ހަބަރު

ސުނާމީގައި ގެއްލުންވި ކޮޅުފުށީގެ ގެތައް މަރާމާތުކުރުމުގައި ކޮރަޕްޝަން ހިމެނޭތޯ ބަލަނީ

ދެހާސް ހަތަރުވަނަ އަހަރު އެރި ސުނާމީ އާއި ގުޅިގެން މ. ކޮޅުފުށީގެ ގެއްލުންވި ގެތަކަށް މަރާމާތަށް ނުވަ ލައްކަ އަށްވުރެ ގިނަ ރުފިޔާ ސަރުކާރުން ހަރަދުކުރީ ގެތަކަށް ލިބުނު ގެއްލުމާއި ހަރަދު ހިނގާނެ ވަރަށް ބެލުމަށްފަހު ނޫން ކަމަށް އޮޑިޓާ ޖެނަރަލްގެ އޮފީހުން ހާމަކޮށްފި އެވެ.

އޮޑިޓް އޮފީހުން ނެރުނު، ދެހާސް ބާރަ ވަނަ އަހަރުގެ ހައުސިން މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ބުނީ، ސުނާމީއާއި ގުޅިގެން ކޮޅުފުށިން ގެއްލުން ލިބުނު ބައެއް ގެތަކުގެ މަރާމާތަށް އެ ގެތަކުގެ ވެރިފަރާތްތަކަށް ފައިސާ ހަވާލުކުރި އިރު، އެ ފައިސާ ހަވާލުކުރީ ކޮން ކަމަކަށް ކަން މިނިސްޓްރީން ޔަގީންކޮށްފައި ނުވާކަމަށެވެ. އަދި މިނިސްޓްރީއާއި ފައިސާ ހަވާލުކުރެވުނު ފަރާތާއި މެދު މާލިއްޔަތު ގަވާއިދާއި އެއްގޮތަށް އެއްބަސްވުމެއް ހެދިފައިވާއިރު، އެއްބަސްވުމުގައި ވާގޮތަށް މަރާމާތު ހިނގަމުންދާއިރު ކޮންމެ ތިން ހަފުތާއަކުން އެފަރާތްތަކުން ރަށު ކައުންސިލަށް ހުށަހަޅަންޖެހޭ މަރާމާތުގެ މަސައްކަތަށް ހޭދަވާ ހަރަދުގެ ތަފްސީލް ރިޕޯޓުވެސް މިނިސްޓްރީން ހޯދާފައިނުވާ ކަމަށެވެ.

މ. ކޮޅުފުށިން ގެއްލުންވި ގެތަކަށް ފައިސާ ހަރަދުކުރި ގޮތުގެ އެއްވެސް ތަފްސީލެއް އެނގެން ނެތް އިރުވެސް 2012 ވަނަ އަހަރު އެރަށުގެ އެކި ފަރާތްތަކަށް ނުވަ ލައްކަ އަށްޑިހަ ހާސް ރުފިޔާ ހަރަދުކޮށްފައިވާކަން އޮޑިޓުން ފާހަގަ ކުރިއެވެ.

"މަރާމާތުކުރަންޖެހިފައިވާ ގެތަކުގެ ވެރިފަރާތްތަކާއި މިނިސްޓްރީއާ ދެމެދު ވެވުނު އެއްބަސްވުމުގައިވާ މަރާމާތަށް ފައިސާ ހަރަދުކުރެވޭ ގޮތުގެ ރިޕޯޓު ނުހޯދާ، މަރާމާތްތަކަށް އެފަރާތްތަކަށް ފައިސާ ހަވާލުކޮށްފައިވުމަކީ މަރާމާތަށް ހިނގި އަސްލު ހަރަދަށްވުރެ އިތުރަށް ފައިސާ ހަރަދުވާން މަގުފަހިވާނެ ކަމެކެވެ،" އޮޑިޓް ރިޕޯޓުގައި ބުނެފައިވެ އެވެ.

އެހެންކަމުން އެ މައްސަލަ އިތުރަށް ތަހުގީގުކުރުމަށް އޭސީސީ އަށް މައްސަލަ ފޮނުވުމަށް އޮޑިޓާ ޖެނަރަލް ވަނީ ލަފާދެއްވާފަ އެވެ.