އެމެރިކާ އާއި ރަޝިއާ ސަރުކާރުގެ އިސް އޮފިޝަލުން ސައޫދީ އަރަބިއްޔާއަށް ޖަމާވަނީ އެވެ. މިއީ ވެރިރަށް ރިޔާޒުގައި މިހާރު ކުރިއަށްދާ، ޔުކްރޭން ހަނގުރާމަ ހުއްޓާލުމާ ބެހޭ މަޝްވަރާތަކުގައި ބައިވެރިވާ އޮފިޝަލުންނެވެ.
މަޝްވަރާތަކުގެ ފުރަތަމަ ފިޔަވަހީގައި ސައްލާކުރެވޭނީ ހަނގުރާމަ ހުއްޓާލުމަށް ރަޝިއާ އާއި ޔުކްރޭނުން ހުށަހަޅާ ޝަރުތުތަކާ ބެހޭ ގޮތުންނެވެ. ދެ ގައުމުގެ އޮފިޝަލުން ބުނާ ގޮތުން ޝަރުތު ކަނޑައެޅި ނަމަވެސް، ދޫދިނުމުގައި، ސަރަހައްދީ ބިމާއި، ގައުމުގެ މިނިވަންކަން އަދި އިސްތިގުލާލަށް ބުރޫއަރާ އެއްވެސް ކަމެއްގައި ދޫދިނުމެއް ނޯންނާނެ އެވެ.
ފުރަތަމަ ފިޔަވަހީގެ ބައްދަލުވުންތައް އާންމު ގޮތެއްގައި އޮންނާނީ ބަންދު ކޮޓަރިތަކުގަ އެވެ. މާނަ އަކީ މަޝްވަރާތަކުގައި ބައިވެރިވާ ބަޔަކު ފިޔަވައި، ކަންހިގައި ދިޔަ ގޮތް އިތުރު އެހެން ބަޔަކަށް ނޭނގޭނެ ކަމެވެ.
ރިޕޯޓްތައް ބުނާ ގޮތުން މަޝްވަރާތައް އޮންނާނީ ރިޒް ކާލްޓަން ހޮޓަލުގަ އެވެ. އެ ހިސާބުގެ އެއްވެސް ސަރަހައްދަކަށް ނޫސްވެރިން ޖަމާވުން ސައޫދީ ސަރުކާރުން ވަނީ މަނާކޮށްފަ އެވެ.
ޔުކްރޭންގެ ސުލްހައިގެ މަޝްވަަރާތަކުގައި މެދުވެރިންނަަކީ ސައޫދީ އަރަބިއްޔާ އާއި އެމެރިކާ އެވެ. މިހާރު ކުރިއަށް ދަނީ ރަޝިއާ އާއި އެމެރިކާއާ ދެމެދު ކުރެވޭ މަޝްވަރާތަކަށް ވާތީ މި ބައްދަލުވުންތަކުގައި ޔުކޭން ބައިވެރިއެއް ނުވާނެ އެވެ.
އެމެރިކާ އާއި ޔުކްރޭންގެ އޮފިޝަލުން މީގެ ކުރިން ވަނީ ސައޫދީގައި ބައްދަލުކޮށްފަ އެވެ. މަޝްވަރާތައް ވަރަށް ކާމިޔާބު ކަމަށް ޔުކްރޭންގެ އޮފިޝަލުން ނޫސްވެރިންނަށް ބުންޏެވެ.
ރަޝިއާގެ ފަރާތުން މި ބައްދަލުވުންތަކުގައި ބައިވެރިވަނީ ފެޑެރޭޝަން ކައުންސިލް ކޮމެޓީ އޮން އިންޓަނޭޝަނަލް އެފެއާޒްގެ ޗެއާމަން، ގްރިގަރީ ކަރަސިން އަދި ފެޑެރަލް ސެކިޔުރިޓީ ސާވިސްގެ މުޝީރު، ސަރުގޭ ބެސީދާ އެވެ.
އެމެެރިކާގެ މަޝްވަރާ ޓީމުގައި ހިމެނެނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ޔުކްރޭނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ކީތު ކެލޮގް، ވައިޓް ހައުސްގެ ގައުމީ ސަލާމަތަާ ބެހޭ މުޝީރު މައިކް ވޯލްޒް އަދި ޕޮލިސީ ޕްލޭނިންގެ ވެރިޔާ މައިކަލް އޭންޓަން އެވެ.