ޑރ. މުހައްމަދު މުއިއްޒު

ރަސްމާލެ ވާނީ އިންގިލާބީ މަޝްރޫއަކަށް: ރައީސް

ރަސްމާލެ ވާނީ ޒަމާނީ ތަރައްގީގައި އިންގިލާބީ މަޝްރޫއަކަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ދިވެހި ސަރުކާރުން އިންތިޒާމުކޮށްގެން ޔޫއޭއީގެ ދުބާއީގައި މިއަދު ފެށި އިންވެސްޓް މޯލްޑިވްސް ފޯރަމްގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގައި ހުރި ގިނަ މައްސަލަތައް ހައްލުކުރެވެން އޮތީ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށްގެން ކަމަށެވެ.

ރަސްމާލެ އަކީ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދުމަށް ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށް ފާހަގަަކުރައްވަމުން ރައީސް ވިދާޅުވީ ރަސްމާލެ ވާނީ ޒަމަނީ ތަރައްގީ އިންގިލާބީ ބަދަލުތަކެއް ފެނިގެންދާ ތިމާވެއްޓާ ރަށްޓެހި ތަނަކަށް ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅުކުރުމަށް ވަރަށް ގިނަ މަޝްރޫއުތަކާއި ސިޔާސަތުތައް ސަރުކާރުން ރާވާފައިވާ ކަމަށެވެ. އެހެންވެ މިސަރުކާރުން ރާއްޖޭގެ އިގްތިސާދު އިތުރަށް ފުޅާކުރުމަށް އިގްތިސާދު ޑައިވަސިފައި -- ސިންދަފާތު ކުރުމަށް ރާވާފައިވާ މަޝްރޫއުތަކުގައި ބައިވެރިވުމަށް އިންވެސްޓަރުންނަށް ދައުވަތު ދެއްވާ ކަމަށްވެސް ވިދާޅުވި އެވެ. އަދި އެކަމަށް ވަރަށް ބޮޑު އިސްކަމެއް ދީގެން މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސް އޮތޯރިޓީ އުފައްދަވާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

"އޮތޯރިޓީ އުފެއްދީ އޮފްޝޯ އަދި އޮންޝޯ ފައިނޭންޝަލް ހިދުމަތްތައް ދިނުމަށް ބޭނުންވާ ގާނޫނާއި ގަވައިދުތައް އެކުލަވާލުމަށް،" ރައީސް ވިދާޅުވި އެވެ.

އިގްތިސާދު ސިންދަފާތު ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު ހިއްސާކުރައްވަމުން ރައީސް ވިދާޅުވީ ސެންޓްރަލް މެރިޓައިމް ޕޯޓެއް ހަދައި އިގްތިސާދީ ހަރަކާތްތައް ހާއްސަ ފްރީ ޒޯނެއް އުފައްދަވާނެ ކަމަށެވެ. އެ ފުރުސަތު ހުރިހާ އިންވެސްޓަރުންނަށްވެސް އޮތް ކަމަށް ވިދާޅުވި އެވެ.

އިންވެސްޓް ފޯރަމްގައި ދިވެހި އަދި ބޭރުގެ އިންވެސްޓަރުން ހިމެނޭހެން 280 އަށް ވުރެ ގިނަ ވިޔަފާރިވެރިން ބައިވެރިވެ އެވެ.