ޑރ. މުހައްމަދު މުއިއްޒު

އެންމެން ގުޅިގެން އީދު ފާހަގަކޮށްދީ: ރައީސް

އެއްބައިވަންތަކަމާއެކު އީދުގެ އުފާވެރިކަން ވީހާވެސް ބޮޑަކަށް ފާހަގަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފި އެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަމަށް އެދިވަޑައިގެންނެވީ "އީދު އަލި" އިފްތިތާހް ކޮށްދެއްވައި ޖުމްހޫރީ މައިދާނުގައި ހުރި ފެންއަރުވާ ވަޑާން "ފައްވާރާ" މަރާމާތުކުރުމަށްފަހު މިރޭ ހުޅުވައިދެއްވުމަށް ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ އެމަނިކުފާނު ބޭނުންވަނީ އަޟްހާ އީދާއި ފިތުރު އީދުގެ އުފާ ފާޅުކުރުމަށް އިސްލާމުދީނުގައި ދެއްވާފައިވާ އިސްކަން، ކުދި ބޮޑު ހުރިހާ އެންމެންނަށްވެސް އިހްސާސްކޮށްދިނުމަށް ކަމަށެވެ. އީދަށް ތައްޔާރުވެ އެއްބައިވަންތަކަމުގެ އަޒުމު އާކޮށް، އެންމެންވެސް އީދުގެ އުފަލުގައި ބައިވެރިވުން އެދިވަޑައިގަންނަވާ ކަމުގައިވެސް ވިދާޅުވި އެވެ.

"އެގޮތުން މިރޭ ރާއްޖޭގެ ސިޓީތަކާއި އަތޮޅު ވެރިކަން ކުރާ ރަށްތަކުގައި އިފްތިތާހްކުރި އީދުގެ ދިއްލުންތަކަކީވެސް އެ ބޭނުމުގައި ފެށްޓެވި މަސައްކަތެއް،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް މުއިއްޒު އިތުރަށް ވިދާޅުވީ ކުރިއަށް އޮތް އަޟްހާ އީދުގައި އީދުގެ ދިއްލުންތައް މިއަށްވުރެ ގިނަ ރަށްތަކަށް ގެންދިއުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ. އަދި އަންނަ އަހަރު މާކުލަގަދަކޮށް މާ ގިނަ ރަށްރަށުގައި އީދު ފާހަގަކުރައްވާނެ ކަމަށެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޖުމްހޫރީ މައިދާނުގައި ހުންނަ ފެންއަރުވާ ވަޑާން "ޖުމްހޫރީ ފައްވާރާ" ވެސް ހުޅުވައިދެއްވާފަ އެވެ. މި ތަން އަލުން ހުޅުވައިދެއްވާފައި މިވަނީ ގިނަ ދުވަސްތަކެއް ވަންދެން އެއްވެސް ބޭނުމެއް ނުކޮށް އަޅާނުލާ ދޫކޮށްލާފައި އޮތުމުގެ ސަބަބުން މި ތަނުގައި ކުރަންޖެހުނު މަރާމާތުތައް ކުރުމަށްފަހު އެވެ.

ރައީސުލްޖުމްހޫރިއްޔާ މިރޭ "އީދު އަލި" އިފްތިތާހް ކޮށްދެއްވުމާއެކު ސިޓީތަކާއި އަތޮޅުތަކުގެ ވެރިކަންކުރާ ރަށްރަށުގައިވެސް މި ލައިޓްތައް ދިއްލާލި އެވެ.

އީދު ލައިޓްތަކާއެކު ހިމެނޭ ސްޕީކަރު ސިސްޓަމުތަކުން ސިޓީތަކާއި އަތޮޅުތަކުގެ ވެރިކަން ކުރާ ރަށްރަށުގައި އީދުގެ ތަކްބީރުތައް އިއްވަމުންދާނެ އެވެ.