ހަބަރު

އިސްލާމީ ލަޝްކަރުގެ ވެރިންގެ ބައްދަލުވުމަށް ޗީފް އޮފް ޑިފެންސް ސައުދީއަށް

ސައުދީ އަރަބިއްޔާ އިން އެކުލަވައިލި އިސްލާމީ ލަޝްކަރުގެ އިސް ވެރިންނަށް ބާއްވާ ސެމިނާއެއްގައި ބައިވެރިވެވަޑައިގަތުމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހުމަދު ޝިޔާމް ސައުދީ އަރަބިއްޔާއަށް ފުރާވަޑައިގެންފި އެވެ.

އިސްލާމީ ލަޝްކަރުގެ އިސްވެރިންނަށް ބާއްވާ ސެމިނާރަކަށް ޝިޔާމް މިރޭ ފުރާވަޑައިގެންނެވި އިރު މީގެ ކުޑަ ދުވަސްކޮޅެއް ކުރިން އެމަނިކުފާނު ވަނީ އެ ލަޝްކަރުގެ ފަރާތުން ސައުދީ އަރަބިއްޔާގައި މިހާރު ކުރިއަށްދިޔަ "ތަންޑާ އޮފް ދަ ނޯތު" އަސްކަރީ ތަމްރީނުތައް ބައްލަވާލެއްވުމަށްވެސް ވަޑައިގަންނަވާފަ އެވެ.

ބައްދަލުވުން އޮންނާނީ ސައޫދީގެ ވެރިރަށް ރިޔާދުގަ އެވެ.

ރާއްޖެއާ އެކު 34 ގައުމެއްގެ އަސްކަރިއްޔާ ހިމެނޭ އެ ލަޝްކަރު އުފެއްދީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ. އެ ލަޝްކަރުގެ މައިގަނޑު ބޭނުމަކީ އިސްލާމްދީނުގެ އަސްލު އޮޅުވާލުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިންގާ ޓެރަރިޒަމްގެ އަމަލުތައް ހުއްޓުވައި އެކަންކަމަށް ފާރަވެރިވުމެވެ.

އިސްލާމީ ލަޝްކަރުގެ ކޮމާންޑްކަން ކުރާ ސައޫދި އަރަބިއާގެ ޑެޕިއުޓީ ކްރައުން ޕްރިންސް މުހައްމަދު ބިން ސަލްމާން ވިދާޅުވީ، އެކުވެރި އަސްކަރިއްޔާގެ ލަޝްކަރަކީ މުޅި އިސްލާމީ މުޖުތަމައަށް ރައްކާތެރިކަން ކަށަވަރުކޮށްދޭނެ ލަޝްކަރަކަށް ވާނެ ކަމަށެވެ. އެގޮތުން ޓެރަރިޒަމްގެ ބަލިމަޑުކަމުން އިސްލާމީ އުންމަތް ސަލާމަތް ކުރުމަށް ލަޝްކަރުގެ ފަރާތުން ކުރަން ނިންމާފައިވާ ބައެއް މަސައްކަތްތައް ކުރިއަށް އޮތް ދެތިން މަހުގެ ތެރޭގައި ފަށާނެ ކަމަށެވެ.

ސައުދީ އަސްކަރިއްޔާގެ ތަރުޖަމާނު ބްރިގޭޑިއާ ޖެނެރަލް އަހުމަދު އަލް އަސިރީ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ، ޓެރަރިޒަމާ ދެކޮޅަށް ކުރަންޖެހުނު ކޮންމެ ކަމެއް ކުރަން އެ ލަޝްކަރު އޮންނާނީ އަބަދުވެސް ތައްޔާރަށް ކަމަށެވެ.

ސައޫދީން އަލަށް އެކުލަވައިލި އަސްކަރީ ގުޅުމުގައި ހިމެނޭ ގައުމުތަކުގެ ތެރޭގައި، ސައޫދީ، ޖޯޑްން، އެމިރޭޓްސް، ޕާކިސްތާން، ބަހްރައިން، ބަނގްލަދޭޝް، ބެނިން، ތުރުކީ، ޗާޑް، ޓޯގޯ، ތޫނިސް، ޖިބޫތީ، ސެނެގާލް، ސޫދާން، ސިއެރަލިއޯން، ސޯމާލިޔާ، ގެބޯން، ގިނީ، ފަލަސްތީން، ކޮމިރޯސް، ގަތަރު، ކޮއްޑިވޯރް، ކުވައިތު، ލުބްނާން، ލީބިޔާ، ދިވެހިރާއްޖެ، މާލީ، މެލޭޝިޔާ، މިސްރު، މޮރޮކޯ، މޮރިޓޭނިޔާ، ނައިޖަރް، ނައިޖީރިޔާ އަދި ޔަމަން ހިމެނެ އެވެ.