ބ. އަތޮޅުގައި ފީނައިގެން ދުނިޔޭގެ ރެކޯޑެއް ހެދުމަށް މަސައްކަތް ފަށައިފި އެވެ.
މި ރިކޯޑް ހެދުމަށް މަސައްކަތް ކުރަނީ ބ. އަތޮޅު އަނގަފަރު ސަރަަހައްދަށް އެއް ފަހަރާ ހާހަކަށް ވުރެ ގިނަ މީހުން ޖަމާވެ، ފީނައިގެންނެވެ.
ދުނިޔޭގެ ޓޫރިޒަމް ދުވަހާ ގުޅުވައިގެން "ބާނި"ގެ ނަމުގައި މި ހަރަކާތް ކުރިއަށް ގެންދިއުމަށްޓަކައި ބ. އަތޮޅު ކައުންސިލުން މިހާރު ވަނީ ފްރީޑައިވް މޯލްޑިވްސްއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.
މި ހަރަކާތުގައި ބައިވެރިވުމުގެ ފުރުސަތު ބ. އަތޮޅުގެ ރައްޔިތުންނާއި އެ އަތޮޅުގައި ހިންގާ ރިސޯޓުތަކަށް ދިނުމާއެކު ޝައުގުވެރިވާ އެހެން ފަރާތްކަށްވެސް އެ ފުރުސަތު ދިނުމަށް ނިންމާފައިވެ އެވެ.
މި ހަރަކާތުގެ ބޭނުމަކީ ތިމާވެށްޓަށް ކުރާ ނޭދެވޭ އަސަރުތައް ދުނިޔޭގެ ސަމާލުކަމަށް ގެނައުމާ އެކު ބ. އަތޮޅަކީ ޝައުގުވެރި އެތައް ކަމެއް ހުރި އަތޮޅެއްގެ ގޮތުގައި އިޝްތިހާރު ކުރުމެވެ.
ބ. އަތޮޅު ބަޔޮސްފިއާ ރިޒާވްއަކީ މިހާރުވެސް މަޝްހޫރު ތަނަކަށްވާތީ މި ހަރަކާތުގެ ޕާޓްނަރަކަށް ބަޔޮސްފިއާ ރިޒާވް ހެދުމަށްވެސް ވަނީ ނިންމާފަ އެވެ.