ރާއްޖޭގެ ގައުމީ ޓީމަށް ލަންކާއިން ނެޓްބޯޅަ ކޯޗަކު ހޯދައިދިނުމަށް އެދި ގައުމީ ނެޓްބޯޅަ އެސޯސިއޭޝަނުން ލަންކާ އަށް ހުށަހަޅައިފި އެވެ.
ލަންކާގެ ނޫސްތަކުން ބުނާގޮތުގައި ލަންކާގެ ނެޓްބޯޅަ ފެޑަރޭޝަނުގެ ކިބައިން ރާއްޖެ އަށް ކޯޗަކު ހޯދައިދޭން އެދިފައިވަނީ އަންނަ ޖުލައި މަހު ބާއްވާ އޭޝިއަން ސީނިއާ ނެޓްބޯޅަ ޗެމްޕިއަންޝިޕަށް ތައްޔާރުވުމަށެވެ. ކޯޗުގެ މުސާރައިގެ ގޮތުގައި މަހަކު 500 އެމެރިކާ ޑޮލަރާއި ހުރުމާއި ކެއުން އަދި ދެކޮޅު ޓިކެޓްދޭނެ ކަމަށް ލަންކާ ފެޑަރޭޝަނަށް ރާއްޖެއިން އަންގާފައިވެ އެވެ. މި ކޯޗު ގެންނަނީ ނުވަ މަސްދުވަހަށެވެ.
މީގެ އިތުރުން އިންޓަ ސްކޫލް ނެޓްބޯޅަ މުބާރާތުގައި ރެފްރީކަން ކޮށްދިނުމަށް ލަންކާގެ ދެ ރެފްރީން ކަމަށްވާ ބުއްދިކާ ސޫރިޔާ ބަންޑާރަ އަދި ޑީޕްތާ ސެނަރަތް ރާއްޖެ ފޮނުވައިދިނުމަށް ވެސް ރާއްޖެއިން އެދިފައިވެ އެވެ. މި ރެފްރީންގެ ނަންތައް ސިއްރުކުރަން ރާއްޖެއިން ބޭނުންވި ނަމަވެސް ރެފްރީންނަށް ދޭންބުނާ އަގުކުޑަވުމުގެ ސަބަބުން އެމީހުން ރާއްޖެ އަންނަ އެއްބަސްނުވާ ކަމަށް ވެސް ލަންކާގެ ނޫސްތަކުން ބުނެ އެވެ.
ދެ ހަފުތާގެ މުއްދަތަކަށް ރާއްޖެ ގެންނަ ރެފްރީންނަށް ދޭން ނެޓްބޯޅަ އެސޯސިއޭޝަނުން ނިންމާފައިވަނީ 300 ޑޮލަރެވެ.
މި މައްސަލާގައި ލަންކާގެ ނެޓްބޯޅަ ފެޑަރޭޝަނުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. ފެޑަރޭޝަނުގެ ރައީސް ޔަސާ ރަމަޗަންދްރާ ވިދާޅުވީ އޮފިޝަލުން ބޭނުންވާނަމަ ގުޅަން ޖެހޭނީ ސީދާ އޭނާ އަށް ކަމަށާއި ދެވޭނީ އޭނާ ކަނޑައަޅާ ބަޔަކަށް ކަމަށް ވެސް ލަންކާގެ ނޫސްތަކުން ބުނެ އެވެ.