ހަބަރު

މާލިއްޔަތު ކޮމިޓީއަށް ގަވަރުނަރާއި ފުލުހުން ހާޒިރު ކުރަނީ

ގަވައިދާ ހިލާފަށް އަގު ބޮޑުކޮށް ޑޮލަރު ވިއްކާ މައްސަލަގައި މާލިޔަތު ކޮމިޓީއަށް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަނަރު އަޒީމާ އާދަމް އަދި ފުލުހުންގެ އިސްވެރިން ހާޒިރު ކުރަން ނިންމައިފި އެވެ.

އަޒީމާ އާއި ފުލުހުންގެ އިސްވެރިން ކޮމިޓީއަށް ހާޒިރު ކުރަން ނިންމީ މިއަދު މާލިްއޔަތު ކޮމިޓީއަށް ހާޒިރުވީ މެމްބަރުންގެ އިއްތިފާގުންނެވެ. ކޮމިޓީގެ އެޖެންޑާގެ ތެރެއިން އެހެނިހެން މައްސަލަ ތަކަށް ފުރުސަތު ހުޅުވައިލުމުން ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު ވިދާޅުވީ ބޭސްފަރުވާ އަށް އާންމުން ޓިކެޓު ހިފާގެން ދިއުމުން ބައެއް ބެންކުތަކުން ޑޮލަރު ލިބެން ދަތި ކަމަށާއި އަނެއްބައި ބެންކުތަކުން އެކަން ކުރަން ފަސޭހަ ކަމަށެވެ. އަދި ޑޮލަރު ވިއްކުމުގެ ހުއްދަ ނަގައިފަވާ ފަރާތްތަކުން ކަނޑައެޅިގެން އަގުބޮޑުކޮށް ޑޮލަރު ވިއްކަމުން ދާތީ އެކަމުގެ ދަތިކަން ރައްޔިތުންނަށް ފޯރާ ކަމަށް އާމިރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެބަ ޖެހޭ ބަލަން، އެމްއެމްއޭގެ ގަވާއިދުގެ ތެރެއިން ކިހާވަރަކަށް ހުއްދަ ކުރާ ކަމެއް ތޯ މިއީ. އެހެންވީމަ ގަވައިދާ ހިލާފަށް ބޮޑުއަގުގައި ޑޮލަރު ވިއްކަމުންދާ ފަރާތްތަކާއި މެދު ފިޔަވަޅު އެޅުމަށް އުސޫލުތަކެއް ކަނޑައަޅަން ޖެހޭކަން ގަބޫލު ކުރަން،" އާމިރު ވިދާޅުވި އެވެ.

އެމައްސަލައާ ގުޅިގެން ރިޔާޒް ރަޝީދު ވިދާޅުވީ އެމްއެމްއޭ އަދި ބޭންކުތައް ޖަވާބުދާރީ ވާން ޖެހޭނީ މާލިއްޔަތު ކޮމިޓީއަށް ވާއިރު މިއީ މިކަމުގައި ބޮޑު ފައިދާ އެއް ހޯދަން ބަޔަކު ގަސްތުގައި ކުރާ ކަމެއް ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ. މިމައްސަލަ ބަލައި މިކަމުގައި އުޅޭ ފަރާތްތަކާއި މެދު ފިޔަވަޅު އަޅަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި އުޅެނީ ހެދިފައި އޮތް ގަވައިދުތަކުގެ ދިމާވެގެން އުޅޭ މައްސަލައެއްތޯ ނޫނީ، ގާނޫނީ ގޮތުން ދިމާ މައްސަލައެއް ތޯ ބަލަން ޖެހޭ. އެހެންވީމަ އަޅުގަނޑު ހުށަހަލަން އެމްއެމްއޭގެ ގަވަނަރު އަދި ފުލުހުން ވެސް މިމއައްސަލާގައި ހާޒިރު ކުރަން،" ރިޔާޒު ވިދާޅުވި އެވެ. އެ ހުށަހެޅުމަށް ކޮމިޓީގެ ހުރިހާ މެންބަރުން ވެސް ތާއީދު ކުރެއްވި އެވެ.