އެކްސިޑެންޓް

މީހަކު މަރުވި އެކްސިޑެންޓްގެ މައްސަލަ ސާބިތު ނުވީ ފުލުހުން ދޯހަޅިކަމުން

ފުލުހުންގެ އޮޕަރޭޝަނެއްގެ ތެރެއިން
0%
0%
0%

މީގެ 15 ވަރަކަށް އަހަރު ކުރިން އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި މީހަކު ނިޔާވި މައްސަލައިގައި ދައުވާ ލިބުނު މީހާގެ މައްޗަށް ކުށް ސާބިތު ނުވެ ސަލާމަތްވެއްޖެ އެވެ.

މިއީ އައްޑޫ ސިޓީގެ މަރަދޫގައި 2014 ވަނަ އަހަރުގެ އޭޕްރީލް މަހު ހިނގި އެކްސިޑެންޓެއްގެ މައްސަލަ އެކެވެ.

އެ އެކްސިޑެންޓުގައި އަނިޔާވި އުމުރުން ދުވަސްވީ މީހަކު ވަނީ އެކްސިޑެންޓުގައި ލިބުނު އަނިޔާތަކަށް ފަރުވާ ދެމުން ދަނިކޮށް ނިޔާވެފަ އެވެ.

އެ އެކްސިޑެންޓްގެ މަންޒަރު ދުށް ބައެއް މީހުން އޭރު ބުނެފައިވާ ކަމަށް ރިޕޯޓްތަކުގައިވަނީ އެ އެކްސިޑެންޓް ހިނގަން މެދުވެރިވީ މަރަދޫ ބޮޑުމަގުގައި ހުންނަ "ރޫޓް" ފިހާރަ ހިންގާ ކާނޭޝަން ގެއަށް ވަންނަން ދިޔަ ސައިކަލެއް މަގުމަތިން އަނބުރާލި ވަގުތު ބާރު ސްޕީޑުގައި އައި އެހެން ސައިކަލަކުން ޖެހިގެން ކަމަށެވެ.

ބާރަށް ދުއްވާފައި އައި ސައިކަލް ދުއްވާފައި އައީ ފޭދޫއާ ދިމާލުން ކަމަށާއި، އެ ސައިކަލް ދުއްވަން އިން މީހާއަށް މާބޮޑު ގެއްލުމެއް ލިބިފައި ނުވެ އެވެ. އެކަމަކު އޭނާ އެކްސިޑެންޓް ވުމުން ފިލި ކަމަށް ތުހުމަތުކޮށްފައިވެ އެވެ.

މި މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި އޭނާ ފަހުން ހައްޔަރު ކުރީ ކޯޓު އަމުރަކަށެވެ.

މި މައްސަލައާ ގުޅިގެން ދައުލަތުން ވަނީ އެކްސިޑެންޓްވީ އެއް ސައިކަލު ދުއްވި މީހާގެ މައްޗަށް، އިންޖީނުލީ އެއްޗެއް ނުރައްކާތެރިކޮށް ދުއްވުމުގެ ދައުވާ ކޮށްފަ އެވެ. އެހެންނަމަވެސް 15 އަހަރު ކުރީގެ މި މައްސަލައިގެ ތަހުގީގު މަރުހަލާގައި ފުލުހުން ވަނީ ބޮޑެތި ގޯސްތަކެއް ހަދާފަ އެވެ.

މައްސަލައެއްގެ ތަހުގީގުގައި ފުލުހުން ފުރިހަމަ ކުރަން ޖެހޭ އެންމެ އަސާސީ ކަންކަންވެސް ފުރިހަމަކޮށްފައި ނުވާތީ އާއި އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް މައްސަލަ ސާބިތު ކުރަން ބޭނުންވާ ހެކި ނެތުމުން މައްސަލަ ސާބިތެއް ނުވި އެވެ.

މި އެކްސިޑެންޓުގައި ބާރު ސްޕީޑުގައި ސައިކަލު ދުއްވި ކަމަށް ތުހުމަތު ކުރެވުނު މީހާގެ ލައިސެންސް، އެކްސިޑެންޓް ހިނގުމުގެ ހަތަރު އަހަރު ކުރިން ހިފަހައްޓާފައިވާ ކަމަށް ފުލުހުން އޭރު ކޯޓުގައި ބުނެފައިވެ އެވެ. ނަމަވެސް އެކަމުގެ އެއްވެސް ރެކޯޑެއް ފުލުހުންގެ ފަރާތުން ކޯޓަށް ހުށަހަޅާފައެއް ނުވެ އެވެ. އަދި އެ މީހާގެ މައްޗަށް ކުރެވުނު ތުހުމަތާ، ކުރެވުނު ދައުވާވެސް ތަފާތުކަން މައްސަލައިގެ ރިޕޯޓުން އެނގެ އެވެ.

މި މައްސަލައިގެ ޝަރީއަތުގައި ފުލުހުންގެ ފަރާތުން ހެކިބަސް ދިން މީހުންގެ ހެކިބަހުގައިވެސް ފުށު އެރުންތަކެއް ހުރިކަން ޝަރީއަތުން ފާހަގަ ކުރި އެވެ.

މީގެ 15 އަހަރު ކުރިން ހިނގި މި އެކްސިޑެންޓްގެ މައްސަލަ، އައްޑު އަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުން ނިންމީ މި ހަފްތާ ތެރޭގައެވެ. މި މައްސަލައިގެ ހުކުމް އިއްވަމުން މެޖިސްޓްރޭޓް ވަނީ މި މައްސަލައަކީ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް، ސާބިތުވާ ދައުވާއެއް ނޫން ކަމަށް ކަނޑައަޅާފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910