ޒަކާތު ފަންޑުގެ ސްކޮލަޝިޕް މި ހަފުތާގައި އިއުލާންކުރެވޭނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ޝަހީމް ވިދާޅުވީ ޒަކާތު ފަންޑުގެ ސްކޮލަޝިޕްގެ ދަށުން އިސްލާމީ އިލްމުގެ މުހިންމު ތަފާތު ދާއިރާތަކުން މާސްޓާ އާއި ޕީއެޗްޑީގެ ގިނަ ފުރުސަތު ހުޅުވައިލެވޭނެ ކަމަށެވެ.
"މީގެ އިތުރުން މިސްރާއި ސައުދީ ފަދަ ގައުމުތަކުގައި އަމިއްލަ ހަރަދުގައި އިސްލާމީ އިލްމު އުނގެނެމުންދާ ދަރިވަރުންގެ ތެރެއިން މަތީ ނަތީޖާ ހޯދާ ދަރިވަރުންނަށް މާލީ އެހީއެއްވެސް އެއާއެކު އިއުލާންކުރެވޭނެ،" ޝަހީމް ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވި ގޮތުގައި ސިއްހީ ދާއިރާއިން ސުޕަ ސުޕެޝަލިސްޓުން ރާއްޖޭގައި ނެތް މުހިންމު ބައެއް ދާއިރާތަކަށް ވެސް އެހީ ދެވޭނެ އެވެ. އެ ގޮތުން ޒަކާތު ފަންޑުގެ ފީ ސަބީލިﷲ ބައިން މި ފުރުސަތުތަކަށް ފަންޑުކުރެވިގެންދާނެ ކަމަށް ޝަހީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދިވެހިންގެ ދީލަތިކަމާއެކު ޒަކާތު ފަންޑު އިތުރުވެގެން ދިއުމަކީ އިސްލާމްދީނަށް ލިބުނު ނަސްރެއް ކަމަށެވެ. މީގެ އިތުރުން ކީރިތި ޤުރުއާނުގެ އިލްމު ފެތުރުމާއި ޙާފިޒުން އުފެއްދުމުގެ މަޝްރޫއުތަކަށް ވެސް ހަރަދު ކުރެވޭނެ ކަމަށް ޝަހީމް ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވި ގޮތުގައި މި ކަންކަމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާކުރެއްވުމަށް ކުރެއްވި މަސައްކަތްތަކުގެ ހެޔޮ ނަތީޖާ އެވެ.
ޒަކާތު ފަންޑުގެ ފަގީރުންނާއި މިސްކީނުންގެ ބައިން ފަގީރުންގެ ބޭސް ފަރުވާއާއި ކިޑްނީ ޓްރާންސް ޕްލާންޓްކުރުމާއި ބޯން މެރޯ ހެދުމާއި ފުއްޕާމެއާއި ކެންސަރު ފަދަ ބޮޑެތި ބަލިތަކަށް ވެސް ދަނީ ހޭދަކުރަމުންނެވެ.