އަބަދު އެއް ގޮތަކަށް މުގު ރިހަ ތައްޔާރު ކުރާނެ ކަމެއް ނެތެވެ. ތަފާތު ގޮތަކަށް ވެސް މުގުރިހަ ތައްޔާރުކޮށް ރަހަ ބަލައިލަމާ ހެއްޔެވެ؟ ތަރުކާރީއާއެކު މުގު ރިހައެއް ތައްޔާރުކޮށްލައިފިއްޔާ ދެވަނަ ފަހަރަށް ތައްޔާރުކޮށްލާ ހިތްވާނެ އެވެ. މިއީ ލުއި ކެއުމެއްގައި ބޭނުން ކޮށްލަން ރަނގަޅު ރިހައަކަށް ވާނެ އެވެ. ހުކުރު ދުވަހުގެ ސުފުރާ ހެޔޮކޮށްލަން މި ރެސިޕީ ޓްރައިކޮށްލާށެވެ.
ކިހިނެއްތަ މި ރިހަ ތައްޔާރު ކުރާނީ؟
މިއީ ދިޔައިކޮށް ތައްޔާރުކޮށްފިއްޔާ ރަހަގަނޑު އެހާ ރަނގަޅު ނުވެދާނެ ރިހައެކެވެ. އެހެންވީމަ ހިކިކޮށް ތައްޔާރުކުރާނީ އެވެ.
ފުރަތަމަ މުގު ސާފުކޮށްލުމަށްފަހު ދޮވެފައި ތެލީގައި މުގުކޮޅުގެ މަތިން ތިން އިންޗިއަށް ހުންނަވަރަށް ފެން އަޅާލާފައި އުނދުން މަތީގައި އުދާލާށެވެ. މުގުކޮޅު މަޑުވާންފެށުމުން މުގުގެ މަތިން އަރާފޮނު ނަގާލާށެވެ. މި ފޮނު ނުނަގައިފިނަމަ ރަހަ އެހާ ރަނގަޅު ނުވެދާނެ އެވެ. އެކަމަކު ކާން ނުކެރޭހާ ނުބައެއް ވެސް ނުވާނެ އެވެ. ފޮނުގަނޑު ނެގުމަށްފަހު ހުތާއި ކިރު ފިޔަވައި ބާކީ ހުރި ހުރިހާ ބާޥަތްތައް އެއްކޮށް އަޅާލާފައި ރޯފިލުމުން ބާކީ ދެބާވަތް އަޅާލާފައި ކެކިގަތުމުން އުދުންމަތިން ބާލާށެވެ. އެހެރީ ރެޑީވެފައެވެ. ގަދަ ހޫނު ފިލުމުން މުޅިން ހިހޫ ނުވަނީސް ވަރަށް މީރުވާނެ އެވެ. ހީހުކޮށް ހުންނަ އިރުވެސް ވަރަށް މީރުވާނެ އެވެ. ފިހުނު މަހާ ރޮއްޓާއެކު އަދި މާ މީރުވާނެ އެވެ.
ބޭނުވާނީ ކޯންޗެއް؟
250 ގ. މުގުން ފުދޭނެ އެވެ.
1 ކެރެޓް (ކޮށާފައި)
2 އަލުވި (ކޮށާފައި)
1 ހިކަނދިފަތް
1 ފިޔާ (ކޮށާފައި)
2 ލޮނުމެދު (ގާނާފައި)
2 /1 އިންޗީގެ އިނގުރު (ގާނާފައި)
1 ގިތެޔޮ މިރުސް (ކޮށާފައި)
5 ރާނބާފަތް ކޮޅު (2/1 އިންޗިއަށް ބުރިބުރިކޮށްފައިހުރި)
2 ކެޕްސިކަމް (ކަރުގަނޑު ނަގާ ވައްފޮއްޗަށްކޮށާފައި)
6 ތޮޅި ބުރިބުރިކޮށްފައިހުރި (ގްރީންބީންސް)
2 / 1 ޖޯޑު ކާށުކިރު
1 އިންޗީގެ ދެ ފޮނިތޮށިކޮޅު
3 ކާފޫރުތޮޅި ދެކޮޅު ބުރިކޮށްފައިހުރި
1 ލުނބޯގެ ހުތް
ލޮނުކޮޅެއް