ޑރ. މުހައްމަދު މުއިއްޒު

ރައީސްގެ އީދު މެސެޖު: ނިއުމަތްތައް ހަނދުމަކޮށް އިސްލާމީ އާދަތަކުގައި ތިބޭތި

އީދު ފާހަގަކުރާއިރު ﷲ ދެއްވި ގިނަގުނަ ނިއުމަތްތަކުގެ މަތީން ހަނދުމަކޮށް އިސްލާމީ އަހްލާގާއި ދިވެހީންގެ ރީތި އާދަކާދަތަކުގެ ތެރެއިން އީދުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މާދަމާ ފަށާ އަޟްހާ އީދުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ މެސެޖުގައި ރައީސް ވިދާޅުވީ ﷲ ދެއްވި ގިނަގުނަ ނިއުމަތްތަކުގެ މަތީން ހަނދުމަކޮށް، އީދުގެ އުފާ ފާޅުކުރުމުގައި އިސްލާމީ ރިވެތި އުސޫލުތަކުގައި ހިފެހެއްޓުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި އިސްލާމީ އަހްލާގާއި ދިވެހީންގެ ރީތި އާދަކާދަތަކާ ބީރަށްޓެހި ފުރެއްދެ ސަގާފަތްތައް އީދުގެ އުފާފާގަތިކަމުގެ ތެރެއަށް މަސްހުނި ނުކުރެއްވުމަށްވެސް އެދިވަޑައިގެންނެވި އެވެ.

ރައީސްގެ މެސެޖުގައި ވަނީ ބޮޑު އީދުގެ ބަރަކާތްތެރި މުނާސަބާގައި މުސްލިމް އަޚާގެ ހިތަށް އުފާވެރިކަން ލިބޭނެ ހެޔޮ އަމަލުކުރުމަށާއި، މެހްމާންދާރީ އަދާކުރުމަށާއި، ސަދަގާތް ކުރުމަށާއި، ހެޔޮ ދުއޫ ކުރުމަށާއި، ނުތަނަވަސްކަން ފިލުވައިދިނުންފަދަ ﷲގެ ހަޟްރަތުގައި ދަރުމަހުރި އަމަލުތައް ކުރުމަށް ބާރުއެޅުމަށްވެސް އިލްތިމާސް ކުރައްވާފަ އެވެ.

ރައީސް ވިދާޅުވީ މިފަހަރު އީދު ފާހަގަކުރާއިރު ދިވެހި ރައްޔިތުން އެންމެ އިސްކުރަނީ މުސްލިމުންގެ މުގައްދަސް މިސްކިތާއި ފަލަސްތީނުގެ އަހުލުވެރީންނަށް ހެޔޮ ދުއާ ކުރުން ކަމަށެވެ. އަދި ދިވެހިރާއްޖެ އަބަދުވެސް ދެމިއޮންނާނީ، ފަލަސްތީނުގެ މުސްލިމުންނަށް ދެމުންގެންދާ ބޮޑެތި އަނިޔާތަކާ ދެކޮޅު ހަދައި، މަސްޖިދުލްއަގްސާ މިނިވަންކުރުމުގެ މަތިވެރި ޖިހާދުގައި ހިތާއި ރޫހުން ބައިވެރިވުމުގައި ކަމަށްވެސް ވިދާޅުވި އެވެ.

"ދިވެހީންގެ ހިތްތަކުގައި ހާއްސަ ލޯތްބަކާއި ކުލުނެއް ދެވިފައިވާ ފަލަސްޠީނުގެ މުސްލިމް ކޮންމެ އާއިލާއަކާ، ކޮންމެ ކުޑަކުއްޖަކަށްޓަކައި ހެޔޮ ދުއާތައް ތަކުރާރު ނުކޮށް، އެ ހަނދާންތައް އައުނުކޮށް، އެންމެ ރެޔަކާ ދުވާލެއްވެސް އަޅުގަނޑުމެން ދުލެއް ނުކުރާނެ،" ރައީސް ވިދާޅުވި އެވެ.

އަރައީސްގެ މެސެޖުގައި ވަނީ އީދު ފަދަ މުނާސަބާތަކުގައި ދަރީންނަށް އީދުގެ ދިއްލުންތަކާއި އުފާފާޅުކުރުންތަކާ، އެކަކު އަނެކަކާ ސަލާންގަލާންކޮށް، ހާލުބަލައި، ތަކްބީރުތަހުލީލު ކިޔައި، އިޖުތިމާއީ ރޫހު އާލާކޮށް، ކުޅިވަރުކުޅެ އުޅުމަކީ، އިސްލާމްދީނުގެ ފުރިހަމަކަމާ ޝާމިލްކަމުގެ ހެކިތަކެއް ކަމުގައި ބުނެދިނުމަށްވެސް އެދިވަޑައިގެންފަ އެވެ. އަދި އީދު ފަދަ ކޮންމެ މުނާސަބާއެއްގައި އިސްލާމްދީނާއި ދިވެހިވަންތަކަމަށްޓަކައި ފަޚުރުވެރިވާން ދަރީންނަށް އުނގަންނައިދީ، އިސްލާމީ ރިވެތި އާދަތަކަށް ދަރީން ހޭނުވުމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށްވެސް އިލްތިމާސް ކުރައްވާފައިވެ އެވެ.