ހަބަރު

ލަނޑާ އާލާކުރަން 150 މިލިއަން ރުފިޔާގެ މަޝްރޫއެއް ފަށައިފި

ކަނޑުފަޅުގެ ދިރުން އާލާކޮށް އިތުރު ކުރުމުގެ ގޮތުން ހުއިފިލަނޑާ ދިރުވައި އާލާކުރުމުގެ ބޮޑު މަޝްރޫއެއް ފިޝަރީޒް މިނިސްޓްރީން މިއަދު އިފްތިތާހުކޮށްފި އެވެ. ހުއިފިލަނޑާ އާލާކުރަން 150 މިލިއަން ރުފިޔާގެ މަޝްރޫއު މިނިސްޓްރީން މިއަދު ހަވާލުކުރީ މެރިކަލްޗާގެ މަސައްކަތް ރާޢްޖޭގައި ފުޅާ ދާއިރާއެއްގައި ކުރާ ބަރަކަތުލް ބަހުރު ކުންފުންޏާ އެވެ.

ވިޔަފާރި އުސޫލުން ކުދި ހުއިފިލަނޑާ ގެންގުޅެ ބޮޑު ކުރުމަށް ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބަހުރު ކުންފުންޏާ އެކު ވި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓާ ޖެނަރަލް އޮފް އެގްރިކަލްޗާ އާމިނަތު ޝާފިޔާ އެވެ. ބަހުރު ކުންފުނީގެ ފަރާތުން މެނޭޖިން ޑިރެކްޓާ އަހުމަދު އިބްރާހިމް (ކަނދޮޅުދޫ ދޮންބެ) އެވެ.

އެ އެއްބަސްވުމުގެ ދަށުން ކުންފުނީގެ ފަރާތުން ކުދި ހުއިފިލަނޑާ އާއި ހުއިފިލަނޑާގެ ކާނާ އާއި ކޮށި ހަދާ ސާމާނާއި ހުއިފިލަނޑާ ބޮޑެތިކުރުމުގެ ތަމްރީން އެތަކެތި ބޮޑުކުރުމަށް ބޭނުންވާ ފަރާތްތަކަށް ފޯރުކޮށްދޭން ޖެހެއެވެ.

މަޝްރޫއާއި ބެހޭގޮތުން ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވީ، ހުއިފިލަނޑާ ބޮޑުކުރުމަށް މިއަދު ފަށާ ޕްރޮޖެކްޓުގެ ދަށުން ޝައުގުވެރިވާ ފަރާތްތަކަށް 50،000ރ. ގެ ލޯނު ދޫކުރާނެ ކަމަށެވެ. އެ ފަރާތްތަކަށް ބޭނުންވާ ކާނާއާއި ކޮށްޓާއި އެހެނިހެންވެސް ވަސީލަތް ފޯރުކޮށްދޭނީ ކުންފުނިން ކަމަށާއި އެ ފަރާތްތަކުން ހަމައެކަނި ކުރަންޖެހޭނެ ކަމަކީ ލަނޑާތައް ބަލަހައްޓައި ގަޑިން ގަޑިއަށް ކާންދިނުން ކަމަށެވެ.

މަޝްރޫއަށް ބޭނުންވާ ސާމާނު ލިބުމުން އަމަލީގޮތުން އަންނަ މަހު ފަށާ އެ މަޝްރޫއުގައި ދެ އަހަރު ދުވަހުގެ ތެރޭގައި 100 މީހުންނަށް ފުރުސަތު ދޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ނަމަވެސް އެންމެ ފުރަތަމަ މަސައްކަތް ފަށައިގަންނަނީ 30 މީހުންނާއި އެކު އެވެ. އެއީ ލ. އަތޮޅު އިސްދޫ، ކަލައިދޫ އަދި ދަނބިދޫއިން 30 މީހުންނެވެ.

"އަޅުގަނޑުމެން ހިސާބު ހަދާލިއިރު މި މަސައްކަތުގެ ދަށުން އިސްދޫ ކަލައިދޫ ދަނބިދޫ ކޮންމެ ރަށަކުން 10 މީހުން ބައިވެރިކޮށްގެން މީހެއްގެ މައްޗަށް 50000ރ. ހަރަދުކޮށްގެން 1،68000ރ. އެބަ ނެރެވޭ. ލަނޑާ ޕްރޮވައިޑް ކޮށްދޭނީވެސް ކުންފުނިން. ބަލަހައްޓާ މީހުން ހަމަ އެކަނި ކުރަންޖެހޭ ކަމަކީ އެ އެއްޗިއްސަށް ކާން ދިނުން. އަޅުގަނޑުމެން މިހާރު މިވަނީ މި މަޝްރޫއުގެ އެޑްވާންސް ޕޭމަންޓެއްގެ ގޮތުގައި 2.4 މިލިއަން ރުފިޔާ ދީފައި،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މަސައްކަތް އިންތިޒާމްކުރަން ކުންފުންޏެއް ހަމަޖެއްސީ މެރިކަލްޗާ އަކީ ރާއްޖެއަށް ވަރަށް އާ ކަމަކަށް ވުމުން، ފަށައިގަންނައިރު މަސައްކަތް ހަރުދަނާކޮށް ގެންދިއުމުގެ ގޮތުން ކަމަށެވެ.

މީގެ އިތުރުން ފާނަ އާލާކުރުމުގެ މަސައްކަތް ވެސް ވަރަށް އަވަހަށް ފަށާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ މި ސަރުކާރު ފެށިގެން މިހާތަނަށް އައިއިރު އެ މިނިސްޓްރީގެ ދަށުން ކުރުމަށް މެނިފެސްޓޯގައި އޮވެ، ނުކުރެވި އޮތް ހަމައެކަނި ކަމަކީ ކަނޑުފަޅުގެ ދިރުން ރައްކާތެރިކޮށް އާލާކުރުމުގެ މަސައްކަތް ކަމަށެވެ. އެހެން ނަމަވެސް މިއަދު ފެށިގެން މި ދިޔަ މަޝްރޫއާ އެކު އެކަން ވަރަށް ކާމިޔާބު ކަމާއެކު ކުރެވޭނެ ކަމަށެވެ.

ރާއްޖޭގައި މެރިކަލްޗާ ސިނާއަތެއް ތަރައްގީކުރުމަށް މިނިސްޓްރީއާއު އިންޓަނޭޝަނަލް ފަންޑް ފޮ އެގްރިކަލްޗާ ޑިވޮލޮޕްމަންޓް (އީފާޑް) ގުޅިގެން "މެރިކަލްޗާ އެންޓަޕްރައިސަސް ޑިވޮލޮޕްމަންޓް" ޕްރޮޖެކްޓެއް ވަނީ ފަށާފަ އެވެ. އެ ޕްރޮޖެކްޓުގެ ދަށުން އީފާޑުން ރާއްޖޭގައި މެރިކަލްޗާ ދިރުވުމަށް ފަންނީ އެހީގެ އިތުރަށް ފައިސާގެ އެހީވެސް ފޯރުކޮށްދޭނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.