އެޗްޑީސީ

އެޗްޑީސީން އެއް މިލިއަން ގަސް އިންދަން ނިންމައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގުރާމުގައި ބައިވެރިވުމުގެ ގޮތުން އެޗްޑީސީ އިން އެއް މިލިއަން ގަސް އިންދުމަށް ނިންމާ އެކަމުގެ ޕްލެޖުގައި ސޮއިކޮށްފި އެވެ.

ކުޑަގިރީގައި މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި، އެއް މިލިއަން ގަސް އިންދުމުގެ ޕްލެޖްގައި ސޮއިކުރެއްވީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މައުރޫފް ޖަމީލް އެވެ.

މިރަސްމިއްޔާތުގައި މައުރޫފް ވިދާޅުވީ އެޗްޑީސީގެ ބެލުމުގެ ދަށުގައިވާ ރަށްތައް ފެހިކުރުމާއެކު، ރައީސް ޑރ. މުއިއްޒު އިއުލާން ކުރައްވާފައިވާ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގުރާމުގައި ބައިވެރިވެ، އެ މަސައްކަތަށް އެޗްޑީސީން އެއްބާރުލުން ދޭނެ ކަމަށެވެ.

ގަސް އިންދުމުގެ ޕްރޮގްރާމަށް ބޭނުންވާ ގަސް ހެއްދުމަށްޓަކައި އެޗްޑީސީ އިން މިހާރު ވަނީ ލ. ގަމުގައި އެއްލައްކަ އަކަފޫޓުގެ ނާސަރީއެއް ގާއިމްކުރުމަށްވެސް ނިންމާފަ އެވެ.

އެޗްޑީސީގެ ބެލުމުގެ ދަށުގައިވާ ތަންތަނަކީ ހުޅުމާލެ، ރަސްމާލެ، ކުޑަގިރި، ތިލަފުށި އަދި ގުޅީފަޅެވެ.