ޒަކާތް

އެންމެންނަށް އެއްހަމައަކުން ފިތުރު ޒަކާތް ބަހަނީ

ފަގީރުންގެ ދަފްތަރުގައި ހިމެނޭ ކޮންމެ މީހަކަށް މިއަހަރުން ފެށިގެން ފިތުރު ޒަކާތުގެ ގޮތުގައި 4،500 ރުފިޔާ ދޫކުރުމަށް ނިންމައިފި އެވެ.

ފިތުރު ޒަކާތުގެ ފައިސާ ބެހުމުގައި މީގެކުރިން އަމަލުކުރަމުން އައި ގޮތަކީ އެ ރަށަކުން ޒަކާތުގެ ގޮތުގައި ބަލައިގެން އަދަދަކުން އެކަނި އެރަށަކަށް ދޫކުރުމެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ އެ އުސޫލުން އަމަލުކުރުމުން ބައެއް ރަށް ރަށުގައި ފަގީރުންނަށް ލިބެނީ ވަރަށް މަދު އެއްޗެއް ކަމަށެވެ.

ޝަހީމް ވިދާޅުވީ މި އަހަރު ފިތުރު ޒަކާތް ބަހާނީ ފަގީރުންގެ ދަފްތަރުގައި ތިބި އެންމެންނަށް އެއް ހަމައަކުން ކަމަށެވެ. އެ ބަދަލަކީ ޒަކާތުގެ މަގުސަދުގައި ހިމެނޭ އިޖުތިމާއީ އަދާލަތު ގާއިމުކުރަން ގެނެވުނު ބަދަލެއް ކަމަށްވެސް ވިދާޅުވި އެވެ.

"މިހާރު ތަފާތަކީ މުޅިރާއްޖެއަކީ އެއްބައެއް ކަމުގައި ބަލައި އެގޮތުން ބެހުން. މިއީ ރާއްޖޭގެ ފިތުރު ޒަކާތުގެ ތާރީހުގައި ފުރަތަމަ ފަހަރަށް ގެނެވުނު މިފަދަ ބަދަލު،" ޝަހީމް ވިދާޅުވި އެވެ.

މިއަހަރު ފިތުރު ޒަކާތަށް މިހާތަނަށް 12.4 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށްވެސް ޝަހީމް ވިދާޅުވި އެވެ.