ޑރ. އަބްދުﷲ މުއްތަލިބް

ގަން އެއާޕޯޓާ ގުޅޭ މަގުތައް ހަދައިދޭނަން: މުއްތަލިބް

އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް -- ފޮޓޯ: އަވަސް
0%
0%
0%

އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓާ އެކު ތަރައްގީކުރަން ޖެހިފައިވާ މަގެއްގެ މަސައްކަތް އުނިކުރަން އެންގި ވަކި މަޝްރޫއެއްގެ ގޮތުގައި ފަހުން އެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެ އެވެ.

ގަން އެއާޕޯޓް އަދި އެ އެއާޕޯޓާ ގުޅިފައިވާ މަގުތައް ހަދަން ހަވާލުކޮށްފައިވަނީ އިންޑިއާގެ ރެނާޓަސް ކުންފުންޏާ އެވެ. ނަމަވެސް އެއާޕޯޓާ ގުޅިފައިވާ މަގުތައް ހެދުމުގެ މަސައްކަތް މިވަގުތަށް ހުއްޓާލުމަށް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ވަނީ ރެނާޓަސްއަށް އަންގާފަ އެވެ. މިނިސްޓްރީން އެގޮތަށް އެންގީ ގަމުގައި ހުންނަ އީކުއޭޓާ ވިލެޖުގައި ބިދޭސީން ތިބޭ 80 ވަރަކަށް އަހަރުވީ އިމާރާތެއް، މަގު ހެދުމުގެ މަޝްރޫއަށް ނަގަންޖެހޭއިރު އެ އިމާރާތް ހުސްކުރަން އީކުއޭޓާ ވިލެޖު ހިންގާ ފަރާތުން ދެކޮޅު ހަދަމުންދާތީ އެވެ.

ސޯޝަލްމީޑިއާގައި މިއަދު ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު މުއްތަލިބް ވިދާޅުވީ ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުގެ ތެރޭގައި ހިމެނޭ މަގެއްގެ މަސައްކަތް ކުރުމަށް ހުސްކުރަންޖެހޭ އިމާރާތެއް ހުސްނުކުރެވި އެ ބިން ކޮންޓްކްޓަރާ ހަވާލުނުކުރެވޭތީ އެއާޕޯޓް މަޝްރޫއު ނިންމަންޖެހޭ މުއްދަތަށް ނިންމުމަށް ދަތިވަމުންދާ ކަމަށެވެ.

"އޭގެ ސަބަބުން ކޮންޓްރެކްޓަރަށް ބަދަލުދޭން ޖެހޭފަދަ ހާލަތެއް މެދުވެރިވެ ދައުލަތަށް މާލީގޮތުން ގެއްލުންވެދާނެތީ އެ ޢިމާރާތް ހިމެނޭ ސަރަހައްދުގެ މަގުގެ ބައި، ޕްރޮޖެކްޓުން އުނިކުރަން ބޭނުންވާކަން ކޮންޓްރެކްޓަރަށް އެންގުމަށް އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ޕްރައިވެޓް ލިމިޓެޑަށް ވާނީ އަންގާފަ އެވެ،" މިނިސްޓަރު ވިދާޅުވި އެވެ.

މުއްތަލިބް ވިދާޅުވީ އެ އިމާރާތަކީ އަދި އިމާރާތް ހުރި ބިމަކީ ގަން އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ ކުންފުނި -- އައްޑޫ އިންޓަނޭނަލް އެއާޕޯޓް ކޮމްޕެނީގެ މިލްކެއް ކަމަށެވެ. އެހެންނަމަވެސް ދެ އަހަރެއްހާ ދުވަހު މަސައްކަތް ކޮށްގެންވެސް އެ އިމާރާތް ބޭނުން ކުރަމުންދާ ފަރާތުން ތަން ހުސްކުރުމަށް ދެކޮޅު ހެދުމުގެ ސަބަބުން އެ ބިން ކޮންޓްރެކްޓަރާ ހަވާލުކުރެވޭ ގޮތް ނުވާ ކަމަށެވެ.

‏"މިކަމުގައި އައްޑޫ ރައްޔިތުންގެ ކަންބޮޑުވުން ބަލައިގަންނަމެވެ. އަދި މިމަހު 17 ގެ ކުރިން މިކަމަށް ހައްލެއް ލިބިއްޖެނަމަ އުނިކުރަން އެންގި މަސައްކަތް ކޮންޓްރެކްޓާ އެއްގޮތަށް ކުރިއަށްދާނެ އެވެ،" މުއްތަލިބް ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ބިން ހުސްނުކުރެވި މަގު ހެދުމުގެ މަސައްކަތް ކުރިއަށް ގެންދެވޭ ގޮތް ނުވެއްޖެނަމަ، ބިން ލިބުނުހާ އަވަހަށް ވަކި މަޝްރޫއެއްގެ ގޮތުގައި އެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ. އުއްމީދަކީ ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުމާއެކު އެ އިމާރާތް ހުސްކުރެވި ކޮންޓްރެކްޓަރާ ވީހާވެސް އަވަހަށް ހަވާލުކުރެވޭ ގޮތް ވުން ކަމަށްވެސް ވިދާޅުވި އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910