އުތުރު ތިލަ ފަޅު

އުތުރު ތިލަފަޅުގައި މައި ޖަލު އަޅަން ބިން ހިއްކަނީ

މައި ޖަލު އެޅުމަށް ހިއްކުމަށް ހަމަޖެހިފައިވާ ފަޅު
0%
0%
0%

ކ. ގިރާވަރުގެ އުތުރުން އޮންނަ އުތުުރު ތިލަފަޅުގައި ރާއްޖޭގެ މައި ޖަލު އެޅުމަށް ސަރުކާރުން ނިންމައިފި އެވެ.

ކްރޮސް ސަބްސިޑީ އުސޫލުން މިމަޝްރޫއު ކުރިއަށް ގެންދިއުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިހާރު ވަނީ ދައުލަތުގެ އާންމު މަންފާއަށްޓަކައި ހާސިލުކުރަން ބޭނުންވާ އިގްތިސާދީ ސިޔާސަތެއްގެ ދަށުން ހިންގާނޭ މުހިއްމު މަޝްރޫއުތައް ކަނޑައެޅުމަށް އެކަށައަޅުއްވާފައިވާ ގަރާރު އިސްލާހު ކުރައްވާފަ އެވެ.

ޓޫރިޒަމާ ބެހޭ ގާނޫނުގެ ދަށުން އެކަށައަޅުއްވާފައިވާ މި ގަރާރުގައި ވަނީ ސަރުކާރުން ހިންގުމަށް ރާވާފައިވާ މުހިއްމު 25 ޕްރޮޖެކްޓެއް ހިމަނައި، އެ ޕްރޮޖެކްޓްތަކަށް އެންމެ މަދުވެގެން ހަރަދު ކުރަންޖެހޭ ވަރު އާންމުކޮށްފަ އެވެ.

މި ގަރާރުގައި ވަނީ ކްރޮސް ސަބްސިޑީ ޕްރޮޖެކްޓްތަކެއްގެ ގޮތުގައި މައިގަނޑު 25 މަޝްރޫއެއް ހިންގުމަށް މަދުވެގެން ހޭދަކުރަންޖެހޭ އަގުގެ ގޮތުގައި 55 މިލިއަން ޑޮލަރު -- 848 މިލއަން ރުފިޔާ ހިމަނާފަ އެވެ.

މި ގަރާރުގައިވާ ބައެއް މަޝްރޫއުތަކުގެ ތެރޭގައި ކުށަށް އަރައިގަތުމުގެ ނުރައްކަލުގައިވާ ކުދިންނަށް ބޭނުންވާ ފަރުވާ ފޯރުކޮށްދިނުމަށާއި އިސްލާހީ އަދި ރީހެބިލިޓޭޝަން ޕްރޮގްރާމްތައް ހިންގުމަށްޓަކައި ގާއިމުކުރުމަށް ހަމަޖެހިފައިވާ "އުއްމީދު / ހޯޕް އައިލެންޑް" މަޝްރޫއަށް ބޭނުންވާ 15 (ފަނަރަ) ހެކްޓަރުގެ ބިން ހިއްކުން ހިމެނެ އެވެ.

ހޯޕް އައިލެންޑަށް ބޭނުންވާ ބިން ކ. ގިރާވަރު އުތުރުފަޅުން ހިއްކައި، އެ ބިމުގައި ހޯޕް އައިލެންޑް ތަރައްގީ ކުރުމާ އެކު ހަމަ އެ ފަޅުން، "ސެންޓްރަލް ޕްރިޒަން ކޮމްޕްލެކްސް" މަޝްރޫއަށް ބޭނުންވާ 30 ހެކްޓަރުގެ ބިން ހިއްކައި އެ ތަނުގައި ޖަލު އެޅުމަށް ނިންމާފައިވެ އެވެ.

ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލް ހިމާޔަތްކޮށް ރައްކާތެރިކުރުމަށާއި، ގައުމުގެ ސުލްހަމަސަލަސްކަން ދެމެހެއްޓުމަށްޓަކައި ކުރިއަށް ގެންދިއުމަށް ރޭވިފައިވާ މަޝްރޫއުތަކެއްވެސް މި ސިޔާސަތުގެ ދަށުން ހިންގުމަށް ނިންމާފައިވެ އެވެ.

އެގޮތުން ހއ. ދިއްދޫ، ހދ. މަކުނުދޫ، ށ. ކޮމަންޑޫ، ށ. މިލަންދޫ، ށ. ބިލެތްފަހި، ރ. ފައިނު، ރ. އަލިފުށި، ބ. ތުޅާދޫ، އއ. މަތިވެރި، މ. މުލި، ފ. ނިލަންދޫ، ތ. ގުރައިދޫ، ތ. ވިލުފުށި އަދި ގއ. ވިލިނގިލީގައި އެއާޕޯޓް ތަރައްގީކުރުމާއި، ހުވަދު އަތޮޅާއި ހައްދުންމަތީގައި އިތުރު ދެ އެއާޕޯޓް ތަރައްގީކުރުމާއި، ގދ. އަތޮޅުގައި އިންޓަރނޭޝަލަން އެއާޕޯޓެއް ތަރައްގީކުރުންވެސް ހިމެނެ އެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާއިން ލ. ގަމާއި، އައްޑޫ ސިޓީގައި އައްސޭރި ޓޫރިޒަމް މަޝްރޫއު ހިންގުމަށްވެސް ހިމަނުއްވާފައިވެ އެވެ.

މީގެއިތުރުން ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ތެރޭގައި މުޅި ރާއްޖޭގައި ސޯޝަލް ހައުސިން މަޝްރޫއުތައް ހިންގުމަށާއި، ރަސްމާލެ، ގުޅީފަޅު، ގިރާވަރުފަޅު، އަދި އުތުރު ތިލަފަޅުން ބިން ހިއްކުމަށް ހިމަނާފައިވެ އެވެ. އަދި މުޅި ރާއްޖޭގައި ބިން ހިއްކާފައިވާ ރަށްރަށުގައި މަގު ހެދުމަށާއި، ޔުޓިލިޓީ ހިދުމަތްތައް ގާއިމުކުރުމަށްވެސް ނިންމާފައިވެ އެވެ.

ތ. ވޭމަންޑޫ އާއި ތ. ކިނބިދޫ ކޯޒްވޭ ލިންކަކުން ގުޅާލުމާއި، ތ. ދިޔަމިގިއްޔާއި ތ. މަޑިފުށި ކޯޒްވޭ ލިންކަކުން ގުޅާލުމާއި، ލ. ހިތަދޫ އާއި ލ. ކުނަހަންދޫ ކޯޒްވޭ ލިންކަކުން ގުޅާލުމާއި، ލ. ކަލައިދޫ އާއި ލ. ދަނބިދޫ ކޯޒްވޭ ލިންކަކުން ގުޅާލުމާއި، މ. މުއްޔާއި މ. ނާލާފުށި ކޯޒްވޭ ލިންކަކުން ގުޅާލުމުގެ މަޝްރޫއުތައްވެސް ގަރާރުގައި ހިމަނުއްވާފައިވެ އެވެ.


ވަކިވަކި ޕްރޮޖެކްޓްތަކުގެ ތެރެއިން އެންމެ ބޮޑު އަގެއް ގަރާރުގައި ހުށަހަޅާފައިވަނީ ހައިޕަފޯމަންސް ސެންޓަރެއް ހެދުމަށެވެ. އެ ޕްރޮޖެކްޓުގެ އަގަކީ 20 މިލިއަން ޑޮލަރު -- 308 މިލިއަން ރުފިޔާ އެވެ.

Send us your opinion
Sign in or register to be part of avas community
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345