އުމަރު ނަސީރު

10 ގޭންގް މެންބަރެއްގެ ފައިގައި ޓެގް އަޅުވައި ބަލަހައްޓަން މިނިސްޓަރު އަމުރުކޮށްފި

Mar 24, 2016
8
  • މިއީ މޮނިކޮން އޯޑަރެއް ނެރުނު ފުރަތަމަ ފަހަރު
  • އަމުރުގައި ހިމެނޭ ގިނަ މީހުން ނިސްބަތްވަނީ މަސްއޮޑިއަށް
  • މަނާ ވަގުތު ގޭން ބޭރަށް ނުކުމެއްޖެ ނަމަ ޖަލަށް ލާނެ

ގޭންގްތަކަށް ނިސްބަތްވާ 10 މީހަކު، މޮނިޓާކޮށް ކޮންޓްރޯލް ކުރުމުގެ އަމުރެއް ހޯމް މިނިސްޓަރު އުމަރު ނަސީރު ފުލުހުންގެ މައްޗަށް މިއަދު ނެރުއްވައިފި އެވެ. އަލަށް އަމަލު ކުރަން ފެށި ޓެރަރިޒަމް ގާނޫނުގެ ދަށުން، ހޯމް މިނިސްޓަރު މިއަދު ނެރުއްވި މޮނިކޮމް އޯޑަރާ ގުޅޭ ގޮތުން މިނިސްޓަރު މިއަދު އަވަސް އަށް ވިދާޅުވީ ގޭންގްތަކަށް ނިސްބަތްވާ 10 މީހަކު، އުޅޭ ނޫޅޭތަނެއް ބެލުމުގެ ގޮތުން ފައިގައި ޓެގް އަޅުއްވައި ފުލުހުން ގެންދާނީ އެ މީހުން 24 ގަޑިއިރު މޮނީޓާ ކުރަމުން ކަމަށެވެ. އަދި އެ މީހުންނަށް ވަކި ވަގުތުތަކެއްގައި ބޭރަށް ނުކުމެ ނޫޅެވޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"މި އަމުރާ އެކުއެކު އެމީހުން ތިބޭނީ ފައިގައި ޓެގެއް އަޅުވާފައި، ކަނޑައަޅާ ވަކި ވަގުތެއްގައި އެމީހުން ތިބެންޖެހެނީ ގޭގައި އެގަޑިތަކުގައި ނުކުމެއްޖެ ނަމަ ސީދާ ގެންދާނީ ޖަލަށް" މިނިސްޓަރު ވިދާޅުވި އެވެ.

މިއީ މޮނިކޮން އޯޑާއެއް، ނުވަތަ ކޮންޓްރޯލްކޮށް މޮނިޓާ ކުރުމުގެ އޯޑަރެއް މިގޮތަށް ރާއްޖޭގައި ނެރުނު ފުރަތަމަ ފަހަރެވެ.

މިނިސްޓަރު ވިދާޅުވީ މޮނިކޮން އޯޑާގެ ދަށުން ޓެގް އަޅުވާ ބަލަހައްޓަން އަމުރު ކުރި 10 މީހުންގެ ތެރެއިން ގިނަ މީހުންގެ ކާފިއު އޯޑާ އޮންނާނީ ރޭގަނޑު 10:00 އިން ހެނދުނު 8:00 އަށް ކަމަށާއި ނަމަވެސް ބައއް އެހެން މީހުންނަށް އެނޫން ވަގުތުތައް ހިފަހައްޓާފައިވާނެ ކަމަށެވެ.

މި ކާފިއު އޯޑަރުގެ ތެރޭގައި އެ 10 މީހުންގެ ގެ ބަލައި ފާސް ކުރުމާއި އެ މީހުންގެ މޮބައިލާއި އެނޫން ވެސް ޑިވައިސްތައް ބަލައި ފާސް ކުރުމާއި އެކުގައި އުޅޭ މީހުންނާ ސުވާލުކޮށް ބަލައި ފާސްކުރުން ވެސް ހިމެނެ އެވެ. މިނިސްޓަރު ވިދާޅުވީ މިއީ ގޭންގު މީހުންގެ ގޮތުގައި ވަރަށް ބޮޑަށް މަޝްހޫރުވެފައިވާ ނުރައްކާތެރި މީހުން ކަމަށެވެ.

"މި ނޫނަސް އެ މީހުންގެ ބައެއް ކަންކަން މި އޯޑަރުގެ ދަށުން ފުލުހުން ކޮންޓްރޯލް ކުރާނެ، މި އޯޑަރާ އެގޮތަށް ފުލުހުން އަމަލު ކުރަމުންދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

އެ 10 މީހުންގެ މައުލޫމާތު ރަސްމީކޮށް ހާމައެއް ނުކުރެ އެވެ. ނަމަވެސް އަވަސް އަށް އެނގިފައިވާ ގޮތުގައި މޮނިކޮން އޯޑަރާއެކު ޓެގް އަޅުވައި ހިފަހައްޓައި ކޮންޓްރޯލް ކުރުމުގެ ކާއިއު އޯޑަރު ނެރުނު 10 މީހުންގެ ތެރެއިން ގިނަ މީހުން ނިސްބަތް ވަނީ "މަސްއޮޑި" އަށް ނިސްބަތްވާ މީހުންނެވެ.

ހޯމް މިނިސްޓަރު ނެރުއްވި މޮނިކޮން އޯޑަރާ ގުޅިގެން ފުލުހުން އަދި އެއްޗެއް ބުނެފައެއް ނުވެއެވެ.