ފަލަސްތީނުގެ ޣައްޒާގެ އެތައް މިލިއަން ރައްޔިތުންނަށް ސާފު ބޯފެން ފޯރުކޮށްދެމުން އައި މައިގަނޑު މަގު ބަންދުވެ، ފެނަށް ބޮޑު ދަތިކަމެއް ކުރިމަތިވެފައިވާ ކަމަށް ޣައްޒާގެ މުނިސިޕަލިޓީ އޮފީހުން އިއްޔެ ބުނެފި އެވެ.
މުނިސިޕަލިޓީގެ ތަރުޖަމާނު ހުސްނީ ހާނާ ވިދާޅުވި ގޮތުގައި ޣައްޒާގެ ހާލަތު އިތުރަށް ގޯސްވަމުންދާއިރު، ރައްޔިތުން މިހާރު ތިބީ އިންތިހާއަށް ފެނަށް ޖެހިފައ އެވެ.
"މި ހާލަތަށް އަވަސް ބަދަލެއް ނާންނަނަމަ، ޣައްޒާއިން ކުރިމަތިލާންޖެހޭ ހަގީގަތް ވަރަށް ހިތްދަތިވާނެ،" އޭނާ ވިދާޅުވި އެވެ.
ފާއިތުވި ހަފުތާގެ ތެރޭގައި އިޒްރޭލުން ޝުޖާއިއްޔާ އަވަށަށް ދިން ހަމަލާތަކުގައި، ޣައްޒާއަށް ފެން ފޯރުކޮށްދޭ މައިގަނޑު ހޮޅިތަކަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާތީ ފެން ފޯރުކޮށްދިނުމަށް ވަރަށް ބޮޑަށް ދަތިތައް ކުރިމަތިވެފަ އެވެ. މި ހޮޅިތަކަކީ ޣައްޒާއަށް ބޭނުންވާ ފެނުގެ 70 އިންސައްތަ ފޯރުކޮށްދެމުން ދިޔަ މަގެވެ.
އުމުރުން 42 އަހަރުގެ ޣައްޒާގެ ރައްޔިތެއް ކަމަށްވާ ފާތިން ނާސަރު ބުނި ގޮތުގައި ހެނދުނުންސުރެ އޭނާއާއި އާއިލާ އިންތިޒާރު ކުރަނީ ފެންފޮދެއް ލިބޭނެ ވަގުތަކަސެވެ.
"ފެން ފޯރުކޮށްދޭ އެއްވެސް މަރުކަޒެއް ނުވަތަ އުޅަނދެއްވެސް ނެތް. އެއްވެސް ސަރަހައްދަކުން ފެން ނުލިބޭ. ޣައްޒާއަށް ތަކެތި ވެއްދޭނެ ހުރިހާ މަގުތައްވެސް ވަނީ ބަންދުވެފައި،" އޭނާ ބުންޏެވެ.
ޣައްޒާގައި ދިރިއުޅޭ 2.3 މިލިއަން މީހުންގެ ތެރެއިން ގިނަ ބަޔަކު ގެދޮރު ގެއްލިފައިވާއިރު، ބައެއް ފަޅު ސަރަހައްދުތަކުގައި ހުރި މަދުމަދު ވަޅުތަކުން ފެން ލިބުނު ނަމަވެސް އެ ފެން ހޯދުމަށް ޕްލާސްޓިކް ފުޅިތައް ހިފައިގެން ދުރު ހިސާބުތަކަށް ފައިމަގުން ދަތުރުކުރަންޖެހެ އެވެ.
ޣައްޒާގެ ފެނާ ބެހޭ އިދާރާ އިން ވަނީ ޣައްޒާގައި ހުރި ގިނަ ފެން ވަޅުތައް ހުރީ ބޭނުން ނުކުރެވޭ ހާލަތުގައި ކަމަށް ބުނެފަ އެވެ. އަދި ފަލަސްތީނުގެ އިދާރާތަކާއި އދ. އިން ބުނާ ގޮތުގައި ޣައްޒާގެ ފެން ސާފުކުރާ ޕްލާންޓުތަކަށްވެސް ގެއްލުން ލިބި ބޭނުން ނުކުރެވޭ ހާލަތުގައި ހުރުމާއެކު، ބޭނުން ކުރެވޭ ހާލަތުގައި ހުރި މަދު ޕްލާންޓުތައްވެސް ކަރަންޓާއި ތެޔޮ ނުލިބުމުގެ ސަބަބުން ނުހިންގެ އެވެ.