މިދުވަސްކޮޅު އެންމެ ބާރަށް ދެކެވެމުންދާ ވާހަކައަކީ ހޫނުގަދަވާ ވާހަކަ އެވެ. ދުވަހެއް ދުވަހަކަށް ހޫނުމިން މަތިވަމުންދާ ވާހަކަ އެވެ. ދުވަހެއް ދުވަހަކަށް ދުނިޔޭގެ މޫސުމަށް މިދަނީ ބަދަލުތަކެއް އަންނަމުންނެވެ. އޭގެ ނޭދެވޭ އަސަރު މުޅި ދުނިޔެއަށް ކުރަމުންދާއިރު ރާއްޖެއަށްވެސް މިވަނީ އެތައް ނުރައްކާތަކަކާ ކުރިމަތިވެފަ އެވެ. ދުވަހެއް ދުވަހަކަށް ފިނި ހޫނުމިން މަތިވުމުގެ އިތުރުން ވިއްސާރަ ވެއްޖެނަމަ ފެން ބޮޑުވުން ފަދަ ކަންކަން ކުރިމަތިވާން ފަށާފަ އެވެ.
މިދުވަސްވަރު އަނެއްކާވެސް ހޫނު ގަދަވެފައިވާ އިރު މެޓު އޮފީހުން މިވަނީ އަންނަ މަހު ރާއްޖޭގެ ހޫނުމިން 34 ޑިގްރީ ސެލްސިއަސް އަށް މަތިވާނެ ކަމަށް ބުނެފަ އެވެ. ރާއްޖެ އަށް މިހާތަނަށް އެންމެ ހޫނުވެފައިވާ ކަމަށް ރެކޯޑް ކުރެވިފައި ވަނީ 1991 ވަނަ އަހަރު 36 ޑިގްރީ ސެލްސިއަސް އަށެވެ.
މެޓް އޮފީހުގެ ޑައިރެކްޓާ މީޓްރޮލޮޖީ އަހްމަދު ރަޝީދު މިއަދު ވިދާޅުވީ ރާއްޖޭގެ ހޫނު މިން އެންމެ މައްޗަށް ދާނެ ކަމަށް ލަފާކުރެވެނީ 34 ޑިގްރީ ސެލްސިއަސް އަށް ކަމަށާއި އެއީ އަންނަ މަހުގައި ކަމަށެވެ. އަދި މިމަހުގެ ތެރޭގައި ހޫނުމިން އެންމެ މައްޗަށް ދާނީ 33.9 ޑިގްރީ ސެލްސިއަސްއަށް ކަމަށެވެ.
"ރާއްޖޭގައި ހޫނުމިން މިހާރު މިހިރީ އެހެންޏާ މި މޫސުމުގައި ހޫނުމިން ހުންނަ މިންވަރަށްވުރެ 0.7 ޑިގްރީ ސެލްސިއަސް މަތީގައި. އެއީ އެލްނީނޯގެ ސަބަބުން" ރަޝީދު ވިދާޅުވި އެވެ.
ރަޝީދު ވިދާޅުވީ މޫސުމަށް މިއަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ މޫސުމަށްވެސް ބޮޑެތި ބަދަލުތަކެއް އަންނަމުންދާ ކަމަށެވެ. އެގޮތުން ވާރޭ ވެހޭ ވަގުތުތަކުގައި ތަންކޮޅެއް ގަދަޔަށް ވާރޭ ވެހުމުގެ ސަބަބުން ފެންބޮޑުވެ އުދަ އެރުމުގެ ހާދިސާތައް ކުރިމަތިވާ ކަމަށެވެ. ރަޝީދު ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރެވޭނީ ކޮންމެ މީހަކުވެސް ފަރުދީ ޒިންމާ އަދާކޮށްގެން ކަމަށެވެ.
"ކޮންމެ މީހަކުވެސް އެބަޖެހޭ ފަރުދީ ޒިންމާ އަދާކުރަން. ކަރަންޓާ ފެން ބޭނުންކުރާއިރު އިތުރަށް ސަމާލުކަންދީ ފެން އިސްރާފު ނުކުރުމަކީ މުހިއްމު ކަމެއް" ރަޝީދު ވިދާޅުވި އެވެ. އަދި ދުނިޔޭގެ ހުރިހާ ގައުމުތަކެއްގެ އެއްބާރުލުން މިކަމަށް ބޭނުންވާ ކަމަށް ވިދާޅުވި އެވެ.