ޑރ. މުހައްމަދު މުއިއްޒު

ތިލަފުށީގައި ކުނި މެނޭޖުކުރުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ރައީސް ބައްލަވާލައްވައިފި

0%
0%
0%

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ތިލަފުއްޓަށް ޒިޔާރަތްކުރައްވައި، ގްރޭޓާ މާލެ އެންވަޔަރަންމަންޓް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް މަޝްރޫއުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާލައްވައިފި އެވެ.

ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ އަމާޒަކީ، ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖްކުރުމުގެ ނިޒާމެއް ރާއްޖޭގައި ގާއިމުކުރުމެވެ.

އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އާއި ޖަޕާން ފަންޑް ފޮ ޕަވަޓީ ރިޑަކްޝަން (ޖޭއެފްޕީއާރް)ގެ އެހީގައި ދިވެހި ސަރުކާރުންވެސް ހަރަދު ކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހި އަމާޒު ކޮށްފައިވަނީ މާލެ ސަރަހައްދާއި އަދިވެސް އިތުރު ރަށްރަށުން ކުނި ނެގުމާއި، ކުނި އުފުލައި ނައްތާލުން ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށެވެ. އެގޮތުން ތިލަފުށީ ވޭސްޓް ރިސެޕްޝަން ފެސިލިޓީއަށް ހެޔޮ ބަދަލުތަކެއް ގެނައުމާއި، އާ ވޭސްޓް ޓްރާންސްފަ ސްޓޭޝަންތައް އެޅުމާއި، ޑިމޮލިޝަން ވޭސްޓް ޕްރޮސެސިން ޕްލާންޓެއްގެ އިތުރުން، ކުނީގެ ގޮތުގައި ބާ އުޅަނދުފަހަރު ނައްތާލުމަށް ހާއްސަ ޕްލާންޓެއް ތަރައްގީކުރުންވެސް ހިމެނެ އެވެ. އަދި އެއް ރަށުން އަނެއް ރަށަށް ކުނި އުފުލުމަށް އާ އުޅަނދެއް ތަރައްގީކުރުމުގެ މަސައްކަތްވެސް ކުރިއަށް ދެއެވެ.

މަޝްރޫޢުގެ ދެވަނަ ފިޔަވަހީގައި ވޭސްޓް ޓު އެނާޖީ (ޑަބްލިއުޓީއީ) ޓެކްނޮލޮޖީ ނުވަތަ ކުނިން ހަކަތަ އުފެއްދުމުގެ ފަންނިއްޔާތު ތައާރަފުކޮށް، އެ ސަރަހައްދުގައި ދުވާލެއްގެ މައްޗަށް އުފެދޭ 774 ޓަނުގެ ކުނީގެ މައްސަލައަށް ހައްލު ހޯދުން ހިމެނެ އެވެ. މި މަޝްރޫއުގެ އަމާޒަކީ، ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖްކުރުމަށް އާންމުންގެ ހޭލުންތެރިކަން އިތުރުކޮށް، ޓްރީޓްމަންޓާއި ރީސައިކަލް ކުރުމާއި، ކުނި ނައްތާލުމުގެ އިންފްރާސްޓްރަކްޗާ ރަނގަޅުކޮށް، ތިލަފުށީގެ ޒަމާންވީ ޑަމްޕްސައިޓް ނުވަތަ ކުނި ޖަމާކުރާ ސަރަހައްދުގެ ތަޣައްޔަރުކަން ކުޑަކުރުމެވެ.

ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއެކު ރައީސުލްޖުމްހޫރިއްޔާ މިއަދު މެންދުރުފަހު ތިލަފުއްޓަށް ކުރެއްވި ޒިޔާރަތުގައި، ފާހަގަކޮށްލެވޭ ހެޔޮ ބަދަލުތަކެއް ގެނެސްފައިވާ ތިލަފުށީ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީގެ މަސައްކަތްތައް ބައްލަވާލެއްވި އެވެ. އެގޮތުން ގެނެވިފައިވާ ހެޔޮ ބަދަލުތަކަށް ބަލާއިރު، ހުއްޓިފައި އޮތް ކުނި ބޭލިން ތައްޔާރުކުރުމުގެ މަސައްކަތް އަލުން ފަށައި، ދުވާލެއްގެ މައްޗަށް މިހާރު 76 ބޭލްގެ ކުނި އުފައްދަ އެވެ. އަދި ޖާގައިގެ ބޭނުން އޭގެ ފުރިހަމަ ގޮތުގައި ހިފުމަށްޓަކައި، 991 ކުނި ބޭލް ވަނީ އެހެން ސަރަހައްދަކަށް ބަދަލުކޮށްފަ އެވެ. ރިސޯޓްތަކުން އުފައްދާ ކުނި ޖަމާކުރާ ސަރަހައްދަށް އުޅަނދުފަހަރު ހުސްކޮށް، އަނބުރާ ފޮނުވާލަން ހޭދަވާ ވަގުތު އެއް ދުވަހުން އެއް ގަޑިއިރަށް ކުޑަކޮށް، ލޭންޑިން ކްރާފްޓް އޯފްލޯޑްކުރާ ސަރަހައްދުގެ ކްލިއަރަންސަށް ހޭދަވާ ވަގުތު ތިން ދުވަހުން ފަސް ގަޑިއިރަށް ވަނީ ކުޑަކޮށްފަ އެވެ.

މީގެ އިތުރުން އެޑްވާންސް ސަވައިލަންސް ސިސްޓަމްތަކާއެކު ފެސިލިޓީގެ ސެކިއުރިޓީ ވަނީ ވަރުގަދަކޮށްފަ އެވެ. އަދި ކުނިން ހަކަތަ އުފައްދާ ޕްލާންޓަށް ވަދެވޭ މަގުތައް ސާފުކުރުމަށް 6،500 ޓަނުގެ ކުނި، ލޭންޑްފިލް ކަވާގެ ގޮތުގައި އަލުން ވަނީ ބޭނުންކޮށްފަ އެވެ. މީގެއިތުރުން ކުރިއަށް އޮތް ދެ އަހަރަށް ކުނި މެނޭޖް ކުރުމަށް 5،000 އަކަމީޓަރުގެ އާ ވޭސްޓް ސެލްއެއްވެސް ވަނީ ތަރައްގީކޮށްފަ އެވެ.

މި މަޝްރޫއުތަކުގެ މަގުސަދަކީ ރާއްޖޭގެ ކުނި މެނޭޖްކުރުމަށާއި ތިމާވެށީގެ ރައްކާތެރިކަމަށް ހުރި ގޮންޖެހުންތަކަށް ހައްލު ހޯދައި، މޫސުމީ ކުއްލި ނުރައްކަލުގެ ހިރާސް ކުޑަކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތުގައި، ދެމެހެއްޓެނިވި، ހަރުދަނާ ގޮތެއްގައި ސާބިތުވުން ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345