ހަބަރު

މަސްތުވާތަކެތި ކޮންޓްރޯލްކުރާ ފަންޑަށް ފައިސާއެއް ނުލިބޭ

މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން އުފައްދާފައިވާ މަސްތުވާތަކެތި ކޮންޓްރޯލްކުރުމާ ބެހޭ ގައުމީ ފަންޑަށް މިދިޔަ އަހަރާއި މިއަހަރު އެއްވެސް ފައިސާއެއް ލިބިފައި ނުވާ ކަމަށް އެ ފަންޑުގެ ގަވާނިން ބޯޑުން ބުނެފި އެވެ.

ފަންޑުގެ ގަވާނިން ބޯޑުން، އެ ފަންޑުން ކުރި ހަރަދުތައް އިއުލާނުކުރުމަށް ނެރުނު ރިޕޯޓުގައި ބުނީ ނިމުނު 2015 ވަނަ އަހަރުގެ ފެބްރުއަރީއިން ފެށިގެން މިއަހަރުގެ ފެބްރުއަރީގެ ނިޔަލަށް ފަންޑްގެ އެކައުންޓަށް އެއްވެސް ވަރަކަށް ރުފިޔާ ޖަމާނުވާ ކަމަށެވެ.

މަސްތުވާތަކެތި ކޮންޓްރޯލްކުރުމާއި ބެހޭ ގައުމީ ފަންޑަށް ޖަމާ ކުރާނީ، މަސްތުވާތަކެއްޗާއި ބެހޭ ގާނޫނުގެ ދަށުން ދައުލަތަށް ނެގޭ ފައިސާއާއި ދައުލަތަށް ނެގޭ މުދާ ނީލަމުގައި ވިއްކައިގެން ލިބޭ ފައިސާގެ އިތުރުން މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރަން އެކި ފަރާތްތަކުން ދޭ ފައިސާއެވެ.

މަސްތުވާތަކެތި ކޮންޓްރޯލް ކުރުމާ ބެހޭ ފަންޑެއް ހުޅުވާލައި އެ ފަންޑު ބަލަހައްޓާނެ ހަތް މެންބަރުންގެ ގަވާނިން ބޯޑެއް އެންމެ ފުރަތަމަ ކަނޑައެޅީ 2012 ވަނަ އަހަރު އެވެ. އެފަހުން 2014 ވަނަ އަހަރު ވަނީ މެންބަރުންގެ އަދަދު ފަހަކަށް ތިރިކޮށްފައެވެ. މިހާރުގެ ޕީޖީ އަކަށް ހުންނެވި އައިޝަތު ބިޝާމް އަކީ ވެސް މަގާމަށް ވަޑައިގެންނެވުމުގެ ކުރިން އެ ބޯޑުގެ މެންބަރެކެވެ.