އެކި ސަބަބުތަކާ ހުރެ މާލޭން ބޭރުގައި ތިބި ގިނަ ބައެއްގެ އެދުމަށް އީދު ބޮކިތައް ނެގުން މާލޭ ސިޓީ ކައުންސިލުން ފަސްކޮށްފި އެވެ.
މާލެ ސިޓީ ކައުންސިލުން ވަނީ ބޮޑު އީދަށް ގިޑިގެތަކާއި ކުލަބޮކިތަކުން މާލެ އާއި ވިލިމާލެ ޒީނަތްތެރިކޮށް ދިއްލާލާފަ އެވެ.
މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މި އީދު ޗުއްޓީގައި އެކި ސަބަބުތަކާ ހުރެ ރާއްޖެއިން ބޭރަށް ދިޔަ ގިނަ ބަޔަކު އީދު ކުލަބޮކިތައް ބަލާލުމުގެ ފުރުސަތު ލިބޭތޯ ސުވާލު ކުރަމުންދާ ކަމަށެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި މާލޭ ސިޓީ ކައުންސިލުން މީގެ ކުރިން ނިންމީ އީދު ގިޑިގެތަކާއި ކުލަބޮކިތައް މިއަދު ނަގަން ފެށުމަށެވެ. ނަމަވެސް ގިޑިގެތަކާއި ކުލަބޮކިތައް ބެލުމަށް ގިނަބަޔަކު ޝައުގުވެރިވާތީ އެތަކެތި ނެގުން މިމަހުގެ ހަތް ވަނަ ދުވަހާއި އަށްވަނަ ދުވަހަށް ފަސްކޮށްފައިވާ ކަމަށެވެ.
މާލެ ސިޓީ ކައުންސިލުން އީދަށް މަރުހަބާ ކިޔުމުގެ ގޮތުން ގިޑިގެތަކާއި ކުލަބޮކިތަކުން މާލެ އާއި ވިލިމާލެ ޒީނަތްތެރިކޮށް ދިއްލާލީ ޖުމްހޫރީ މައިދާނުގައި އެކަމަށްޓަކާ ބޭއްވި ހަފުލާއެއްގައި މޭޔަރު މުއިއްޒު އެވެ.
މާލޭގެ ބޮޑުތަކުރުފާނު މަގާއި، މަޖީދީމަގު އަދި ސޯސަންމަގުގެ އިތުރުން ވިލިމާލެ ހިމެނޭހެން ބައެއް ބޮޑެތި މަގުތައް ޒީނަތްތެރި ކުރުމުގެ ގޮތުން މާލެ އާއި ވިލިމާލޭގައި ޖުމްލަ 22 ގިޑިގެ އާއެކު 2،224 ބޮކި މާލެ ސިޓީ ކައުންސިލުން ވަނީ ހަރުކޮށްފަ އެވެ.
ބައެއް ބޮޑެތި މަގުތައް ޒީނަތްތެރި ކުރުމުގެ ގޮތުން މާލެސިޓީ ކައުންސިލުން ވަނީ "އީދު މުބާރަކް" ގިޑިގެ ތަކާއި ޑިޒައިންތަކަށް ހަދާފައިވާ ގިޑިގެތަކުގައި ބޮކިފަތި ހަރުކޮށްފަ އެވެ.