ޑރ. މުހައްމަދު މުއިއްޒު

"ހަތަރު ބިލިއަން ރުފިޔާގެ މަޝްރޫއު އެބަ ހިންގަން"

  • މަސައްކަތުގައި ބޮޑެތި ރާޅު ހުރީ އަޅުގަނޑަށް
  • ތިން ގިޔަރު އަދި ކުރިޔައަށްލާންޖެހޭ
  • އާންމުންނަށް މަސައްކަތުގެ އަޕްޑޭޓް ބޭނުންވޭ

ރާއްޖޭގެ ތަރައްގީގައި ހަތަރު ބިލިއަން ރުފިޔާގެ މަޝްރޫއުތައް މިވަގުތު ހައުސިން މިނިސްޓްރީން ހިންގަމުން އަން ކަމަށާއި އެ މަސައްކަތްތައް ހިނގާ ނުހިނގާ ފަސޭހައިން އާންމުންނަށް އެނގޭނެ ނިޒާމެއް ރާވަމުން އަންނަ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އިއްޔެ "އަވަސް ވީކެންޑް" އަށް މިނިސްޓަރު މުއިއްޒު ދެއްވި ހާއްސަ އިންޓަވިއުއެއްގައި މިވަގުތު އެ މިނިސްޓްރީގެ ދަށުން ހިނގާ ތަރައްގީ ހުރިހާ ޕްރޮޖެކްޓްތަކެއްގެ ޖުމްލަ އަގު ހަތަރު ބިލިޔަން ރުފިޔާއަށްވުރެ މައްޗަށް އަރާ ކަމަށާއި އެ މަސައްކަތް ހިނގާ ނުހިނގާ ގޮތުގެ މައުލޫމާތު އާންމުންނާ ހަމައަށް ގެންދިއުމަށް އެންމެ އެކަށީގެންވާ މަސައްކަތް އަދި ނުކުރެވޭ ކަމަށެވެ.

"މިހާރުވެސް ނޫސްވެރިން މެދުވެރިކޮށާއި މީޑިއާގެ އެހެން ވަސީލަތްތައް ބޭނުންކޮށްގެން މަސައްކަތްތަކެއް ކުރެވޭ ހައުސިން މިނިސްޓްރީގެ ދަށުގައި މިވަގުތު ހުރި ބޮޑެތި މަސައްކަތްތަކުގެ ސާފު އަޕްޑޭޓްސް ދޭން، އެކަމަކު ފަސޭހައިން އެންމެނަށް ހުރިހާ މައުލޫމާތެއް ލިބޭނެ މިޒާމާނުގެ ނިޒާމެއް އެބޭނުންވޭ، އެކަން ކުރަން އަޅުގަނޑު އެބަ މަސައްކަތް ކުރަން،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ކުރިޔަށް އޮތް ދުވަސްތަކުގައި ބޮޑެތި ބިޔަ މަޝްރޫއުތައް އަދި ކުރިޔަށް އެބައޮތް ކަމަށާއި މިހާރު ހައުސިންގެ ދަށުގައި ހިނގަ ހިނގާ އޮތް ހަތަރު ބިލިޔަން ރުފިޔާގެ މަޝްރޫއު ތަކުގެ ތެރެއިން އޭގެ ވަރަށް ގިނަ ޕްރޮޖެކްޓް ވަދެގެންދާއިރު މަސައްކަތް ހިނގާ ގޮތް ރައްޔިތުންނާ ގާތަށް ގެންދަން ޖެހޭ ކަމަށެވެ.

"ރައީސް ޔާމީންގެ މެނިފެސްޓޯ ވަރަށް ބޮޑު. އަޅުގަނޑަށް މިއޮތީ އުމްރާނީ ތަރައްގީގެ ބޮޑުބައި، އެކަންކަން އަޅުގަނޑަށް ނުވަންޏާ އަޅުގަނޑުގެ ބޭނުމެއް ނެތް ސަބަބަކީ އޭރަށް ރައީސްގެ ވައުދުތައް ހާސިލްވާވަރު އޮންނާނީ ރައްޔިތުންނަށް ނޭނގި. އަޅުގަނޑު ބޭނުންވާ ލެވެލްއާ ގާތަަށް ވެސް އެކަމެއް ނުކުރެވޭ މީޑީއާ އާ އަޅުގަނޑާއި މިނިސްޓްރީ އިތުރަށް ކައިރިވާން ޖެހޭ. ޕީއާރް ރަނގަޅުވާން ޖެހޭ ރައީސް ޔާމީން ސަރުކާރު އެޗީވް ކުރާ މިންވަރު ރައްޔިތުންނާ ހަމައަށް ގެންދިއުމުގައި ކުރެވޭ މަސައްކަތާމެދު އަޅުގަނޑު ހިތްހަމައެއް ނުޖެހޭ. އަދި ދެ ތިން ގިއަރު އަޅުގަނޑު ޖެހޭ މައްޗަށް ޖައްސަން،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ހަތަރު ބިލިއަން ރުފިޔާގެ މަސައްކަތް މިހާރުވެސް ކުރިޔަށްދާއިރު އެ މަސައްކަތް ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި އެތައް ގުނައަކަށް އިތުރުވެގެންދާނެ ކަމަށެވެ. އެހެންކަމުން ހުރިހާ މަޝްރޫއުތަކެއް ފުރިހަމަޔަށް ނިންމެވުމަށްޓަކައި އެކަންމުގެ މައުލޫމާތު ފެތުރުމުގައިވެސް ވަރަށް ތައްޔާރުވާންޖެހޭ ކަމަށެވެ. އަދި މި ފަސް އަހަރު ނިމޭއިރު ހައުސިން މިނިސްޓްރީގެ ހުރިހާ ޒިންމާއެއް ފުރިހަމަޔަށް ނިންމަވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ބޮޑެތި ރާޅު ހުރީ އަޅުގަނޑަށް. ބްރިޖާ އެކީގައި ހަތަރު ބިލިއަނެއްހާ ރުފިޔާގެ މަޝްރޫއު އަޅުގަނޑުގެ ޒިންމާގައި އެބައޮތް. ކުރިއަށް އޮތް ދެ އަހަރަށްވެސް އިތުރު ބޮޑެތި ކަންކަން އަދި އޮތީ. އަޅުގަނޑު މިހުރީ ތައްޔާރުވެގެން. ގައުމަށްޓަކައި އަދި ރައީސް ޔާމީންގެ ވައުދުތައް ފުއްދައިދިނުމަށް މައިދާނުގައި ފަހު ވަގުތާ ހަމަށް ހުންނާނަން،" މުއިޒު ވިދާޅުވި އެވެ.