އީދު ފާހަގަ ކުރުން

އީދު ދުވަހު ވެހިކަލް މަނާ ހަތަރު ގަޑިއިރު

ކުރިއަށް އޮތް އަލްހާ އީދު ދުވަހު ވެހިކަލް މަނާ ވަގުތުތަކެއް މާލެ ސިޓީ ކައުންސިލުން ހަމަޖައްސައިފި އެވެ.

މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އީދު ދުވަހު ފައިމަގުގައި ހިނގާފައި އުޅޭ ވަގުތެއް ހަމަޖައްސާފައިވާ ކަމަށެވެ. އެ ގޮތުން އީދު ދުވަހު ހަވީރު 4:00 އިން ފެށިގެން ރޭގަނޑު 8:00 އަށް ވެހިކަލް ދުއްވުން ވަނީ މަނާކޮށްފައެވެ. މި އެންގުން މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގައި ތަންފީޒު ކުރާނެ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ އެ ނިންމުން އިއުލާނު ކުުރުމުގެ ކުރިން ޓްރެފިކް ޕޮލިސްއާއެކު މަޝްވަރާ ކޮށްފައިވާ ކަމަށެވެ. މި ނިންމުމުގެ ކުރީން އާންމުންގެ ހިޔާލު ހޯދާފައިވާކަންވެސް މުއިއްޒު ފާހަގަ ކުރެއްވިއެވެ. އެ ގޮތުން ކްލަބް ހައުސްގެ ބައްދަލްވުމެއްގައި އާންމުންގެ ހިޔާލު ކުރީން ވަނީ ހޯދާފައެވެ. އަދި ވަގުތެއް ކަނޑައެޅުމަށް ޕޯލެއްވެސް ކުރިއަށް ގެންދިޔައެވެ. ސިޓީ ކައުންސިލުން ކަނޑައެޅި ވަގުތަކީ އެންމެ ގިނަ ބަޔަކަށް ފެންނުނު ގަޑިއެވެ.

ސިޓީ ކައުންސިލުން ވަނީ ރައްޔިތުންނަށް އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމުގެ ފުރުސަތު ފަހިކޮށް ދިނުމަށް ކުރެވޭ އެ މަސައްކަތަށް ހުރިހާ ރައްޔިތުންގެ އެއްބާރުލުމަށް އެދިފައެވެ. އަދި ކޮވިޑާއި ގުޅިގެން އަޅާފައިވާ ހުރިހާ ފިޔަވަޅުތަކަށް ސަމާލުވުމަށްވެސް ވަނީ އިލްތިމާސް ކޮށްފައެވެ.

މީގެ ކުރީންވެސް އީދު ދުވަސްތަކުގައި ހިނގާފައި އުޅޭ ވަގުތުތަކެއް ހަމަޖެއްސާފައިވެއެވެ.