ދުނިޔެ

އެމެރިކާއަށް މުޅިން ބަރޯސާކުރުން ބުއްދިވެރިއެއް ނޫން: ޔޫރަޕިއަން ޔޫނިއަން

ޔޫރަޕިއަން ޔޫނިއަނާއި އެމެރިކާއާ ދެމެދު އޮންނަ ގުޅުމަކީ މުޅިން ޔޫރަޕަށް ފަހިވާ ގޮތަށް އޮންނަ ގުޅުމެއް ކަމަށް ބަލައިގެން ތިބެން ހެޔޮނުވާނެ ކަމަށް، ޔޫރަޕިއަން ކޮމިޝަންގެ ރައީސް އުރުސުލާ ވޮންޑާ ލޭޔަން ވިދާޅުވެއްޖެ އެވެ.

އެމެރިކާއާ އެކު ކިތަންމެ ގާތް ގުޅުމެއް އޮތް ނަމަވެސް، އެކަމުގެ ސަބަބުން ޔޫރަޕިއަން ޔޫނިއަނަށް ގެއްލުން ވެދާނެ ކަމަށް ވިސްނައިގެން ތިބުން ބުއްދިވެރި ކަމަށް އޭނާ ވިދާޅުވި އެވެ.

ވޮންޑާ ލޭޔަން ވިދާޅުވި ގޮތުން ޔޫރަޕިއަން ޔޫނިއަނާއި އެމެރިކާއާ ދެމެދު މިހާރު އޮތީ، ޗައިނާ އާއި ޔޫރަޕިއަން ޔޫނިއަނާ ދެމެދ އޮތް ކަހަލަ ގުޅުމެއް ނޫން ކަމަށެވެ.

ޗައިނާއާ މުޅިން ގުޅުންކަނޑާލައިފި ނަމަ ޔޫރަޕިއަން ޔޫނިއަނަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަނެއްކޮޅުން އެމެރިކާގެ ސިޔާސަތަށް ގެންނަ ކޮންމެ ބަދަލަކަށް ރުހެންވެއްޖެ ނަމަ ޔޫރަޕިއަން ޔޫނިއަންގެ އަމިއްލަވަންތަކަން ގެއްލިގެން ހިނގައިދާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އެމެރިކާއިން ޔުކްރޭނަށް ދޭ އެހީ ކަނޑާލައި އަދި ޖާސޫސީ މައުލޫމަތު ހިއްސާކުރުން ހުއްޓާލުމަކީ، ޔޫރަޕިއަން ޔޫނިއަންގެ ރޭވުންތަކާ މުޅިން ޚިލާފުކަމެއް ކަމަށް ވޮންޑާ ލޭޔަން ވިދާޅުވި އެވެ.

އީޔޫ އަމިއްލަ ފައިމައްޗަށް ތެދުވުމަށް އަހަރީ ބަޖެޓަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ދުނިޔޭގެ ސިޔާސަތު ބަދަލުވަމުން ދާއިރު، ޔޫރަޕަށް އެކަނި ނޫފުލެވޭ ވަރުގެ ޕްރެޝަރު ކުރިމަތިވާ ކަމަށް ޔޫރަޕިއަން ކޮމިޝަންގެ ރައީސް ވިދާޅުވި އެވެ.

ޔޫރަޕް ގައުމުތަކުގެ ވެރިންނަށް އަދިވެސް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ އެކު ހަމަޖެހިލައިގެން މަޝްވަރާނުކުރެވޭ ކަމަށް ވޮންޑާ ލޭޔަން ވިދާޅުވި އެވެ. މިކަމުން ވެސް ދޭހަވަނީ އެމެރިކާ އާއި ޔޫރަޕް ބީރައްޓެހިވެއްޖެ ކަން ކަމަށް އޭނާ ވިދާޅުވި އެވެ.