ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ދ. އަތޮޅުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު މާލެ ވަޑައިގެންފި އެވެ.
ރައީސްގެ މިދަތުރުފުޅުގައި ދ. އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށްވެސް ވަޑައިގެންނެވި އެވެ.
ރައީސް މިދަތުރުފުޅު ކުރިއަށް ގެންދިޔައީ މިމަހުގެ 23 އިން އިއްޔެގެ ނިޔަލަށެވެ.
ދ. އަތޮޅުގެ ހުރިހާ ކައުންސިލްތަކާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި، އެ ރަށްރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ރައީސް ވަނީ މިދަތުރުފުޅުގެ ތެރެއިން ބައްދަލުކުރައްވާފަ އެވެ.
މި ދަތުރުފުޅުގައި ރަށްރަށުގެ ތަރައްގީއަށްޓަކައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ބައެއް މަޝްރޫއުތައް ފަށްޓަވައިދެއްވުމާއި، ނިމިފައިވާ ބައެއް މަޝްރޫއުތައް އިފުތިތާހުވެސް ކޮށްދެއްވާފައިވެ އެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައެއް ވަޒީރުންނާއި، ސަރުކާރުގެ ބައެއް ކުންފުނިތަކުގެ ވެރިންވެސް ބައިވެރިވެވަޑައިގެންނެވި އެވެ.