ކުރީގެ ކޮންޓްރޯލާ ޖެނަރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދު ހައްޔަރުކުރި މައްސަލައިގެ އިސްތިއުނާފު ބަލައި ނުގަންނަން ހައިކޯޓުން ނިންމައިފި އެވެ.
މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީއަކު ދޫކޮށްލައި އެމީހާގެ އަތުން ގިނަ އަދަދެއްގެ ފައިސާ ހޯދުމުގެ ތުހުމަތުގައި ޝަމްއާން މަގާމުން ވަކިކުރީ މިމަހުގެ 20 ވަނަ ދުވަހުގެ ރޭ ކުއްލި ގޮތަކަށެވެ.
ފުލުހުންގެ ކުރިއަށް ގެންދާ ތަހުގީގަކަށް ކޯޓު އަމުރެއްގެ ދަށުން ޝަމްއާން ހައްޔަރުކުރީ މިމަހުގެ 21 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.
ޝަމްއާންގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިމަހުގެ 22 ވަނަ ދުވަހު ދަށު ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައިވެ އެވެ.
ދަށު ކޯޓުން ޝަމްއާންގެ ބަންދަށް މުއްދަތު ޖެހުމުން އެ މައްސަލަ ހައިކޯޓަށް ޝައްމާންގެ ފަރާތުން ހުށަހެޅީ މިދިޔަ ބުދަ ދުވަހު އެވެ. އެ މައްސަލަ ހައިކޯޓަށް ބަލައި ނުގަންނަން ނިންމައި މައްސަލަ ބޭރުކޮށްލީ އިއްޔެގެ ވަގުތެއްގައެވެ.
ޝަމްއާންގެ މައްޗަށް ފުލުހުން ތުހުމަތު ކުރަނީ އިމިގްރޭޝަނުން ކުރިއަށް ގެންދާ ރެއިޑެއްގެ ތެރެއިން އަތުލައިގެން ބިދޭސީއަކު އިމިގްރޭޝަންގެ ޑިޓެންޝަން ސެންޓަރަށް ގެންދިއުމަށްފަހު އޭނާގެ އަތުން ގިނަ އަދަދެއްގެ ފައިސާ ނަގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އޭނާ ދޫކޮށްލަން އެންގެވިކަމުގެ ތުހުމަތެވެ.
ޝަމްއާން ހައްޔަރުކުރުމުގެ ކުރިން ފުލުހުން ވަނީ އޭނާ ދިރިއުޅެމުން ދިޔަ އެޕާޓްމަންޓަށް ވަދެ ބަލައި ފާސްކޮށް ގިނަ އަދަދެއްގެ ފައިސާ ހޯދާފަ އެވެ. އަދި ޝަމްއާން ދިރިއުޅޭ އެޕާޓްމަންޓުން ގިނަ އަދަދެއްގެ އިލެކްޓްރޯނިކް ސާމާނުވެސް ފުލުހުން ގެންގޮސްފައިވެ އެވެ.
ޝަމްއާން ހައްޔަރުކުރުމަށްފަހު ފުލުހުން ނެރުނު ބަޔާނެއްގައި ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސް ދޫކޮށްލި ބިދޭސީ މީހާގެ އަތުން ފެނުނު 530،000 ރުފިޔާ ހިފައިގެން އެ ރެއިޑްގައި އުޅުނު އިމިގްރޭޝަންގެ ތިން އޮފިސަރަކު ދިޔައީ ސީދާ ޝަމްއާންގެ އެޕާޓްމަންޓަށް ކަމަށެވެ.
ފުލުހުން ވަނީ ރެއިޑްގައި ހަރަކާތްތެރިވި ތިން އޮފިސަރުންވެސް ހައްޔަރުކޮށްފަ އެވެ. އަދި ޝަމްއާން ހައްޔަރުކުރި ދުވަހު އިމިގްރޭޝަންގެ އިތުރު އޮފިސަރަކުވެސް މިމައްސަލައިގައި ހައްޔަރުކޮށްފައިވާތީ މިމައްސަލައިގައި މިވަގުތު ފަސް މީހަކު ފުލުހުންގެ ބަންދުގައި އެބަ ތިއްބެވެ.