ރައްޔިތުން ވަޒީރުންނާ ސުވާލުކުރުމަށް ކުރިއަށް ގެންދާ "އަހާ"ގެ ފަސްވަނަ ޕްރޮގްރާމު މިމަހުގެ 24 ވަނަ ދުވަހުގެ ރޭ ބޭއްވުމަށް ނިންމައިފި އެވެ.
މިޕްރޮގްރާމުގައި ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވާނީ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން އާއި، އެނިމަލް ވެލްފެއާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާއާއި، އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއުއާއި، ހެރިޓޭޖު މިނިސްޓަރު އާދަމް ނަސީރު އިބްރާހީމްގެ އިތުރުން އެޓާނީ ޖެނަރަލް އަހްމަދު އުޝާމު އެވެ.
ތިންވަނަ ޕްރޮގްރާމުގައި އެސްއެމްއެސް މެދުވެރިކޮށް ރައްޔިތުން ކުރަން ބޭނުންވާ ސުވާލުކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ. އޭއެޗް ޖެހުމަށްފަހު ހުސްތަންކޮޅެއް ދިނުމަށްފަހު ސުވާލު ލިޔެ 300 އަށް ސުވާލު ފޮނުވޭނެ އެވެ.
މިސިލްސިލާ ފުރަތަމަ ޕްރޮގްރާމު ބޭއްވީ މިދިޔަ އަހަރުގެ ޖެނުއަރީ 26 ވަނަ ދުވަހުގެ ރޭ މާލޭގެ ސަލްޓަންޕާކްގައި އާންމުކޮށް ހުޅުވާލައިގެންނެވެ. އެކަމަކު އަހާގެ ފަސްވަނަ ޕްރޮގްރާމު ބޭއްވުމަށް ނިންމާފައިވަނީ ޓީވީއެމްގެ ސްޓޫޑިއޯ ގައެވެ.
އަހާގެ ދެވަނަ ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވީ ސީދާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ކޮންމެ ދެމަހަކުން އެއް ފަހަރު އަހާ ޕްރޮގްރާމު ބޭއްވުމަށް ނިންމަވާފަ އެވެ. މި ޕްރޮގްރާމުގައި ކޮންމެ ތިންމަހަކުން އެއް ފަހަރު ސީދާ ރައީސް ޑރ، މުއިއްޒު ބައިވެރިވެވަޑައިގަތުމަށްވެސް ވަނީ ނިންމަވާފަ އެވެ.