ހަބަރު

"ބިތުފަންގި"ގައި އައިޖީއެމްއެޗްގެ ނަމެއް ބޭނުމެއް ނުކުރަން: ޓެޑްރީ

އެންޓި ކޮރަޕްޝަން ކޮމިޝަނުން، ކޮރަޕްޝަނާ ދެކޮޅަށް ހަދާފައިވާ "ބިތުފަންގި" ޑްރާމާ ސިލްސިލާގައި އައިޖީއެމްއެޗްގެ ނަން ބޭނުންކޮށްފައިނުވާނެ ކަމަށް އެ ޑްރާމާގެ ޑައިރެކްޓަރު މުހައްމަދު ނިޔާޒް (ޓެޑްރީ) ބުނެފި އެވެ.

ޓެޑްރީ މިހެން ބުނެފައިވަނީ ހެލްތް މިނިސްޓަރު އިރުތިޝާމް އާދަމް މިއަދު ދެއްކެވި ވާހަކަތަކަށް ރައްދު ދެމުންނެވެ. އިރުތިޝާމް ވިދާޅުވީ، އައިޖީއެމްއެޗަކީ ރާއްޖޭގައި ސިއްހީ ހިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދޭ އެންމެ ބޮޑު މުއައްސަސާއަށްވެފައި ފިކްޝަނަލް ވާހަކަތަކޭ ކިޔައިގެން ހޮސްޕިޓަލްގެ އަގު ވައްޓާލައިގެން ނުވާނެ ކަމަށެވެ. އަދި އެގޮތަށް އެކަން ކުރުމަކީ ޒިންމާދާރު ކަމެއް ނޫން ކަމަށެވެ. އަދި "ބިތުފަންގި" ޑްރާމާގައި އައިޖީއެމްއެޗްގެ ނަން ގެނެސްފައިވާތީ އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާނެ ކަމަށް ވެސް މިނިސްޓްރު ވިދާޅިވި އެވެ.

މިކަން ދޮގުކޮށް ޓެޑްރީ މިއަދު ކުރި ޓްވީޓެއްގައި ބުނީ، އައިޖީއެމްއެޗްގެ ނަމެއް "ބިތުފަންގި"ގެ އެއްވެސް އެޕިސޯޑެއްގައި ބޭނުންކޮށްފައިނުވާނެ ކަމަށެވެ.

ޑިފެމޭޝަން ލޯގެ ދަށުން އަދި ސިއްހީ ހިދުމަތާ ބެހޭ ގާނޫނުތަކުގެ ދަށުން "ބިތުފަންގި"އާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ. މިނިސްޓަރު ވިދާޅުވީ، އައިޖީއެމްއެޗާއި އެތަނުގެ ޑޮކްޓަރުން އަދި އެހެން މުވައްޒަފުންގެ އަގު ވައްޓާލުމުގެ ފުރުސަތު ނުދޭނެ ކަމަށެވެ. ބިތުފަންގި ޑްރާމާގައި އައިޖީއެމްއެޗްގެ ނަން ބޭނުންކޮށްފައިވާ ގޮތުން ތަނުގެ ޑޮކްޓަރުންނާއި ނަރުހުން އަދި އެހެން މުއައްޒަފުން ބަދުނާމުވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ފިކްޝަނަލް ޝޯއެއްގެ ގޮތުގައި ބިތުފަންގި ގެެނެސްދިން ނަމަވެސް އައިޖީއެމްއެޗްގެ ނަން އޭގައި ބޭނުމެއް ނުކުރެވޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.