ޗެމްޕިއަންސް ލީގް

ބާސާ ކުއާޓާ ފައިނަލަށް، ހިތްދެވުނީ 17 އަހަރުގެ ޔަމާލްއަށް

17 އަހަރުގެ ޒުވާން ކުޅުންތެރިޔާ ލަމީން ޔަމާލްގެ ގޯލަށްފަހު ރަފީނިއާ އާއެކު އުފާ ފާޅުކުރަނީ
0%
0%
0%

ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ދެވަނަ ލެގުގައި ބާސެލޯނާއިން 3-1ގެ ނަތީޖާއަކުން ބެންފީކާ ބަލިކޮށް، ކުއާޓާ ފައިނަލަށް ދަތުރުކޮށްފި އެވެ.

ދެ ލެގުގެ ޖުމްލަ ނަތީޖާއަކީ 4-1 އެވެ.

އޮލިމްޕިކް ސްޓޭޑިއަމްގައި ކުޅުނު މި މުބާރާތުގައި ބާސެލޯނާގެ ފަރާތުން ދެ ލަނޑު ޖެހީ ރަފީނިއާ އެވެ. އަދި އެއް ލަނޑު ޖެހީ 17 އަހަރުގެ ޒުވާން ކުޅުންތެރިޔާ ލަމީން ޔަމާލް އެވެ. ބެންފީކާގެ ހަމައެކަނި ލަނޑު ޖެހީ ނިކޮލަސް އޮޓަމެންޑީ އެވެ.

މެޗުގެ ފުރަތަމަ ލަނޑު 11 ވަނަ މިނެޓުގައި ޖެހީ ރަފީނިއާ އެވެ. ޔަމާލްގެ ފުރިހަމަ ޕާހަކާ އެކު ރަފީނިއާ މި ލަނޑު ޖެހުމުން ބާސެލޯނާއަށް ކުރިއެރުމެއް ލިބުނެވެ. ނަމަވެސް ދެ މިނެޓު ފަހުން ބެންފީކާގެ އޮޓަމެންޑީ އޭރިޔާ ތެރެއިން ބޮލުން ޖެހި ލަނޑަކުން ސްކޯ އެއްވަރުކުރި އެވެ.

މެޗުގެ 27 ވަނަ މިނެޓުގައި ލަމީން ޔަމާލް ލަނޑެއް ޖަހައި ބާސެލޯނާއަށް އަނެއްކާވެސް ކުރިއެރުން ހޯދައިދިނެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން 42 ވަނަ މިނެޓުގައި ރަފީނިއާ ދެވަނަ ލަނޑު ޖެހި އެވެ. މި ލަނޑު ޖެހުމުގެ ކުރިން ފައުލް ކުރި ކަމަށް ބެންފީކާގެ ކުޅުންތެރިން މައްސަލަ ޖެއްސި ނަމަވެސް ވީޑިއޯ ބެލުމަށްފަހު ރެފްރީ ނިންމީ އެއީ ސައްހަ ލަނޑެއް ކަމަށެވެ.

ރަފީނިއާގެ ހުނަރު މި މެޗުގައި ފާހަގަކޮށްލެވުނެވެ. މި ސީޒަނުގައި އޭނާ 11 ލަނޑު ޖަހައި، 5 ލަނޑު ޖެހުމުގެ ފުރުސަތު ތަނަވަސްކޮށްދީފައިވެ އެވެ. މީގެ ކުރިން ބާސެލޯނާއަށް އެންމެ ގިނައިން ލަނޑު ޖެހުމުގައި އެހީތެރިވެފައިވަނީ ލިއޮނެލް މެސީ އެވެ.

މީގެއިތުރުން ލަމީން ޔަމާލް ވަނީ ޗެމްޕިއަންސް ލީގުގައި ލަނޑެއް ޖަހައި، އިތުރު ލަނޑެއް ޖެހުމަށް މަގުފަހިކޮށްދިން އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑު ހޯދާފަ އެވެ.

މި މެޗު ކުޅުނުއިރު ޔަމާލްގެ އުމުރަކީ 17 އަހަރާއި 241 ދުވަހެވެ. މި ސީޒަނުގައި ޔަމާލްގެ ހުނަރުވެރިކަމާއި ކުޅުމުގެ ވައްޓަފާޅި އިތުރަށް ފާހަގަކުރެވިގެން ދެއެވެ.

ދެވަނަ ހާފުގައި ބާސެލޯނާއަށް އިތުރު ލަނޑުތައް ޖެހުމުގެ ފުރުސަތު ލިބުނު ނަމަވެސް ސްކޯ 3-1 ގައި އޮވެ މެޗު ނިމިގެން ދިޔަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345