ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އިން "ގޭމްކުއެސްޓް-އައްޑޫ އެޑިޝަން" ގެ ނަމުގައި އަތޮޅު ތެރޭގައި ބޭއްވި ފުރަތަމަ ގޭމިން މުބާރާތް އައްޑޫ ސިޓީގައި ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.
ދިރާގާއި އައްޑޫ ސިޓީ ކައުންސިލް ގުޅިގެން އިންތިޒާމުކުރި ގޭމްކުއެސްޓް-އައްޑޫ އެޑިޝަން ކުރިއަށް ގެންގޮސްފައި ވަނީ މިމަހުގެ 16 އިން 17 އަށް އައްޑޫ ސިޓީގެ ޝަރަފުއްދީން ސްކޫލްގަ އެވެ.
ދެ ދުވަހު ކުރިއަށް ގެންދިޔަ މި މުބާރާތުގައި 100 އަށްވުރެ ގިނަ ގޭމަރުން ބައިވެރިވި ކަމަށް ދިރާގުން ބުނެފައިވެ އެވެ. ދިރާގުން ބުނި ގޮތުގައި މިއީ އައްޑޫ ސިޓީގައި ގޭމް ކުޅުމަށް ޝައުގުވެރިކަން ހުންނަ ޒުވާނުންނަށް ހާއްސަކޮށްގެން ބޭއްވި މުބާރާތެކެވެ.
"ގޭމްކުއެސްޓް-އައްޑޫ އެޑިޝަން" ގައި ވަނީ އީއޭއެފްސީ 25 ގެ މުބާރާތެއް ބާއްވައި ވަނަވަނަ ހޯދި ގޭމަރުންނަށް ޖުމްލަ 10،000 ރުފިޔާގެ އިނާމު ދީފަ އެވެ.
މި މުބާރާތުގެ އިތުރުން ޖީޓީ7 ރޭސިން ސިމިއުލޭޝަން، އެސްޓްރޮ-ބޮޓް އަދި ވީއާރް ސިމިއުލޭޝަން ގޭމްތައް ކުޅޭ ފްރީ ސްޓޭޝަންތައް ވަނީ ހިމަނާފަ އެވެ.
މި ގޭމްތަކަށް ބޮޑު ތަރުހީބެއް ލިބުނުކަން ދިރާގުން ވަނީ ފާހަގަކޮށްފަ އެވެ. އަދި "ގޭމްކުއެސްޓް-އައްޑޫ އެޑިޝަން" ގައި ބައިވެރިވި ގޭމަރުންގެ މެދުގައި ލަކީޑްރޯއެއް ނަގައި ނަސީބުވެރި ހަތަރު ފަރާތަކަށް ވަނީ ފައިސާގެ އިނާމު ހަވާޅުކޮށްފަ އެވެ.
ރާއްޖޭގެ އެންމެ ބޮޑު ގޭމިން ޕްލެޓްފޯމް ކަމުގައިވާ ޑީޖީޖީ އިން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އީ-ސްޕޯޓްސް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކޮށް އަންނަން އޮތް ޖީލުތަކުގެ ގޭމިން ހުނަރުތައް އިތުރުކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ.
ޑީޖީޖީ އިން ކުރިއަށް ގެންދާ ހަރަކާތްތަކުގެ އެންމެ ފަހުގެ މައުލޫމާތު ޑީޖީޖީ ވެބްސައިޓުން ލިބޭނެ އެވެ.