އެމްޑަބްލިއުއެސްސީ

އެމްޑަބްލިޔުއެސްސީއިން ރިސޯޓްތަކަށް ހާއްސަ ޔުޓިލިޓީ ޕެކޭޖްތަކެެއް ލޯންޗުކޮށްފި

މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ރިސޯޓްތަކަށް ހާއްސަކޮށްގެން "އެމްޑަބްލިޔުއެސްސީ ޔުޓިލިޓީ ސޮލިއުޝަންސް"ގެ ނަމުގައި ފެނާއި ނަރުދަމާ އާއި ކަރަންޓުގެ އިންޖިނިއަރިން ޕެކޭކްތަކެއް މިރޭ ތައާރަފްކޮށްފި އެވެ.

މި ޕެކޭޖްތައް ލޯންޗުކޮށްދެއްވީ މިރޭ ހޮޓެލް ޖެންގައި އޮތް ރަސްމިއްޔާތެއްގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ. "އެމްޑަބްލިޔުއެސްސީ ޔުޓިލޮޓީ ސޮލިއުޝަންސް" ގައި ހިމެނެނީ ތިން ބާވަތެއްގެ ޕެކޭޖެވެ.

ފުރަތަމަ ޕެކޭޖަކީ ބޭސިކް ޕެކޭޖްގެ ނަމުގެ ދަށުން ވަކިވަކިން ދެވޭ ފެނާއި ނަރުދަމާ އަދި ކަރަންޓުގެ އިންޖިނިއަރިން ސޮލިއުޝަންސް އެވެ. އަދި ބޭސިކްގެ ދަށުން މިއިން ކޮންމެ ބައެއްގެ އެކި ކޮމްޕެނެންޓްސް އެކި ގޮތްގޮތަށް ހޮވާ ކަސްޓަމައިޒް ވެސް ކުރެވެ އެވެ.

ދެވަނަ ޕެކޭޖަކީ އެލީޓް ޕެކޭޖެވެ. މި ޕެކޭޖްގެ ދަށުން ރިސޯޓުގައި ފެނާއި ނަރުދަމާއާއި ކަރަންޓުގެ އަދި ކުނި ނައްތާލުމުގެ މުޅި ސިސްޓަމް ގާއިމްކުރެވޭނެ އެވެ.

ތިންވަނަ ޕެކޭޖަކީ ބޯނަސް ޕެކޭޖެވެ. އެއީ ރިސޯޓްތަކަށް ފޯރުކޮށްދޭ ހިދުމަތްތައް ދެމެހެއްޓެނިވި ގޮތަކަށް އެެފަރާތުން ފޯރުކޮށްދިނުމަށްޓަކައި ފޯރުކޮށްދޭ ވެލިއު ހިދުމަތްތަކެކެވެ. މީގެތެރޭގައި އޮޕަރޭޝަން އަދި މެއިންޓަނެންސް ތަމްރީނު ޕެކޭޖަކާއި ފެން ތަހުލީލް ކުރުމުގެ ޕެކޭޖް ހިމެނެ އެވެ.

އެމްޑަބްލިއުއެސްސީއިން ބުނި ގޮތުގައި، އެ ކުންފުނީގެ ޔުޓިލިޓީ ސޮލިއުޝަންސްއަކީ އޭގެ ސަބަބުން ތަރައްގީ ކުރެވޭ ރިސޯޓުތަކަށް މަންފާ ކުރާނެ ކަމަށެވެ. އެއީ ބޭރުގެ ކުންފުނިތަކަށް ބަރޯސާނުވެ ދިވެހި ކުންފުންޏެއްގެ އެހީތެރިކަމާއެކު ރިސޯޓުގެ އުމުރާނީ ތަރައްގީ ކުރެވިގެން ދިޔުމަކީ ރިސޯޓު ހިންގާ ފަރާތްތަކަށް ލިބޭނެ ލުއި ފަސޭހައަކަށް ވާނެތީ ކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، ރާއްޖެ މިހާރު އޮތީ ވިޔަފާރީގެ މުޅިން އާ ޒަމާނެއްގައި ކަމަށާއި ރާއްޖޭގައި އިތުރުވަމުންދާ ކޮންމެ ޕްރޮޖެކްޓަކުން ވެސް މާކެޓަށް ފައިދާވެގެންދާނެ ކަމަށެވެ. އެގޮތުން އެމްޑަބްލިއުއެސްސީއިން މިރޭ މާކެޓަށް ތާއަރަފްކުރި އާ ޕްރޮޖެކްޓަކީ އެތައް ބަޔަކަށް އޭގެ ފައިދާ ލިބިގެންދާނެ ކަމެއް ކަމަށެވެ.

"ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ފުރަތަމަ ފަހަރަށް ދިރުން ގެނެސްދީފި، ސަރުކާރު ހިއްސާވާ ކުންފިނިތަކަށް ޒަމާންސުރެ ވެސް މައްސަލަތަކެއް އޮތް، ރައީސް ޔާމީންގެ އަމާޒަކީ އެ މައްސަލަތައް ހައްލުކުރުން، އެހެންވީމަ އެމްޓީސީސީއަށް ތިޔާގިކަން ލިބުނީ، އެހެންވީމާ އެސްޓީއޯއަށް ތިޔާގިކަން ލިބުނީ، އެމްޑަބްލިއުއެސްސީއަށް ވެސް ތިޔާގިކަން ލިބުނީ އެހެންވެ،" ސައީދު ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ، ޕްރައިވެޓް ސެކްޓަރުގައި ވަރަށް ގާބިލު ބައެއް އެބަ ތިބި ކަމަށާއި ލީޑަރަކު ޕްރައިވެޓް ސެކްޓަރަކަށް ކޮށްދޭންޖެހޭ ހުރިހާ ކަމެއް ރައީސް ޔާމީން ކޮށްދެއްވަމުންދާ ކަމަށެވެ. ޕްރައިވެޓް ސެކްޓަރުން ހަރުދަނާވުމުން ބަޖެޓަށް ތިޔާގިކަން ލިބި، ވަޒީފާގެ މުއްސަނިދިކަން ލިބިގެންދާނެ ކަމަށެވެ.

އެމްޑަބްލިއުއެސްސީގެ އެމްޑީ އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވީ، އެ ކުންފުނީގެ އަމާޒަކީ ކުންފުންޏަށް ލިބޭ ފައިދާ ނޫން ކަމަށާއި ކުންފުނިން ފޯރުކޮށްދޭ ހިދުމަތްތަކުން ލިބޭ އުފަލަކީ ވެސް އެ ކުންފުންޏަށް ލިބޭ ބޮޑު ފައިދާއެއް ކަމަށެވެ.

ފަޒުލް ވިދާޅުވީ، އެމްޑަބްލިއުއެސްސީއިން އާ ޕްރޮޖެކްޓެއް ތައާރަފްކުރިއިރު އެކަމަށް ދިރާސާކުރާތާ ގިނަ އަހަރުތަކެއް ވެއްޖެ ކަމަށެވެ. މިރޭ ތައާރަފްކުރެވުނު ހިދުމަތަކީ ރާއްޖޭގެ އުފެއްދުންތެރި ކަމަށް އިންގިލާބެއް ގެނެސްދޭނެ އަދި ގައުމުގެ އިގުތިސޯދަށާއި ތަރައްގީއަށް އެކިއެކި ގޮތްގޮތުން ފައިދާކުރާނެ ކަމަށެވެ.

"ޔޫޓިލިޓީ ސޮލިއުޝަންސްގެ ތެރޭގައި ހަމައެކަނި ނަރުދަމާއި ފެނުގެ ހިދުމަތެއް ނޫން، ޕަވާގެ އަދި ކުނި މެނޭޖްކުރުމުގެ ހިދުމަތްތައް ވެސް ލިބިގެންދާނެ، މިފަދަ މަސައްކަތްތައް ކުރެވިގެންދާއިރު، އެމްޑަބްލިއުއެސްސީގެ އަމާޒަކީ ކަސްޓަމަރުން ހިތްހަމަ ޖެހޭނެފަދަ ހިދުމަތެއް ފޯރުކޮށްދިނުން،" ފަޒުލް ވިދާޅުވި އެވެ.