނިތަކުން އަހަރީގެ ގޮތުގައި 10،000ރ. ދައްކަން ޖެހެ އެވެ.
މި ގާނޫނުގައިވާ ގޮތުން ސުންގަޑިއަށް އަހަރީ ފީ ނުދައްކާ ކުންފުނިތައް އަންނަ މަހުގެ 30ގެ ކުރިން މި ފައިސާ ދައްކާނަމަ 1000ރ. އިން އަދި 30 އެޕްރީލް ގެ ފަހުން ދައްކާނަމަ 2500ރ. އިން ޖޫރިމަނާ ވާނެ އެވެ. މިމަހުގެ 31 ގެ ގެ ކުރިން އުވާލުމަށް ހުށަހަޅައިފައިވާ ކުންފުނިތަކުން މި އަހަރުގެ އަހަރީ ފީ ދެއްކުމުން ލާޒިމެއްނުވާނެ އެވެ. އަދި ކުންފުނި އުވާލަން ރެޖިސްޓްރާ އޮފް ކޮމްޕެނީޒް އަށް ހުށަހަޅައިފައިވަނީ މި އަހަރުގެ 31ގެ ފަހުން ކަމުގައިވާނަމަ މި އަހަރަށް އެ ކުންފުންޏަކުން އަހަރީ ފީ ދައްކަންޖެހޭނެ އެވެ.