ހަބަރު

މިއަހަރުގެ ހިއުމަން ރައިޓްސް ކުއިޒް އިމާދުއްދީން ސްކޫލުން ކާމިޔާބުކޮށްފި

އިންސާނީ ހައްގުތަކަށް ސްކޫލް ކުދިން އަހުލުވެރިކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އިން ކުރިއަށްގެންދިޔަ އިންޓަ ސްކޫލް ހިއުމަން ރައިޓްސް ކުއިޒް 2016 އަނެއްކާވެސް އިމާދުއްދީން ސްކޫލުން ހޯދައިފި އެވެ. އިމާދުއްދީން ސްކޫލުން ވަނީ މިދިޔަ އަހަރުގެ ކުއިޒް ކާމިޔާބުކޮށްފަ އެވެ.

ދިވެހި ރާއްޖޭގެ އަޑުގައި ބޭއްވި ފައިނަލް މެޗު އިމާދުއްދީން ސްކޫލުން ކާމިޔާބު ކުރީ، ތާޖުއްދީން ސްކޫލާއި ބައްދަލުކޮށެވެ. ޖުމްލަ ތިން ބުރެއްގެ މައްޗަށް ބަހާލައިގެން ކުރިއަށްގެންދިޔަ އެ މުބާރާތުގައި އިމާދުއްދީން ސްކޫލުން ވަނީ ޖުމްލަ 105 މާކްސް ހޯދާފައެވެ. ތާޖުއްދީން ސްކޫލަށް ލިބުނީ 100 މާކުހެވެ.

ހިއުމަން ރައިޓްސް ކުއިޒްއަކީ އިންސާނީ ހައްގުތަކާއި، ހައްގުތަކާއި ގުޅިގެން އަންނަ އެކި ކަންކަމާއި ގުޅިގެން ކޮމިޝަނުން އުފައްދާ ސުވާލުތަކެއް ކުރާ ކުއިޒެކެވެ. އެ ކުއިޒަށް ތައްޔާރުވުމަށް ކުދިންނަށް ތިން މަހަށްވުރެ ގިނަ ދުވަސް ދީފައިވެ އެވެ.

ދިވެހިރާއްޖޭގެ އަޑާއިވެސް ގުޅިގެން ހިއުމަން ރައިޓްސް ކޮމިޝަނުން ބޭއްވި ކުއިޒާއި ބެހޭގޮތުން ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރު އިކްރާމް އަބްދުލްލަތީފު ވިދާޅުވީ، ދިވެހިރާއްޖޭގެ އަޑުގެ އިތުރުން، ޓީވީ ޗެނަލަކާއި، އޮންލައިން ވެބްސައިޓުގެ އިތުރުން ސޯޝަލް މީޑިއާ މެދުވެރިކޮށް ވެސް ކުއިޒު ފޮނުވާނެ އިންތިޒާމަކާ އެކު އަންނަ އަހަރު ކުއިޒް ބާއްވަން އެ ކުންފުނިން އެޗްއާރްސީއެމް އަށް އެހީތެރިވެދޭނެ ކަމަށެވެ.

ކުއިޒުން މޮޅުވި އިމާދުއްދީންގެ ޓީމަށް މިއަދު ތައްޓާއި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ، ކުރީގެ ޖަސްޓިސް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަހްމަދު ޒާހިރު (ސީނާ) އެވެ.

ހިއުމަން ރައިޓްސް ކުއިޒަކީ، 2012 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް، ހިއުމަން ރައިޓްސް ކޮމިޝަނުން ބާއްވަމުން އަންނަ އިންޓަ ސްކޫލް ކުއިޒު މުބާރާތެކެވެ.