ލ. މާމެންދޫގައި ކައިޒާން އިންވެސްޓްމަންޓުން ގާއިމުކޮށްފައިވާ އައިސްޕްލާންޓް ފެނަކަ ކޯޕަރޭޝަނަށް ގަތުމުގައި ކުންފުނީގެ އުސޫލުތަކާ ހިލާފަށް އަމަލުކޮށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގައި ފެނަކަ ކޯޕަރޭޝަންގެ އޭރުގެ މެނޭޖިން ޑިރެކްޓަރު -- ގދ. ވާދޫ، މައިފޫނާ، އަހްމަދު ސައީދު މުހައްމަދު އާއި ފެނަކައިގެ އޭރުގެ ޗީފް އެކައުންޓެންޓް -- ރ. އުނގޫފާރު، ހިންމިޔަ، މުހައްމަދު މަސްއޫދުގެ މައްޗަށް ދައުވާކޮށްދިނުމަށް ޕީޖީ އޮފީހުގައި އެދިއްޖެ އެވެ.
އޭސީސީއިން މައްސަލަ ތަހުގީގުކުރުމަށްފަހު ސައީދުއާއި މަސްއޫދުގެ މައްޗަށް ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވީ އިއްޔެގެ ވަގުތެއްގައެެވެ.
އޭސީސީ އިން ބުނީ ކައިޒާން އިންވެސްޓްމަންޓްގެ އައިސްޕްލާންޓް ފެނަކައަށް ގަތުމަށް ނިންމީ 2023 ވަނަ އަހަރު ބޭއްވި ފެނަކަ ބޯޑުގެ 18 ވަނަ އާންމު ބައްދަލުވުމުގައި ނިންމާފައިވާ ނިންމުމާ ހިލާފަށް ކަމަށެވެ. ބޯޑުގެ އެ ބައްދަލުވުމުގައި ނިންމާފައިވަނީ އެ ޕްރޮޖެކްޓަކީ ފެނަކައަށް ގެއްލުންހުރި، "އިންޓާނަލް ރޭޓް އޮފް ރިޓާން" އަދި "ނެޓް ޕްރެޒެންޓް ވެލިއު" ވަރަށް ބޮޑަށް ނެގެޓިވް ކުންފުންޏަށް ގެއްލުންވާނެ ކަމަށެވެ.
އެކަން އެނގިހުރެ އަދި މާމެންދޫގައި ފިޝަރީޒް މިނިސްޓްރީއާއި ފެނަކަ ކޯޕަރޭޝަނާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން އައިސްޕްލާންޓެއް އެޅުމަށް ހަމަޖައްސާފައި ވަނިކޮށް ބޯޑު މެންބަރުންނަށް ސައީދު ދޮގު މައުލޫމާތު ދީފައިވާ ކަމަށް އޭސީސީއިން ފާހަގަކޮށްފައިވެ އެވެ. އެގޮތުން ކައިޒާން އިންވެސްޓްމަންޓްގެ އައިސްޕްލާންޓް، ފެނަކައިން ގަތުމުން ފިޝަރީޒް މިނިސްޓްރީއާއެކު ފެނަކައިން ހަދާފައިވާ އެއްބަސްވުމުގެ ދަށުން އަޅާ އައިސްޕްލާންޓާ ގުޅޭ ސަރުކާރުގެ ސިޔާސަތު ބަދަލުވެގެންދާނެ ކަމަށް ވިދާޅުވެ ސައީދު ދޮގު މައުލޫމާތު ދީފައިވާ ކަމަށްވެސް ފާހަގަކޮށްފައިވެ އެވެ.
އޭސީސީ އިން ބުނީ އައިސްޕްލާންޓްގެ ވެލުއޭޝަންގެ ގޮތުގައި މަސްއޫދު ހުށަހަޅާފައިވާ އަގަކީ މާކެޓް ވެލިއުއަށް ވުރެ މަތީ އަގެއްކަން ތަހުގީގަށް އެނގިފައިވާ ކަމަށެވެ. އައިސްޕްލާންޓް ފަދަ ތަކެތީގެ ވެލުއޭޝަން ހެދުމުގެ ގާބިލްކަން ފެނަކައިގައި ހުރި ނަމަވެސް މާކެޓް ވެލިއު ހޯދުމުގެ މަސައްކަތް ނުކޮށް، އައިސްޕްލާންޓް ވިއްކި ފަރާތުން ހުށަހެޅި އަގުތައް ބޭނުންކޮށްގެން ވެލުއޭޝަން ތައްޔާރުކޮށް އޮޅުވާލާފައިވާކަން އެނގިފައިވާ ކަމަށްވެސް ބުންޏެވެ.
ސައީދުއާއި މަސްއޫދުގެ މައްޗަށް ދެ ކުށެއްގެ ދައުވާ ކޮށްދިނުމަށް އެދިފައިވެ އެވެ. މީގެތެރޭގައި ހިމެނެނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާއާއި، ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގެ ފައިދާ ދައުލަތަށް ނުލިބޭ ގޮތަކަށް އަމަލުކުރުން ނުވަތަ ދައުލަތައް ލިބެން އޮތް ފައިދާއަކަށް އުނިކަމެއް ލިބޭގޮތަށް އަމަލުކުރުމުގެ ކުށުގެ ދައުވާ އެވެ.
ސައީދުގެ މައްޗަށް އިތުރު މައްސަލައެއްގައި ދައުލަތުން މިހާރުވެސް ވަނީ ދައުވާކޮށްފަ އެވެ. އެއީ 2018 ވަނަ އަހަރު ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއި ބްލޭޒަން އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ބްލޭޒަންގެ ފަރާތުން މަސައްކަތް ފުރިހަމަ ކޮށްފައި ނުވަނީސް އަދި މަސައްކަތް ނިންމިކަން ކަށަވަރުކުރުމެއް ނެތި، އެ މަސައްކަތަށްވާ ފައިސާ ބްލޭޒަން ދޫކޮށްފައިވާތީ އެވެ. ދައުލަތުން ދެކޭ ގޮތުގައި އެއީ ބްލޭޒަންއަށް ނާޖާއިޒު މަންފާ ހޯދައިދިނުމަށް ކޮށްފައިވާ އަމަލެކެވެ.