އީދު ދުވަހަކީ ހެޔޮ ފޯރުވުމުގެ ދުވަހަކަށް ހެދުމަށް މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސް ކުރައްވައިފި އެވެ.
ފިތުރު އީދު ދުވަހުގެ މުނާސަބަތުގައި ރައީސް ފޮނުއްވި ހިތާބުގައި އިލްމުވެރީންނާ ހަވާލާދެއްވާ ވަނީ އީދުގެ އެންމެ މަތިވެރި މަގުސަދަކީ ރޯދައިގެ އަޅުކަން ފުރިހަމަކުރުމަށް ދެއްވި ފުރުސަތަށްޓަކައި ﷲއަށް ހަމްދުކުރުމާއި ޝުކުރުކުރުން ކަމުގައި ފާހަގަކުރައްވާފަ އެވެ. އަދި މުސްލިމުން އެކަކު އަނެކެއްގެ މައްޗަށް ހިތް ހެޔޮކަން ފާޅުކޮށް އިސްލާމީ އަޚްވަންތަކަން ދިރުވައި، ސަދަގާތާއި ހަދިޔާއާއި އިހްލާސްތެރި ހެޔޮ ބަސްތަކުން ހިތްތަކަށް އުފާވެރިކަން ދިނުމަކީވެސް އީދުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނޭކަމެއް ކަމުގައިވެސް ފާހަގަކުރައްވާފައިވެ އެވެ.
ރައީސްގެ ހިތާބުގައި ކޮންމެ މީހަކުވެސް ހާއްސަކޮށް، ރަމަޟާން މަހު އަމިއްލަ ނަފްސުގެ އިސްލާހަށް އެދި ﷲގެ ހަޟްރަތުގައި ދެންނެވި ފަދައިން ކުރިއަށް އޮތް ދުވަސްތަކުގައި އަމިއްލަ ނަފްސު އިސްލާހު ކުރުމަށް މަސައްކަތްކުރެއްވުމަށް ބާރުއަޅުއްވާފައިވެ އެވެ. އަދި އީދުގެ އުފާތައް ލިބިގަތުމުގައިވެސް އަދި އޭގެ ފަހުންވެސް، ކޮންމެ ކަމެއްގައި އިސްލާމްދީނުގެ މަތިވެރި އިމުގެ ތެރޭގައި ހުރިހައި އަމަލުތަކެއް ބެހެއްޓުމަށްވެސް ރައީސް ވަނީ ނަސޭހަތްތެރިވެ ވަޑައިގެންފަ އެވެ. ހަމައެއާއެކު ސަރުކާރުންވެސް މަސައްކަތްކުރާނީ އިސްލާމްދީނުގެ މަތިވެރި ޝިއާރުތައް އުފުލުމުގައި ނަމޫނާ ގައުމަކަށް ދިވެހި ގައުމު ހެދުމަށް ކަމުގައިވެސް ވިދާޅުވެފައިވެ އެވެ.
ރައީސް މުއިއްޒު ވަނީ ވީޑިއޯ މެސެޖެއް މެދުވެރިކުރައްވައިވެސް ބަރަކާތްތެރި ފިތުރު އީދުގެ ތަހުނިޔާއާއި ހެޔޮ އެދުންތައް އަރިސްކުރައްވާފަ އެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުންވެސް ދުވަހާ ގުޅޭ ޝުއޫރު ފާޅުކުރައްވައި ޕޯސްޓެއް ހިއްސާކުރައްވާފަ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ޕޯސްޓުގައިވެސް އެމަނިކުފާނު ވަނީ ރޯދައިގެ މަތިވެރި އަޅުކަން ގަބޫލުކުރެއްވުން އެދި ހެޔޮ ދުއާ ތަކުރާރު ކުރައްވައި، ފިތުރު އީދުގެ ތަހްނިޔާއާއި މުބާރަކް ބާދު، ދިވެހި ލޮބުވެތި ރައްޔިތުންނަށް އަރިސްކުރައްވާފަ އެވެ.