މޯލްޑިވިއަން

ޓެނިސް ކުޅެފައި ގެއަށް ދަނިކޮށް މޯލްޑިވިއަންގެ އިންޖިނިއަރިން ހެޑް މަރުވެއްޖެ

Mar 26, 2016
4

ގައުމީ އެއާލައިން މޯލްޑިވިއަންގެ އިންޖިނިއަރިން ޑިޕާޓްމަންޓްގެ ހެޑް، އަދި އެ އެއާލައިން އުފެއްދުނީއްސުރެ މުވައްޒަފެއްގެ ގޮތުގައި ހުންނެވި އަލީ ފިރާގު، 50 އަހަރު ކުއްލި ގޮތަކަށް މިރޭ މަރުވެއްޖެ އެވެ. އޭނާއަކީ ރާއްޖޭގައި ހުރި އެންމެ ތަޖުރިބާކާރު އެއް އެއާކްރަފްޓް އިންޖިނިއަރެވެ.

މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު، އަބްދުލް ހާރިސް މިރޭ، "އަވަސް" އަށް ވިދާޅުވީ ފިރާގު މިއަދުވެސް އޮފީހަށް ނިކުމެ ވަޑައިގެން ވަރަށް ގިނަ އިރު އޮފީހުގައި މަސައްކަތުގައި އުޅުއްވި ކަމަށެވެ. އަދި ފިރާގު މަރުވެފައި ވަނީ އޮފީސް ނިންމާލެއްވުމަށް ފަހު ގެއަށް ވަޑައިގަތް، އަރާމު ކުރެއްވުމަށް ފަހު، އާދައިގެ މަތިން ޓެނިސް މެޗެއް ކުޅުއްވުމަށް ފަހު ގެއަށް ވަޑައިގެން މަގުމަތީގައި ކަމަށެވެ. ފިރާގު މަރުވީ ހާޓް އެޓޭކެއް ޖެހިގެންނެވެ. ފިރާގު ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށްވެ އެވެ.

ހާރިސް ވިދާޅުވީ ފިރާގު ކުއްލި ގޮތަކަށް މަރުވުމަކީ ކުންފުންޏަށް ލިބުނު ފޫނުބެއްދޭ ވަރުގެ ގެއްލުމެއް ކަމަށެވެ. އަދި ހިތާމައިގައި މުޅި ކުންފުނި ބައިވެރިވާ ކަމަށް ވެސް ހާރިސް ވިދާޅުވި އެވެ. ހާރިސް ސިފަކުރެއްވި ގޮތުގައި، ފިރާގަކީ ކުންފުންޏަށް ވަފާތެރި އަދި އޭނާގެ ދުވަހުގެ ގިނަ ވަގުތުތައް ކުންފުންޏަށް ދެއްވާ ބޭފުޅެކެވެ. އަދި މޯލްޑިވިއަން މިހިސާބަށް ދިޔުމުގައި ފިރާގުގެ އެހީތެރިކަމާ އެއްބާރުލުން ބޮޑު ކަމަށް ވެސް ހާރިސް ވިދާޅުވި އެވެ.

"މިއީ ކުންފުންޏަށް ލިބުނު ފޫނުބެއްދޭ ވަރުގެ ގެއްލުމެއް. އަޅުގަނޑުމެން ހުރިހާ ސްޓާފުން ވެސް މިތިބީ ޝޮކެއްގައި. މުޅި ކުންފުނި އާއިލާއާ އެކު ބައިވެރިވަން. އެބޭފުޅާ ވަރުގެ ޑެޓިކޭޓެޑް ސްޓާފެއް އަޅުގަނޑު ނުދެކެން. ދުވާލެއްގެ 20 ގަޑިއިރު އެބޭފުޅާ ކުންފުންޏަށް ދެއްވާނެ. ކުންފުނި ފެށުނީއްސުރެ އެބޭފުޅާ އެ ހުރީ އަޅުގަނޑުމެންނާ އެކު. ކުންފުންޏަށް މިވަރުގެ ލޯޔަލް ބޭފުޅެއް އަޅުގަނޑު ނުދެކެން،" ހާރީ ވިދާޅުވި އެވެ.

ފިރާގު ތައުލީމު ހާސިލް ކުރެއްވީ، އިނގިރޭސިވިލާތުންނެވެ. އައިލެންޑް އޭވިއޭޝަނަށް މިވީ 20 އަހަރުގެ ތެރޭގައި އޭނާ ވަނީ ގިނަ ހިދުމަތްތަކެއް ކުރައްވައިފަ އެވެ. ފިރާގުގެ ޖަނާޒާ މިރޭގެ ވަގުތެއްގައި ބޭއްވުމަށް އަންނަނީ ތައްޔާރުވަމުންނެވެ. މޯލްޑިވިއަންގެ ބޯޑް މެންބަރުންނާއި އިސް މުވައްޒަފުން އަދި އޭނާއާ އެކު މަސައްކަތް ކުރާ މިވައްޒަފުން ވެސް މިވަގުތު ތިބީ އައިޖީއެމްއެޗްގަ އެވެ.

އެތަނުން މުވައްޒަފަކު ބުނީ، އެއީ އޭނާއަށް ފެނުނު އެންމެ ރަނގަޅު ބޮސް ކަމަށެވެ. އަބަދުވެސް މަސައްކަތް ކުރާނީ މީހުންނާ ވަރަށް ގުޅިގެން ކަމަށް ވެސް އޭނާ ބުންޏެވެ. އަދި މަޖާ ކުރައްވައި ހީ ސަމާސާ ކުރައްވާ ވެސް ހައްދަވާނެ ކަމަށް އެ މުވައްޒަފު ބުންޏެވެ.

"ކުއްލި ޝޮކެއް ލިބުނީ! މިއަދުވެސް ވަރަށް މަޖާކޮށް އޮފީހުގައި އުޅުނު. ވަރަށް ހިތްހެޔޮ އެންމެނާ ގުޅޭ މިޒާޖެއް ހުންނާނީ،" މުވައްޒަފު ބުންޏެވެ.